ބްރިކްސްގެ ގައުމުތަކުގެ އަހަރީ ސަމިޓް އޮގަސްޓް މަހު ވިހި ވަނަ ދުވަހު ދެކުނު އެފްރިކާގެ ޖޮހަނެސްބާގުގައި ފަށާނެއެވެ. މިއީ ބްރިކްސް ވުޖޫދުވިފަހުން މި ޖަމާއަތުގެ ފަނަރަވަނަ ސަމިޓެވެ. އޮގަސްޓް ވިހިން ސައުވީހަށް ދެމިގެންދާ މި ސަމިޓަކީ ބްރިކްސްގެ ތާރީޚުގައި މީގެކުރިން ބޭއްވިފައިވާ ސާދަ ސަމިޓަށްވުރެ ހުރިހައި ގޮތަކުންވެސް ބޮޑު އަދި މުހިންމު ސަމިޓެކެވެ. ފަހަކަށްއައިސް ދުނިޔޭގެ އެންމެ ގިނަބައެއްގެ އިންތިޒާރާ ގުޅިފައިވަނީ މި ސަމިޓެވެ. ވަރަށް ބޮޑު ސަބަބަކާ ލައިގެންނެވެ. މިއީ އެމެރިކާ ޑޮލަރުގެ އަޅުވެތިކަމުން ދުނިޔެ ސަލާމަތްކުރުމާއި ގިނަ ގައުމުތަކަށް އިގްތިސާދީގޮތުން ހަގީގީ މިނިވަންކަން ހޯދައިދިނުމުގެ ބިންގާ އެޅޭ ސަމިޓްކަމަށްވާތީއެވެ. ޑޮލަރުގެ އަޅުވެތިކަމުން މިންޖުވުމަށް އެދިގެންތިބި މިންވަރު ބޮޑުކަމުންނެވެ.
ބްރިކްސްގައި މިވަގުތު ހިމެނެނީ ފަސް ގައުމެވެ. އެެއީ ޖީ ހަތެއްގައި ނުހިމެނޭ ގައުމުތަކުގެ ތެރެއިން އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެންމެ ބޮޑު ފަސް އިގްތިސާދެވެ. ބްރިކްސްގެ ބީ ނިސްބަތްވަނީ ދެކުނު އެމެރިކާގެ އެންމެ ބިޔަ އިގްތިސާދު ކަމަށްވާ ބްރެޒިލްއަށެވެ. އާރް ނިސްބަތްވަނީ ދުނިޔޭގެ އެންމެ ބިޔަ އަދި ވަސީލަތްތައް ގިނަ ގައުމު ކަމަށްވާ ރަޝިޔާއަށެވެ. އައި ނިސްބަތްވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބައިބޯ ގައުމުކަމަށްވާ އިންޑިޔާއަށެވެ. ސީ ނިސްބަތްވަނީ ދުނިޔޭގެ ދެވަނަ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޗައިނާއަށެވެ. އެސް ނިސްބަތްވަނީ އެފްރިކާގެ އެންމެ ކުރިއަރާފައިވާ އިގްތިސާދު ކަމަށްވާ ސައުތު އެފްރިކާއަށެވެ. މިފަހަރުގެ ސަމިޓްގައި ބައިވެރިވާނީ މި ފަސް ގައުމު އެކަންޏެއް ނޫނެވެ. މި ޖަމާއަތުގައި ރަސްމީކޮށް ބައިވެރިވާންއެދޭ އެހެން އިތުރު ތިރީސްހަ ގައުމެއްވެސް މި ސަމިޓުގައި ބައިވެރިވާނެއެވެ. އަދިވެސް ކިތަންމެ ބައެކެވެ.
އެންމެންވެސް އިންތިޒާރު ކުރަމުންދަނީ ބްރިކްގެ ނަމުގައި ބްރިކްސްގެ ގައުމުތަކުން ތައާރަފު ކުރުމަށް ޚިޔާލުކުރާ ފައިސާއަށެވެ. މިއީ އެފައިސާ ރަސްމީކޮށް އިއުލާންކުރާ ސަމިޓުކަމަށް ގިނަ ބަޔަކު ހީކުރެއެވެ. މި ފައިސާއަކީ ކުރިމަގުގައި ޑޮލަރުގެ ބަދަލުގައި ބައިނަލްއަގުވާމީ ވިޔަފާރީގައި އެއަށް ބަރޯސާވެވޭނެ އެންމެ ވަރުގަދަ ފައިސާއެވެ. އެހެންނަމަވެސް ދެކުނު އެފްރިކާއިން ބުނާގޮތުގައި މި ސަމިޓުގައި ގުޅިފައިވާ އައު ފައިސާ ތައާރަފުކުރުމެއް ނޯންނާނެއެވެ. އެއީ އަދި ތަންކޮޅެއް ފަހުގެ ކަމެކެވެ. މިފަހަރު އޮންނާނީ ބްރިކްސްގެ ގައުމުތަކާއި މި ޖަމިއްޔާގައި އަލަށް ބައިވެރިވާ ގައުމުތަކުގެ މެދުގައި ކުރެވޭ ބައިނަލްއަގުވާމީ ވިޔަފާރީގައި އެގައުމުތަކުގެ އަމިއްލަ ފައިސާ ބޭނުންކުރުމާމެދު އެންމެނަށް އެއްބަސްވެވޭ އުސޫލުތަކެއް އެކަށައެޅުމެވެ.
މި ސަމިޓުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ބްރިކްސްގައި ބައިވެރިވުމަށް ރަސްމީގޮތުން އެދި ލިޔެކިޔުންތައް ހުށައަޅައިފައިވާ ބާވީސް ގައުމުވެސް ހިމެނެއެވެ. ސަމިޓް ބާއްވަނީ އެފްރިކާ ބައްރުގައި ކަމަށްވާތީ ދެކުނު އެފްރިކާއިންވަނީ އެފްރިކާ ބައްރުގެ އެންމެހައި ގައުމުތަކުގެ ވެރީންނަށް ދައުވަތު ފޮނުވައިފައެވެ. ގިނަ ގައުމުތަކުންވަނީ ބައިވެރިވާނެކަން ޔަގީންކޮށްދީފައެވެ. މި ސަމިޓުގައި ޚާއްސަ މެހުމާނުންގެ ގޮތުންވިޔަސް ހުޅަނގަށް ނިސްބަތްވާ އެއްވެސް ގައުމެއް ބައިވެރިއެއް ނުކުރާނެއެވެ. އެއީ ރަޝިޔާގެ ނިންމުމެކެވެ. ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އަމިއްލަފުޅަށް މި ސަމިޓްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށްވިޔަސް އޭނާ ބައިވެރިކުރަން ރަޝިޔާ ވަނީ ދެކޮޅު ހަދައިފައެވެ.
ބްރިކްސްގެ ސަމިޓް ދެކުނު އެފްރިކާގައި ބާއްވާއިރު މި ޖަމާއަތުގެ މުއައްސިސުންގެ ތެރެއިން އެއްގައުމުގެ އެންމެ އިސްވެރިޔާ ނުފެންނާނެއެވެ. ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިންގެ ބަދަލުގައި އެގައުމު ތަމްސީލު ކުރައްވާނީ ޚާރިޖީ ވަޒީރެވެ. މިއީ ރައީސް ޕުޓިން ހައްޔަރުކުރުމުގެ އަމުރެެއް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރެފައިވާތީ އަދި ދެކުނު އެފްރިކާއަކީ އެ ކޯޓު އުފެއްދުމުގެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމަކަށްވާތީ ނިންމި ނިންމުމެކެވެ. ދެކުނު އެފްރިކާއަށް ވަޑައިނުގަތުމަށް ރައީސް ޕުޓިން ނިންމެވީ އަމިއްލަފުޅަށެވެ. އޭނާ ސަމިޓުގައި ބައިވެރިވެވަޑައިނުގަތަސް ވީޑިއޯ ލިންކެއް މެދުވެރި ކުރައްވައި ސަމިޓުގެ ބައިވެރިންނާ މުޚާތަބު ކުރައްވާނެއެވެ. ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތުގައި ތަގުރީރުވެސް ކުރައްވާނެއެވެ. ހުޅަނގުގެ ނުފީޒުން ސަލާމަތްވެފައިވާ އިގްތިސާދެއްގެ މުހިންމުކަން ވިދާޅުވެދެއްވާނެއެވެ.
ބްރިކްސް ފައިސާ މިފަހަރުގެ ސަމިޓުން ފައިދާ ނުވިޔަސް އެއީދެން ދުރުގައި އޮތްކަމެއް ކަމަށް ނުބެލެވެއެވެ. އެކަންއޮތީ ނުހަނު ގާތުގައެވެ. އެކަމަކު އެއީ ބުނަން ފަސޭހަ އަދި ކުރަން އުނދަގޫ ކަމެކެވެ. ދުވަސް ނަގަނީ އެހެންވެއެވެ. ބްރިކްސްގެ ފަސް ގައުމަކީ މުޅިން ތަފާތު ވިސްނުމުގެ އަދި ތަފާތު ނިޒާމުތަކުގެ ފަސް ގައުމެވެ. އިގްތިސާދު ބިނާކުރެވިފައި އޮންނަ އުސޫލުތައްވެސް ތަފާތެވެ. އެއްބަޔަކު އަނެއްބަޔަކާ އޮންނަ ގުޅުންވެސް ވަރަށް އަޑިގުޑަން ފަސް ގައުމެވެ. މީގެ މިސާލަކަށް ޗައިނާ އާއި އިންޑިޔާ ނެގިދާނެއެވެ. އެއްކޮޅުން ޗައިނާއާ ދެކޮޅަށް އިންޑިޔާއިން އަސްކަރީ އިއްތިހާދު ހަދަނީއެވެ. ދެގައުމުގެ މެދުގައި ސަރަހައްދީ އިމުގެ އަރައިރުން ނުހަނު ބޮޑެވެ. މިކަހަލަ އަރައިރުންތަކުގެ ތެރެއިން ބްރިކްސް ފައިސާގެ ނިޒާމަށް ލޮޅުމެއް ނާރުވައި ކުރިއަށްދެވޭނީ އެއްބަސްވެވޭ ހަރުދަނާ އުސޫލެއްގެ ތެރެއިންނެވެ. އެ އުސޫލު އެކުލަވައި އެ މަސައްކަތްކުރާނެ ގޮތް ރާވައި އެއަށް އެންމެންގެ ރުހުން ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ.