ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި މިއަދު ކްލަބް އީގަލްސް 2-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ސެމީ ފައިނަލުގެ ޖާގައެއް ޔަގީން ކޮށްފިއެވެ.

މީގެ ކުރިން 12 ފަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައިވާ ނިއުއިން ސެމީ ޔަގީންކުރީ މިއަދު ކްލަބު އީގަލްސް ކައިރިން 2-1 އިން މޮޅުވެގެންނެވެ.

ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބާއި ނިއުއިން 1-1 އިން އެއްވަރުކޮށްފައިވާ އިރު، ނިއުއަށް ސެމީ ޔަގީންވީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ދެން އެ ގްރޫޕުން ސެމީއަށް ދާ ޓީމު ޔަގީންވާނީ އީގަލްސްއާއި އޮޑި ވާދަކުރާ މެޗުންނެވެ.

ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއުއިން ކުރީކޮޅުގައި ލީޑު ނަގާފައިވެއެވެ. އޭރިއާ ތެރެއިން ބްރެޒިލް މިޑްފީލްޑަރު ޑަ ސިލްވާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އީގަލްސްގެ ސިއެރަ ލިއޯން ޑިފެންޑަރު މާވިން ލެބީ ފައިގައި ޖެހިފައެވެ.

އޭގެފަހުން އީގަލްސްއިންވެސް ނުރައްކާ ކޮށްފައިވާ އިރު، ޝަމްވީލް ގާސިމް (ބޮންޑާ) އާއި އިސްމާއިލް އީސަ (މެސީ) ގެ ހަމަލާތައް ފެނުނު ނަމަވެސް ގޯލެއް ނުފެނުނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމެން ދަނިކޮށް، އީގަލްސްއިން އެއްވަރުކުރިއެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނެގި ކޯނަރުން ގޯލް ޖެހީ ހިސާމް ސަލީމް (ކޮކީ) އެވެ.

ދެވަނަ ހާފުގައި ނިއުއިން ވަނީ އަލުން ލީޑު ނަގައިފައެވެ. ބަދަލަކަށް އެރި އަލީ އަޝްފާގު (ދަގަނޑޭ) ދުއްވާލި ބޯޅައިގައި ލީޑު ނަގައިދިނީވެސް ޑަ ސިލްވާއެވެ.