އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅުމަށް ކްލަބު އީގަލްސްއިން މިރޭ ބަންގްލަދޭޝްއަށް ފުރަން ތައްޔާރުވެއްޖެއެވެ.
އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އީގަލްސްއިން ނުކުންނާނީ މިމަހުގެ 16 ވަނަ ދުވަހު ބަންގްލަދޭޝްގައެވެ. އީގަލްސްއިން އެ މެޗަށް ކުރަން ޖެހޭ ދަތުރު ދިގުވުމާއެކު އެ ކްލަބުން މި ހަފުތާ ލީގުގައި ކުޅެން އޮތް މެޗުވެސް އެފްއޭއެމްއިން ވަނީ ފަސްކޮށްދީފައެވެ. އީގަލްސްއިން ރޭ މާޒިޔާއާ ދެކޮޅަށް ކުޅެން އޮތް މެޗު ވަކި ތާރީހެއް ނެތް ގޮތަށް ފަސްކޮށްދީފައިވާ އިރު، އީގަލްސްއިން ބަންގްލަދޭޝްއަށް ފުރަން ތައްޔާރުވެފައި ވަނީ މިރޭއެވެ.
މިއީ ރާއްޖޭގެ އީގަލްސް އިން އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރާ ދެވަނަ ފަހަރެވެ. އެ ޓީމުން މީގެ ކުރިން އެންމެފަހުން ކޮލިފައިންގައި ވާދަކުރި ފަހަރު ޕްލޭއޮފް ބުރުގެ ފުރަތަމަ މެޗުގައި މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން މޮޅުވިއެވެ. އެ މޮޅާއެކު ޕްރިލިމިނަރީ ދެވަނަ ބުރަށް ކޮލިފައިވެ އީގަލްސްއިން ކުޅެން ޖެހުނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. 2021 ވަނަ އަހަރު ކޮވިޑްގެ ހާލަތު އޮތްގޮތުން އަބަހާނީއަށް އެ ގައުމުގައި މެޗު ކުޅެވޭގޮތް ނުވެ، ދަތުރުކުރުމުގައި ވެސް ދަތިވެފައިވާތީވެ، އެ މެޗު އީގަލްސްއަށް ލިބި ޕްލޭއޮފަށް ދަތުރުކުރިއެވެ.
ޕްލޭއޮފް ބުރުގައި 2021 ވަނަ އަހަރުގެ މެއި މަހު މާލޭގައި ކުޅެން އޮތް މެޗަށް ބެންގަލޫރު އެފްސީ މާލެ އައިސް، ކޮވިޑް ޕްރޮޓޮކޯލާ ހިލާފުވުމުން، އޭއެފްސީން އެވަގުތު ވަނީ މެޗު ފަސްކޮށްފައެވެ. ފަހުން އޮގަސްޓް މަހު އެމެޗު އަލުން ކުޅުނުއިރު، އީގަލްސް ވަނީ ބެންގަލޫރު އަތުން ބަލިވެފައެވެ.
އަބަހާނީ ބަލިކޮށްގެން، މި ފަހަރުގެ ޕްލޭއޮފް ބުރަށް އީގަލްސް ދަތުރުކޮށްފިނަމަ އެ ބުރުގައި ކުޅެން ޖެހޭނީ އިންޑިއާގެ މޯހަން ބަގާންއާއި ނޭޕާލުގެ މަޗިންދުރަ އެފްސީ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ޕްލޭއޮފުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕުން ފުރުސަތު ލިބޭނެއެވެ.