މިއަދު ހަވީރު ކުޅުނު ޕްރެސިޑެންޓްސް ކަޕް 2026 ގެ ޕްލޭ އޮފް މެޗުގައި ކްލަބު އީގަލްސްއިން، ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ.

ޕްރެޒިޑެންޓްސް ކަޕް މިއަހަރު ކުރިއަށް ގެންދަން ރާވަފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ހަ ޓީމުން ވާދަކުރާ އިރު، ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމަށް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ސީދާ ޖާގަ ލިބިފައެވެ. ގްރޫޕްތަކަށް ޓީމުތައް ބަހާލާފައި ވަނީ ސީޑު ކޮށްގެންނެވެ.

ލީގު ތާވަލުގެ ފަސް ވަނައިން ފެށިގެން އަށްވަނަ ދިޔަ ހަތަރު ޓީމުގެ މެދުގައި ނޮކައުޓް ޕްލޭ އޮފް މެޗްތަކެއް ކުޅެން ނިންމާފައިވާ އިރު، އީގަލްސްއިން ގްރޫޕް ސްޓޭޖުން ޖާގަ ހޯދީ މިއަދު ގްރީން ސްޓްރީޓްސް ކައިރިން 6-0 އިން މޮޅުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައިވެސް އީގަލްސްއިން ތިން ގޯލް ޖަހާފައިވާ އިރު، ފުރަތަމަ ގޯލަކީ ގްރީން ސްޓްރީޓްސްގެ އަލް ސައީދު އަބްދުލް ފައްތާހް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭގެފަހުން ހާފު ނިމުމުގެ ކުރިން ފަސް ވަރަކަށް މިނެޓް ތެރޭގައި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ވަނީ އީގަލްސްއަށް އިތުރު ދެ ގޯލް ކާމިޔާބު ކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ފޭދޫ އިއްބެ ހެޓްރިކް ފުރިހަމަ ކުރި އިރު، އީގަލްސްގެ އަނެއް ދެ ގޯލް ޖެހީ މުހައްމަދު ޝަމްހާންއާއި އަލީ ހާފިޒު (ހާއްޕެ) އެވެ.