އިދިކޮޅު ޕީޕީއެމުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންގެވި އެންގުމާ ދެކޮޅަށް އިންތިހާބު ބޮއިކޮޓް ނުކުރަން ޕީޕީއެމް-ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ސެނެޓުން މިއަދު ނިންމި ނިންމުން ގަބޫލުނުކުރައްވާކަން ޔާމީން އެ ކޯލިޝަންގެ ލީޑަޝިޕަށް މިރޭ އަންގަވައިފިއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ބޭފުޅަކު "ވަން" އަށް މިރޭ ވިދާޅުވީ، ރިޔާސީ އިންތިހާބު ބޮއިކޮޓް ނުކުރަން ނިންމި ނިންމުން އަލުން ރިވިއު ކޮށްދޭން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެކަމާ އަދި ވަކި ގޮތެއް ޕާޓީން ނުނިންމާ ކަމަށް ވިދާޅުވިއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އެންގެވީ، ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމުންނެވެ.

ޔާމީން އެގޮތަށް އަންގަވައި ދެއްވި ނޯޓާ ގުޅިގެން ގޮތެއް ނިންމުމަށް ޕީޕީއެމްގެ ސެނެޓް ބައްދަލުވުމެއް ވަނީ މިއަދު ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 67 ސެނެޓަރުން ވޯޓު ދިނީ އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެ. އަދި އިންތިހާބު ބޮއިކޮޓް ކުރަން ފެންނަ ކަމަށް ވޯޓް ދިނީ 46 ސެނެޓުންނެވެ.

ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް މުހައްމަދު ތޮލާލް ވިދާޅުވީ ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބޮއިކޮޓް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްފަހު، އެ މަނިކުފާނު މިނިވަން ކުރެވެން އަންނަނީ އިންތިހާބުގައި ވާދަކޮށްގެން ކަމަށް ފެންނާތީ، އެގޮތަށް ޔާމީނަށް ލަފާ އަރުވަން ސެނެޓުން ނިންމާފައިވާ ކަމަށެވެ. އަދި ރައީސްގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށްވެސް ސެނެޓުން އިއްތިފާގުވާ ކަމަށްވެސް ވިދާޅުވިއެވެ