އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ކްލަބު އީގަލްސް ކަޓުވާލައި، ތިންވަނަ ޑިވިޝަނުގައި އޮތް ބްލޫ ސްޕޯޓްސް ކްލަބުން ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީން ކޮށްފިއެވެ.

މިއަހަރުގެ އެފްއޭ ކަޕް މިއަދު ފަށާފައިވާ އިރު، މިއީ 2022 ވަނަ އަހަރު ފަހުން ރާއްޖޭގެ ސީޒަނުގައި އެ މުބާރާތް ކުޅޭ ފުރަތަމަ ފަހަރެވެ. އެފަހަރު އީގަލްސް ބަލިކޮށް ތަށި ނެގީ މާޒިޔާއެވެ. އޭގެ ކުރިން 2017 ވަނަ އަހަރު މުބާރާތް ބޭއްވި އިރު، މުބާރާތް ނެގީ ނިއުއިންނެވެ.

ރާއްޖޭގެ އެންމެ ތާރީހީ އެއް މުބާރާތް ކަމަށްވާ އެފްއޭ ކަޕުން މިފަހަރު ކުއާޓާ ފައިނަލުން ފެންނާނީ ފުރަތަމަ ޑިވިޝަނުގެ އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު، ކްލަބް އީގަލްސް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ބުރު ސްޕޯޓްސް ކްލަބްގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން ތިންވަނަ ޑިވިޝަނުގެ ބްލޫ ސްޕޯޓްސް ކްލަބެވެ.

މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މެޗު އޮތީ 2-2 އިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ބްލޫއިން ކުރި ހޯދީ 6-5 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗަކީ ބްލޫ ސްޕޯޓްސްއިން ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ. އަދި އެ ކްލަބު ހޯދީ ތާރީހީވެސް ކާމިޔާބީއެކެވެ. މީގެ ކުރިން ތިންވަނަ ޑިވިޝަނުގެ ކްލަބެއް އެފްއޭ ކަޕްގެ ސެމީއަށް ދަތުރު ކޮށްފައެއް ނުވެއެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗުގެ ކުރީކޮޅުގައި ބްލޫ ސްޕޯޓްސްއިން ވަނީ ލީޑު ނަގައިފައެވެ. އެ ގޯލް ޖެހީ އަހުމަދު ފާލިހު ލޮމްތަރެވެ. އެ ނަތީޖާއާއެކު ބްލޫއިން ކުރީގައި އޮއްވާ ހާފު ނިމުނު ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅުގައި ދެ ގޯލް ޖަހައިގެން އީގަލްސްއިން ނަތީޖާ އަނބުރާލިއެވެ.

މެޗުގެ 60 ވަނަ މިނެޓުގައި އީގަލްސްއަށް ލިބުނު ޕެނަލްޓީއެއްގައި އިސްމާއީލް އީސަ (މެސީ) މެޗު އެއްވަރުކޮށްދިން އިރު، 76 ވަނަ މިނެޓުގައި ޒައިން ޒަފަރު ވަނީ އީގަލްސްގެ ދެވަނަ ގޯލްވެސް ޖަހައިދީފައެވެ. އެ ނަތީޖާއާއެކު މެޗު ނިމެން ދަނިކޮށް، 86 ވަނަ މިނެޓުގައި ބްލޫއިން އަނެއްކާވެސް އެއްވަރުކުރިއެވެ. އެ ގޯލް ޖަހައިދިނީ އަބްދުﷲ އިޔާދު މުހައްމަދެވެ.

ޕެނަލްޓީގައި އީގަލްސްގެ އީސަގެ ޕެނަލްޓީ ދަނޑިއަށް އަމާޒުވި އިރު، އިތުރު ޕެނަލްޓީއެއް ކީޕަރު މުހައްމަދު އަޝްފާގު އައްޔޫބު ވަނީ މަތަކޮށްފައެވެ.

ކުއާޓާ ފައިނަލް ދެވަނަ މެޗުގައި މިރޭ އޮޑި ނުކުންނާނީ ނިއުއާ ދެކޮޅަށެވެ.