އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑްގައި ކުރިއަށްދާ ފީފާ އަންހެނުންގެ ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި މިއަދު ކުޅުނު މެޗުތަކުގެ ނަތީޖާއާއެކު ދެ ފަހަރުގެ ޗެމްޕިއަން ޖަރުމަނު ގްރޫޕް ސްޓޭޖުން ކަޓައި، މޮރޮކޯ ހައިރާންކަމާއެކު ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

އަންހެނުންގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ފަހު މެޗުތައް މިހާރު ކުރިއަށްދާ އިރު، ގްރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދިޔައި ކޮލަމްބިއާއެވެ. އެއީ ތިން މެޗުން ދެ މޮޅާއެކުގައެވެ. މިއަދުގެ މެޗަށް ނުކުތްއިރުވެސް ގަދަ 16 ޔަގީންވެފައި އޮތް ކޮލަމްބިއާ މޮރޮކޯ ބަލިކުރާނެ ކަމަށް ގިނަ ބަޔަކު ދެކުނު ނަމަވެސް، އެ މެޗުން މޮރޮކޯ ވަނީ 1-0 އިން މޮޅުވެފައެވެ.

މިއަދު މޮރޮކޯ މޮޅުވެގެންވެސް އަމިއްލާ ބާރުގައި ގަދަ 16 ހޯދޭނެ ފުރުސަތެއް ނެތެވެ. އެއީ ޖަރުމަނާއި ދެކުނު ކޮރިއޭ މެޗުން ޖަރުމަނު މޮޅުވެއްޖެ ނަމަ، މޮރޮކޯއަށް ފުރުސަތު ނެތުމުންނެވެ. މޮރޮކޯގެ ނަސީބުން މިއަދު ޖަރުމަނު ކުޅުނު މެޗުގައި ދެކުނު ކޮރެއާ ކައިރިން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ގްރޫޕްގެ ފުލުގައި ކޮރެއާ އޮތް ނަމަވެސް، ޖަރުމަނު ކަޓުވާލައި އެޓީމުން އުފާފާޅުކުރިއެވެ. މޮރޮކޯއަށް ގްރޫޕް ދެވަނަ ލިބުނީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ޖަރުމަނަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

މޮރޮކޯއިން މިއަދުގެ މެޗުގައި ކޮލަމްބިއާ ކޮޅަށް ޖެހި ހަމައެކަނި ގޯލު ފެނިގެން ދިޔައީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އަނީސާ ލަހްމާރީގެ އެ ގޯލަކީ މޮރޮކޯއަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ގިޒްލޭން ޗެބަކް ޖެހި ބޯޅައެއް ކޮލަމްބިއާ ގޯލްކީޕަރު މަތަކުރުމުން ރީބައުންސްގައި ޖެހި ގޯލެކެވެ.

މިއީ މޮރޮކޯއިން ވާދަކުރަމުންދާ ފުރަތަމަ އަންހެން ވޯލްޑް ކަޕެވެ. އަދި މޮރޮކޯއަކީ އަލަށް ވޯލްޑް ކަޕަށްދިޔަ އަށް ގައުމުގެ ތެރެއިން ގަދަ 16 އަށް ދިޔަ ހަމައެކަނި ޓީމެވެ. ދެން އަލަށް ވޯލްޑް ކަޕްގައި ވާދަކުރި ހަތް ގައުމުވެސް ވަނީ ފުރަތަމަ ބުރުން ކަޓައިފައެވެ.

ޖަރުމަނުގެ އަންހެން ފުޓުބޯޅަ ތާރީހުގައި އަލަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓާފައިވާ އިރު، މެޗުގައި ފުރަތަމަ ގޯލު ޖެހީވެސް ދެކުނު ކޮރެއާއެވެ. ކޮރެއާގެ ގޯލު ޖަހައިދިނީ ޗޯ ސޯ-ޔުންއެވެ. އެ ގޯލާއެކު ފުރަތަމަ ހާފު ނިމެން ދަނިކޮށް ޖަރުމަނުން އެއްވަރުކުރިއެވެ. ޖަރުމަނަށް އެއްވަރުކޮށްދިން ގޯލު ޖަހައިދިނީ އެލެކްސެންޑްރާ ޕޮޕެވެ.

ޕޮޕަށް ދެވަނަ ހާފުގައިވެސް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގައި ޖަރުމަނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުން ހިފޭ ގޮތެއް ނުވިއެވެ. ފުރުސަތުތައް ގެއްލި މިދިޔަ އަހަރު އަންހެން ޔޫރޯ ފައިނަލުގައި ބަލިވި ޖަރުމަނު، އަންހެން ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔައީއެވެ.