ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެނަމަ ރާއްޖޭގައި އެޑިއުކޭޝަން ޓޫރިޒަމް ފުޅާކުރަން މަސައްކަތް ކުރައްވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ގދ. ވާދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ލޭންޑު ޔޫޒް ޕްލޭން ހަދާއިރު އިންސާނީ ތަރައްގީއަށް ކަންކަން ކަނޑައަޅައިފައިވާ މިންވަރު ބަލާނެ ކަމަށެވެ. އެކަމުގެ ސަބަބުން މީހުން ތަމްރީނުކޮށް، ވަޒީފާގެ ބާޒާރު އިތުރުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޅި ދުނިޔެއިން ކިޔެވުމުގެ ފުރުސަތު ހުޅުވާލައި އަދި ރާއްޖެއަކީ ތައުލީމީ ފަތުރުވެރިން ކުރިއަރައިފައިވާ ގައުމަށް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައި ލޭންޑް ޔޫސް ޕްލޭން ހެދޭއިރު، އެއާ ގުޅުވައިދޭ ހިއުމަން ރިސޯސް ޕްލޭން ހަދައި، އެ ހިއުމަން ރިސޯސް ޕްލޭންއާ އެއްގޮތަށް ދިވެހިރާއްޖޭގައި ހިންގޭ ޕްރޮގްރާމްތައް ފުޅާކޮށް، ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދޭނެ" ރައީސް ވިދާޅުވިއެވެ.

"މަތީ ތައުލީމާއި ތަމްރީނުގެ ސިޔާސަތަކީ އެޑިއުކޭޝަނަލް ޓުއަރިޒަމްއަށް ފަހިވާގޮތަށް ބައްޓަންކޮށްފައިވާ ސިޔާސަތަކަށްހަދާނެ"

ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު ވިސްނަންވީ ވައުދުފުއްދައިދޭނެ ބޭފުޅަކު ހޮވަން ކަމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބޭނުމުގައި އިންތިހާބަށް ކުރިމަތިލަނީ ސަރުކާރު ކޯލިޝަނުން އެކަނިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.