ޝަރުއީ ކޯޓަކުން މީހެއްގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވެގެން ހުކުމް ކޮށްފައިވާ ނަމަ އެ މީހަކާ ދިމާއަށް ވަގަށް ގޮވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިން މޭޓް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ގއ. ވިލިނގިލީގައި މިރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނެވި އޮންނެވުމަށް އިޝާރާތް ކުރައްވައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، މީހެއްގެ މައްޗަށް ވައްކަމުގެ ހުކުމް ސާބިތުވެ ޖަލަށްލާފައިވުމަކީ ދެން ތިބޭ ހުރިހާ މީހުން ވަގުންނަށް ވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"ވަގެއްވެއްޖިއްޔާ އެ ވަގަކު ހިފާނެ ގޮތް އެބަ އޮތް. ވައްކަން މީނާ ކުރާކަމަށްވަނީ ނަމަ މައްސަލަ ހުށަހެޅޭނެ އިދާރާތައް އެބަ ހުރި. މައްސަލަ ބެލޭނެ ގޮތް އެބަ ހުރި. މައްސަލަ ތަހުގީގުކުރުމަށްފަހު ޝަރީއަތަށް ފޮނުވޭނެ ގޮތް އެބަ ހުރި. ޝަރީއަތަށް ދިއުމަށްފަހު ޝަރީއަތުން ހުކުމެއްޖަހާ ޖަލަށްލާ ބަންދު މިކުރަނީ. ޖަލަށް ލައި ބަންދުކުރީމާ އަޅުގަނޑުމެންނަށް އެއީ ވައްކަމެއްގައި، ކުށުގައިވީމާ ވަގަކޭ ބުނެވިދާނެ" އަސްލަމް ވިދާޅުވިއެވެ.
ޝަރުއީ ކޯޓަކުން ކުށް ސާބިތުނުވަނީސް މީހަކަށް އަމާޒުކޮށް ވަގަށް ނުގޮވޭނެ ކަމަށް ވިދާޅުވެ، އަސްލަމް ވަނީ ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތް ހިންގާ ގޮތަށްވެސް މިރޭ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ސިޔާސީ ހަރަކާތްތަކުގެ ނަމުގައި ތަންތަނުގައި އަލިފާން ރޯކުރުމާއި ޕޯޑިއަމްތަކުގައި ދޮގު ހެދުމަކީ އަދި ވާދަވެރިންގެ އަނބުރަ ކަތިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު