ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރަނިން މޭޓު ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު މުހައްމަދު ލަތީފު (ސެމްބެ) އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން ރައީސް ވިދާޅުވީ ހުސެންއަކީ އެ މަނިކުފާނުގެ ގާތް އެކުވެރިއެއް ކަމަށެވެ. ސެމްބެއާއެކު މިހާރު ވެސް އެކުވެރިކަމުގެ ގޮތުން ވާހަކަދައްކަމުން ގެންދަވާ ކަމަށެވެ.

"ޕީޕީއެމްގެ ކެންޑިޑޭޓްގެ ރަނިންމޭޓަކީ ފަރެސްއަށް ނިސްބަތްވާ ބޭފުޅެއް. ހުސެއިން މުހައްމަދަކީ އަޅުގަނޑުގެ ރައްޓެއްސެއް، މިހާރުވެސް ވާހަކަދައްކައި އުޅެން. އަޅުގަނޑު އެ ބޭފުޅާއަށް މަރުހަބާ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ވާދަވެރިކަން ނުގެއްލޭގޮތަށް ކަންތައް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކޮވިޑު-19އިގެ ދަތި ދުވަސްވަރު ވިންދު ޖަހައިޖަހައި އޮތް ހަމައެކަނި ދާއިރާއަކީ މަސްވެރިކަން ކަމަށެވެ. މަސްވެރިންގެ ގޮތުގައި ރާއްޖޭގައި 17،000 މީހުން އެބަތިބިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުން މަސައްކަތް ކުރީ ކަޅުބިލަމަހުގެ މަސްވެރިކަން ޕްރައިވަޓައިޒް ކުރަން ކަމަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށާއި ޕްރައިވެޓް ސެކްޓާއަށް ކަޅުބިލަމަސް ގަނެ އެދެވޭ ގޮތެއްގައި ބޭރު ނުކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ. ޕްރައިވެޓް ސެކްޓާއަށް އެކަން ކުރުމުގައި ދިމާވާ ދައްޗަކީ ފައިސާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރީގެ ސަރުކާރުން މަސައްކަތްކުރީ އެ ދާއިރާ ޕްރައިވަޓައިޒް ކުރަން. ނަމަވެސް ކަޅުބިލަމަސް ގަނެ ބޭރުކުރަން ޕްރައިވެޓް ސެކްޓާއިން އެދެވޭ މަސައްކަތް ކުރެވިފައެއް ނުވޭ، ސަބަބަކީ ފައިސާ ވެސް ބޭނުންވޭ" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ކަޅުބިލަމަހުގެ މަސްވެރިކަން ޕްރައިވަޓައިޒް ކުރުމުގެ ބަދަލުގައި ސަރުކާރުން އަންނަނީ ކޫއްޑޫއާއި ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރަމުން ކަމަށެވެ.

މަސްވެރިކަމުގެ ދާއިރާއަށް ކުރީގެ ހުރިހާ ސަރުކާރުތަކުން ވަނީ އިހުމާލުވެފައި ކަމަށްވުމުން، އެ ދާއިރާގެ ތަރައްގީއަށް ކުރަން ޖެހޭ މަސައްކަތް ގިނަކަމަށް ރައީސް ވިދާޅުވިއެވެ.