ގދ. ގައްދޫ އާއި ފަޅު ރަށެއްގެ ގޮތުގައި އޮތް އެ އަތޮޅު ގަން ކުރިއަށްއޮތް ދައުރުގެ ތެރޭގައި ގުޅައިލަދެއްވާނެ ކަމަށާއި ގައްދޫގައި 100 ރޯހައުސް ވެސް ތަރައްގީކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގދ. އަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގައްދުއަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށްއޮތް ދައުރުގައި ގައްދުއަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކެއް ލިސްޓުކުރެވިފައި އެބަހުރި ކަމަށާއި އެގޮތުން އެ ރަށުގެ ހުރިހާ މަގެއް ހެދެންދެން މަގު ހެދުމުގެ ފޭސް ދޭއް ކުރިއަށްގެންދަވާނެ ކަމަށެވެ.
"ގައްދޫން 39 ހެކްޓަރު ބިން ހިއްކައި، 100 ރޯހައުސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ރަށުގައި އަޅައިދޭނަން. ޕޮލިޓެކްނިކްގެ އާ އިމާރާތެއް މި ރަށުގައި އެޅިގެންދާނެ. އަދި މި ރަށާ ވަރަށް ކައިރީގައި މިއޮތް ގަމާއި ގައްދޫއާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގުޅައިލަދޭނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ސިޔާސަތުތަކާ އެކީގައި ނުކުމެ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރެވޭ ތަން އަޅުގަނޑުމެންނަށް އެބަފެނޭ. އަޅުގަނޑު މިހާތަނަށް ދަތުރުކުރި ހުރިހާ ރަށަކުންނާއި ސިޓީތަކުން ފެންނަނީ އެ މަންޒަރު،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ވެސް އެމްޑީޕީ ނުކުންނާނީ މެނިފެސްޓޯއަކާ އެކުގައި ކަމަށާއި އެއީ "އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯ ކަމަށެވެ. އަދި އެ މެނިފެސްޓޯގައި ހިމެނޭ ފަސް ސިޔާސަތުގެ ތެރެއިން އެއް ސިޔާސަތު އިއްޔެ އިއުލާންކުރެވިގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ގިނަ ކަންތައްތަކެއްގެ ތަފްސީލު އަޅުގަނޑުމެން މިދަނީ ހާމަކުރަމުން. އަޅުގަނޑުމެންގެ ތަރައްގީގެ ތަސައްވަރު ބިނާކޮށްފައި އޮންނާނީ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ކިބައިން މައުލޫމާތު ހޯދައިގެން. އެ ރައްޔިތަކަށް ބޭނުންވާ ހިޔާލެއް ހުށަހެޅުމުގެ ފުރުސަތު ދީގެން. އެއަށްފަހު އެ ރަށަކަށް ބޭނުންވާ ކަންތައްތަކާއި، އެ ރައްޔިތަކަށް ބޭނުންވާ ކަންތައްތަކާއި، މުޅި ގައުމަށް ބޭނުންވާ ކަންތައްތައް ދެނެގަނެގެން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ 2018ގެ މެނިފެސްޓޯގައި ހުރި ކަންތައްތައް "ނުވާނެއޭ" އިދިކޮޅުން ބުނަމުންދިޔަ ނަމަވެސް، އެކަންކަން މި ސަރުކާރުން ކޮށްފައިވާނެ ކަމަށާއި އޭގެ ތެރޭގައި މިނިމަމް ވޭޖާއި މުސާރަތައް ބޮޑުކުރުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު