ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އަމަލުކުރި ގޮތަށް އެއްވެސް ކޯޓެއްގެ ފުރާޅުން ޓިނު ނަންގަވާފައި ނުވާނެ ކަމަށާއި އެކަން ނުކުރެއްވިއްޔަސް، ވެރިކަން ކުރެއްވިފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގދ. އަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގައްދުއަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބާ ކުރިމަތިލި އިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، މިހާރު އެމްއެންޕީގެ ރައީސްކަން ކުރައްވާ މުހައްމަދު ނާޒިމް، ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން، އުއްތަމަ ފަނޑިޔާރާއެކު ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނަވާ ފަނޑިޔާރުން ވެސް މިދިޔަ ސަރުކާރުން ޖަލަށް ލާފައިވާ ކަމަށެވެ.
"މިހެން ގޮސް މި ލިސްޓު ކިތަންމެ ދިގުކޮށް ވެސް ކިއިދާނެ. އެހެންނަމަވެސް މިއަދު ފަސް އަހަރުގެ ދައުރެއް އަޅުގަނޑުމެން މި ނިންމަނީ އެއިން އެއްވެސް ކަމެއް ނުކޮށް. ސިޔާސީ އެއްވެސް ލީޑަރަކު ސިޔާސީ ބަންދެއްގައި ނުހުންނާނެ. އެންމެ ކޯޓެއްގެ ވެސް ފުރާޅެއްގެ ޓިނެއް ނުނަގަން. ވެރިކަން ކުރެއްވިއްޖެ. ތިޔަބޭފުޅުން ނުކުމެ، 9 ސެޕްޓެމްބަރުގައި ވޯޓުލައްވާ އިރުގައި ވިސްނަވަންވީ މި ކަންތައްތަކާ ދޭތެރޭގައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގައި މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 321 ފަހަރު ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުވެ، ކޮންމެ ސުވާލެއް ކުރިމަތިކުރުވިޔަސް ޖަވާބުދެއްވާފައިވާ ކަމަށާއި ނަމަވެސް މިދިޔަ ސަރުކާރުގައި ވަޒީރުން މަޖިލީހަށް ހާޒިރުވީ އެންމެ 58 ފަހަރު ކަމަށެވެ.
"މިއީ ދެ ސަރުކާރުގެ ހުރި ތަފާތަކީ. މިއަދުވެސް އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތް އިންތިހާބުގައި މި ވާދަކުރަނީ އެމްޑީޕީ އާއި ޕީޕީއެމް. މި ދެންނެވީ މި ދެ ސަރުކާރުގެ ހިންގުމުގައި ހުރި ތަފާތުތައް. އަޅުގަނޑުމެން ދެންނެވި ސިޔާސީ ބޭނުމުގައި އެއްވެސް މީހަކު ހައްޔަރުކޮށް ނުހަދާނަމޭ، ޖަލަކަށް ނުލާނަމޭ. އެކަމެއް ވެސް ގަބޫލެއް ނުކުރެއްވި އެބޭފުޅުން. އެއީ އެބޭފުޅުންގެ ސިޔާސަތުގައި ކަން ކުރަމުންދިޔަ ގޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބު މުޅިން ތަފާތުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިފަހަރުގެ އިންތިހާބަށް އިދިކޮޅު ކެންޑިޑޭޓުން ނުކުންނަނީ ވެރިކަން ހޯދަން ކަމަށާއި ވެރިކަމުގައި ހުންނަވާ ބޭފުޅާ ބަދަލުކުރަން ނޫން ކަމަށެވެ. އަދި އެހެން ރިޔާސީ އިންތިހާބުތަކާ ހިލާފަށް މިފަހަރުގެ އިންތިހާބުގައި ކޯލިޝަނާއެކު ނުކުންނަނީ ހަމައެކަނި ވެރިކަމުގައި ތިއްބެވި ބޭފުޅުން ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު