ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާތިލުކުރުމުން، ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގައި ޔާމީން އެދިފައިވާ ގޮތަށް މައްސަލަ ނިމި، ޔާމީން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެއްޖެ ނަމަ، ގައުމު ހިންގާނީ އެ މަނިކުފާނުގެ ނައިބު ކަމަށް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހަމްޒާ ލަތީފު ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ މަނިކުފާނު އެދިފައިވަނީ، އީސީގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަނޑައަޅައި ދިނުމަށާއި އެ މަނިކުފާނަކީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވާ މީހެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ޔާމީނާ އެއްކޮޅަށް މައްސަލަ ނިމިއްޖެ ނަމަ، އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ އިންތިޒާމުތައް އީސީން ހަމަޖައްސައިދޭން ޖެހޭނެ ކަމަށާއި އެ މަނިކުފާނަށް އަލުން ކެންޑިޑެންސީ ހުށަހެޅުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދުނެވެ.

އޭގެ އިތުރުން ޔާމީން ވަނީ، ސުޕްރީމް ކޯޓުން ކަނޑައަޅާ ގޮތެއްގެ ސަބަބުން އެ މަނިކުފާނަށް ކެންޑިޑެސީ ހުށަނޭޅޭނެ ހާލަތެއް ދިމާވެއްޖެ ނަމަ، ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ހުށަހެޅުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފައެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ހުރިހާ ފަރާތަކަށް ވާހަކަދެއްކުމުގެ ފުރުސަތު ދެއްވުމަށްފަހު، އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް ވަނީ، ހަސްމުންނާ ސުވާލުކުރުމުގެ ފުރުސަތު އެހެން ފަނޑިޔާރުންނަށް ހުޅުވާލައިފައެވެ.

އެ ފުރުސަތުގައި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ގޮތަށް މައްސަލަ ނިމިއްޖެ ނަމަ ވާނެ ގޮތަކާ ގޮތަކީ ކޮބައިތޯ ސުވާލު ކުރައްވައިފައެވެ. ޖަވާބުގައި ހަމްޒާ ވިދާޅުވީ، އެ މައްސަލަ ޔާމީނާ އެއްކޮޅަށް ނިމިއްޖެ ނަމަ، ހުކުމެއްގައި ހުންނެވިޔަސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭ ކަމަށެވެ. އެގޮތުން ހުކުމެއްގައި ހުންނަ މީހަކު ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ވެދާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

“ހޮވުމުގެ ނަތީޖާއަކީ އަޅުގަނޑުމެންގެ މުވައްކިލު އަދިވެސް ސާވް ކުރާ ސެންޓެންސް (11 އަހަރުގެ ޖަލު ހުކުމުގައި ހުންނަވައިގެން) މުވައްކިލުގެ ނައިބު ރައީސް މުވައްކިލުގެ ޒިންމާތައް އަދާކުރައްވަމުން ގެންދެވުން،” ހަމްޒާ ވިދާޅުވިއެވެ.

ނަމަވެސް އެހެންވެއްޖެ ނަމަ ގާނޫނުއަސާސީގެ ދަށުން ގާނޫނީ ހުސްކަމަކަށް ނާންނާނެތޯ ފަނޑިޔާރު އަޒްމިރަލްދާ ސުވާލުކުރެއްވިއެވެ. ޖަވާބުގައި ހަމްޒާ ވިދާޅުވީ އެފަދަ ހާލަތެއްގައި ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ ނައިބު ރައީސް ކަމަށެވެ. އަދި ވިދާޅުވީ ގައުމު ގާނޫނީ ހުސްކަމަކަށްވެސް ނުދާނެ ކަމަށެވެ.

"އެއީ އަޅުގަނޑު ގަބޫލުކުރައްވަނީ ނައިބު ރައީސްއަކީ ރައީސުލްޖުމްހޫރިއްޔާ އުޒުރުވެރިވާ ހާލަތުގައި އެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ފަރާތެއް" ހަމްޒާ ވިދާޅުވިއެވެ.

އެ ޖަވާބާ ގުޅިގެން ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ، ދައުލަތުން ވަނީ އެގޮތަށް އަމަލުކުރަނީ އަފްގާނިސްތާން ފަދަ ގައުމުތަކުގައި ކަމަށް ވިދާޅުވެފައި ކަމަށާއި އެހެންކަމުން އެގޮތަށް އަމަލުކުރާ ޑިމޮކްރަޓިކް ގައުމުތަކަކީ ކޮބައިތޯ ސުވާލުކުރައްވައިފައެވެ.

"އަޅުގަނޑުގެ ސްޕެސިފިކް ސުވާލަކީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތެއް، ވާހަކައަކީ ޖިނާއީ މައްސަލައެއްގައި ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތަކަށް ތި ހައްގު ލިބިދެވޭތޯއޭ؟" ފަނޑިޔާރު އަޒްމިރަލްދާ ސުވާލުކުރެއްވިއެވެ.

ޖަވާބުގައި ހަމްޒާ ވިދާޅުވީ، މައްސަލައިގެ އެންމެ ފަހުގެ ނިންމުން ނާންނަނީސް، އިންތިހާބުތަކުގެ ވާދަކުރުމުގެ ހައްގު ލިބިދޭ ގައުމުތަކުގެ ތެރޭގައި ސައުތް ކޮރެއާ، ސްޕެއިން، ރޮމޭނިއާ، މެސަޑޯނިއަންސް، މޮލްޑޯވާ، ބްރެޒިލް، ސްލޮވާކިއާ، ޓާކީ އަދި އިޓަލީގެ ގާނޫނުހަދާ މަޖިލީހުގެ ސެނެޓުންވެސް މައްސަލައެއްގެ އެންމެ ފަހުގެ ނިންމުން ނާންނަހާ ހިދަކު އިންތިހާބުތަކުގައި ވާދަކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.