ކްލަބް އީގަލްސް ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބުން ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިއަދުގެ މެޗުގައި އޮޑިން އީގަލްސް ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މިއީ އޮޑީގެ ތާރީހުގައިވެސް ޕްރެޒިޑެންޓްސް ކަޕުގައި ހޯދި ފުރަތަމަ މޮޅެވެ. އެ މޮޅާއެކު އެޓީމުން ސެމީއަށް ދިޔައީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އޮޑިއަކީ މިއަހަރު ފުރަތަމަ ޑިވިޝަން ކުޅެން ފެށި ޓީމެކެވެ. އެޓީމުން ލީގު ނިންމާލީވެސް ދެވަނަ ޓީމުގެ ގޮތުގައެވެ.

މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކުރިއަށް ދަނީ ތިން ޓީމު، ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން އޮޑި އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އެއްވަރުވީ، 1-1 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި ނިއު އަތުން އީގަލްސް ބަލިވީ 2-1 އިންނެވެ. އެއާއެކު އެ ގްރޫޕްގެ ދެވަނަ ލިބުނީ ނިއުއަށެވެ. އޮޑިއަށް އެއްވަނަ ލިބެނީ ފައިދާ ގޯލްގެ ފަރަގުންނެވެ. އެޓީމާއި ނިއުއަށްވެސް ލިބުނީ ހަތަރު ޕޮއިންޓެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ 19 ވަނަ މިނިޓްގައި އީގަލްސް ވަނީ މެޗުގެ ލީޑު ނަގައިފައެވެ. އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ޖައްސާލި ބޯޅައެއްގައި އީގަލްސްއަށް ގޯލް ހުޅުވާލަ ދިނީ އިސްމާއީލް އީސަ (މެސީ) އެވެ.

ފުރަތަމަ ހާފު، 1-0 އިން އީގަލްސް ކުރީގައި އޮވެ ނިންމާލި އިރު، މެޗުގެ 59 ވަނަ މިނިޓްގައި އޮޑިއަށް އެއްވަރުކޮށްދިނީ އަހުޒަމް ރަޝީދު (އަހު) ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ. އެ ގޯލަށްފަހު އޮޑިން ހިތްވަރު ހޯދައި، އިތުރު ގޯލެއްވެސް ޖެހިއެވެ. އެޓީމުގެ ދެވަނަ ގޯލްވެސް ޖެހީ އަހުއެވެ.

އީގަލްސްއިން ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުން ދަނިކޮށް، އޮޑިން ކުރިއަށް ޖެހި، މެޗުގެ 87 ވަނަ މިނިޓްގައި ތިން ވަނަ ގޯލެއް ޖެހިއެވެ. އެ ގޯލަކީ އަހުމަދު އައިހަމް (އައިހު) ޖަހައިދިން ހިތްގައިމު ގޯލެކެވެ.