ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި، ދެން ނުކުންނާނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ކަމަށާއި ޕީއެންސީގެ ކެނޑިޑޭޓަކީ ޕްލޭން ސީ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޔާމީންގެ ޝަރުތު ފުރިހަމަނުވާ ކަމަށް ބުނެ، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަންނަން ވަނީ ނިންމައިފައެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.
އެމައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާ ގޮތެއްގެ ސަބަބުން އެ މަނިކުފާނަށް ކެންޑިޑެސީ ހުށަނޭޅޭނެ ހާލަތެއް ދިމާވެއްޖެ ނަމަ، ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ހުށަހެޅުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.
އެގޮތަށް އެދުނު އިރު، ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕީޕީއެމް ކޯލިޝަންގައި ހިމެނޭ ޕީއެންސީން ވަނީ ބަދަލު ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހޮވައިފައެވެ. ޕީޕީއެމްގެ ނައިބު ރައީސްކަމުގައި ހުންނެވި މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމުން ވަކިވެވަޑައިގެންފައިވާތީ، އެ ޕާޓީގެ ކެންޑިޑޭޓަކަށް ވުމުގެ ފުރުސަތެއް މުއިއްޒަށް މިހާރު ވަނީ ގެއްލިފައެވެ.
ސުޕްރީމް ކޯޓް ސަރަހައްދުގައި ހުންނަވައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރޭ ވިދާޅުވީ ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި، ޕީޕީއެމް ކެނޑިޑޭޓަކަށް ފުރުސަތު ދިނުމަކީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކުރިންވެސް ނިންމާފައިވާ ގޮތް ކަމަށެވެ.
"އެއީ ރައްޔިތުން މަގުމަތި ނުވާނެ ގޮތަކަށް ޕްލޭން އޭ އަކީ ރައީސް ޔާމީން. ޕްލޭން ބީ އަކީ އެމަނިކުފާނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި ޕީޕީއެމްގެ ކެނޑިޑޭޓެއް ވާދަކުރުން. ޕްލޭން ސީއަކީ އަޅުގަނޑުމެން ކޯލިޝަނެއްގައި އެއްކޮން މަސައްކަތް ކުރާއިރު ޕީއެންސީގެ ކެނޑިޑޭޓެއް ހުރުން،" ޝިޔާމް ވިދާޅުވިއެވެ.
އެހެން ނަމަވެސް ޕްލޭން ސީގެ ކަންތައްތައް ޕީއެންސީން ނިންމީ، ރިޔާސީ އިންތިހާބަށް ހުށަހެޅުމުގެ ވަގުތު ކުޑަތަންވެފައި ވުމުން ކަމަށެވެ. އަދި ޕީއެންސީގެ ކެނޑިޑޭޓް ކަނޑައެޅުމަކީ ވަގުތުން ކުރެވެން އޮތް ކަމަކަށްވުމުން، އެކަން މިހާރު ކޮށްފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
"ކޮންމެ ގޮތެއް ވިޔަސް ޕްލޭން ބީ މި އަންނަނީ ސުޕްރީމް ކޯޓަށް ފަހުތާ. އެހެންކަމުން ސުޕްރީމް ކޯޓްގެ ނިންމުމަށްފަހު ޕްލޭން އޭ (ފުރުސަތު ރައީސް ޔާމީނަށް) ލިބުން އެއީ އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުންގެ ދުއާ އަކީ. ދެން ރައީސް ބޭނުންވީ ޕްލޭން ބީ އޮންވޭތޯ އެހެން ޕްލޭން ބީއަށް އެދިފައި އެވަނީ،" ޝިޔާމް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓްގައި ރޭގައި އޮތް އަޑުއެހުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޔާމީންގެ އިސް ވަކީލު އަދި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި، އެހެން ކެންޑިޑޭޓެއް ނެރެން ފުރުސަތު ލިބިއްޖެ ނަމަ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވިދާޅުވެފައެވެ.
"އަލްޓަނޭޓިވް ޕްލޭނެއް އަތުވެއްޖެއްޔާ ވެސް އަންނާނީ ޕީޕީއެމް އަލްޓަނޭޓިވް ޕްލޭނަށް. ޕީއެންސީ އަންނާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވޯސްޓް ކޭސް ސިނާރިއޯ އަށް،" ޖަމީލު ވިދާޅުވިއެވެ.
ޕީއެންސީގެ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޔާމީނަށް ކުރިމަތިލެއްވޭ ހާލަތެއް މަގުފަހިވެއްޖެ ނަމަ، ޕީއެންސީ ކެންޑިޑޭޓް ނަން އަނބުރާ ގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު