ކްލަބު އީގަލްސް

މޯހަން އުންމީދުގައި: ޗެލެންޖަކީ އަވޭ މެޗެއް ކުޅެން ޖެހުން އެކަނި!

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ކްލަބު އީގަލްސްއިން ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗަށް އޮތް ހަމައެކަނި ޗެލެންޖަކީ މެޗު ބަންގްލަދޭޝްގައި ކުޅެން ޖެހުން ކަމަށް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މިމަހުގެ 16 ވަނަ ދުވަހުގެ ބަންގްލަދޭޝްގެ ސިލެޓް ޑިސްޓްރިކް ސްޓޭޑިއަމްގައި އީގަލްސްއިން ޑާކާ އަބަހާނީއާ ދެކޮޅަށް ނުކުންނަ މެޗު އޮންނާނީ ރާއްޖޭ ގަޑިން މެންދުރު ފަހު 2:15 ގައެވެ. އެ މެޗަށް އީގަލްސްއިން ރޭ ފުރާފައިވާ އިރު، ދުވަސްކޮޅެއް އޮއްވައި އީގަލްސް ބަންގްލަދޭޝްއަށް ދިޔައީ އެ ގައުމުގެ ހާލަތަށް ހޭނުމަށް ކަމަށް ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު މޯހަން ރޭ ބުންޏެވެ. މިހާރު އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ އުސޫލު އޮންނަ ގޮތުން އެ ބުރުގައި ޓީމުތަކުން ކުޅޭނީ އެންމެ މެޗެކެވެ. އެ މެޗު ކުޅޭނެތަނެއް ކަނޑައަޅާނީ ފެންވަރަށް ބަލައި، ކްލަބު ކޮއިފިޝަންޓުންނެވެ.

އީގަލްސްއިން އޭއެފްސީ ކަޕް މެޗަށް ތައްޔާރުވުމަށް ބިދޭސީ އިތުރު ކުޅުންތެރިންތަކެއްވެސް ޓީމަށް ގެނެސްފައިވެއެވެ. އެޓީމުގައި މިހާރު ޖުމުލަ ހަ ބިދޭސީ ކުޅުންތެރިން ހިމެނޭ އިރު، ކްލަބު ވެލެންސިއާއަށް ދާން މަސައްކަތްކޮށް، އެ ކްލަބަށް ނުދެވި ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ރިލްވާން ވަހީދު (ރިލޭ)ވެސް އީގަލްސް ޓީމަށް ވަނީ ގެންގޮސްފައެވެ.

އީގަލްސްއަށް އަލަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކު ފިޔަވައި ދެން ތިބި ކުޅުންތެރިން އެޓީމުން ލީގުގައި މާޒިޔާއާ ދެކޮޅަށް ކުޅެ، 2-2 އިން އެއްވަރު މެޗުގައި ފެނިގެން ދިޔައެވެ. އިއްޔެ މޯހަން ބުނީ ބިދޭސީ ކުޅުންތެރިންގެ ފެންވަރު މާޒިޔާ މެޗުން ރަނގަޅުކޮށް ފެނުމަކީ ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށާއި، މިހާތަނަށް މި ސީޒަނުގައި މެޗެއް ނުކުޅެ ހުރި ކްލަބު ގްރީން ސްޓްރީޓްގެ ކުރީގެ ކެޕްޓަން، ރިލޭ ސްކޮޑަށް އިތުރުވުމަކީވެސް ހިތްހަމަޖެހުމެއް ކަމަށެވެ. މޯހަން ބުނީ ހަމައެކަނި އުނދަގުލަކީ އަވޭގައި ކުޅެން ޖެހުން ކަމަށާއި، އެހެން ނަމަވެސް ޓީމަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށެވެ.

"ތައްޔާރީތައް ރަނގަޅޭ ބުނެވޭނީ. އެންމެފަހުން އަޅުގަނޑުމެން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗަކީ ލިބުނު ވަރަށް ރަނގަޅު މެޗެއް. އެއީ ކުޅުންވެސް ނަތީޖާވެސް ރަނގަޅު މެޗެއް. އެހެން ނަމަވެސް ފަހުން އައި ބޭރު އެއް ކުޅުންތެރިޔާ އަދި ގޮތެއް ބަލައެއް ނުލެވޭ. ދެން އޮތީ އިދިކޮޅު ޓީމް. އެޓީމާ ގުޅޭ ގޮތުން މާ ބޮޑު މައުލޫމާތެއް އަދި ލިބޭ ގޮތެއް ނެތް. އާ ބޭރުގެ ހަ ކުޅުންތެރިން ޓީމަށް ގެނައިކަން އެނގޭ. އަދި ކުޅޭ ދަނޑު އެހާ ކޮންޑިޝަން ރަނގަޅު ނުވާނެ ކަމަށްވެސް މައުލޫމާތު ލިބިފަ އޮތީ. ލެވެލް ނުވުމުގެ ކަންތަކާއި، ހާއްސަކޮށް ވިއްސާރަ ވުމުން ދަނޑު ޗަކަވާނެ ކަމަށްވެސް ކޮންމެވެސް ވަރަކަށް ބެލެވިފަ އޮތީ. އެހެން ނަމަވެސް، އެއްވެސް ބަހަނާއެއް ދެއްކޭނެ، ދައްކައިގެން ފަރުޖެހޭނެވެސް ވަގުތެއް ނޫން މިއީ. ކޮންމެ ގޮތެއްވިޔަސް ދެވަނަ މެޗަކަށް ފުރުސަތު ހޯދަން މޮޅުވާން ޖެހޭ،" އީގަލްސްއާއެކު ސީޒަން ފެށި އިހުސާން އަބްދުލްޣަނީ (ސާންތި) ބަލިވުމާއެކު އީގަލްސްއާ ހަވާލުވެގެން ކުރިއަށްދާ މޯހަން ބުންޏެވެ.

މޯހަން ބުނީ މެޗަށް ކުޅުންތެރިން ތިބީ ފިޓްކޮށް ކަމަށާއި، އިތުބާރު އެބައޮތް ކަމަށެވެ.

"ކުޅުންތެރިންނަށް އިތުބާރު އެބައޮތް. މެނޭޖުމަންޓުން ކޮށްދިން ކަންތައްތަކާމެދުވެސް ވަރަށް ހިތްހަމަޖެހޭ. އެންމެފަހުވަގުތުވެސް ދިމާވި ކުއްލި ހާލަތަކާއެކު އިތުރު ކުޅުންތެރިޔަކު ބޭރުން ގެންނަން ޖެހުމުން އެކަންވެސް ހަމަ ވަރަށް ފުރިހަމައަށް ހަމަޖެހިގެން ދިޔައީ. ހުރިހާ ކުޅުންތެރިންވެސް ކޮންޑިޝަން ވަރަށް ރަނގަޅަށް ފިޓްކޮށް މިތިބީ. ކުރީބައިގަ ދެވޭތީ މާހައުލަށްވެސް ހޭނިލަން ވަގުތު ލިބޭނެ. އިރާދަކުރެއްވިއްޔާ މޮޅުވާނެކަމުގެ އުއްމީދު ވަރަށް ބޮޑު،" މޯހަން ފާހަގަކުރިއެވެ.

ލީގުގައި އީގަލްސްއިން އެންމެފަހުން ކުޅުނު މެޗުގައި މާޒިޔާ މެޗު އެއްވަރުކޮށްލެވުމަކީ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ކޯޗު މޯހަން ބުންޏެވެ. މޯހަން ބުނީ ޑާކާ އަބަހާނީއަކީ ދަށް ޓީމެއް ކަމަށް ބުނަން ބޭނުން ނުވި ނަމަވެސް، އެޓީމަކީ މާޒިޔާއަށްވުރެ މާ ބޮޑަށް މޮޅު ޓީމަކަށް ވެދާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

މިއީ ރާއްޖޭގެ އީގަލްސް އިން އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރާ ދެވަނަ ފަހަރެވެ. އެ ޓީމުން މީގެ ކުރިން އެންމެފަހުން ކޮލިފައިންގައި ވާދަކުރި ފަހަރު ޕްލޭއޮފް ބުރުގެ ފުރަތަމަ މެޗުގައި މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން މޮޅުވިއެވެ. އެ މޮޅާއެކު ޕްރިލިމިނަރީ ދެވަނަ ބުރަށް ކޮލިފައިވެ އީގަލްސްއިން ކުޅެން ޖެހުނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. 2021 ވަނަ އަހަރު ކޮވިޑްގެ ހާލަތު އޮތްގޮތުން އަބަހާނީއަށް އެ ގައުމުގައި މެޗު ކުޅެވޭގޮތް ނުވެ، ދަތުރުކުރުމުގައި ވެސް ދަތިވެފައިވާތީވެ، އެ މެޗު އީގަލްސްއަށް ލިބި ޕްލޭއޮފަށް ދަތުރުކުރިއެވެ.

ޕްލޭއޮފް ބުރުގައި 2021 ވަނަ އަހަރުގެ މެއި މަހު މާލޭގައި ކުޅެން އޮތް މެޗަށް ބެންގަލޫރު އެފްސީ މާލެ އައިސް، ކޮވިޑް ޕްރޮޓޮކޯލާ ހިލާފުވުމުން، އޭއެފްސީން އެވަގުތު ވަނީ މެޗު ފަސްކޮށްފައެވެ. ފަހުން އޮގަސްޓް މަހު އެމެޗު އަލުން ކުޅުނުއިރު، އީގަލްސް ވަނީ ބެންގަލޫރު އަތުން ބަލިވެފައެވެ.