އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަނުވާ ކަމަށް ބުނެ، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަތުމާ ގުޅިގެން ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ބަންޑާރަ ނައިބާއި ޕީޕީއެމުން ތަދައްހުލުވެއްޖެއެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ 3:00 އަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.
ބަންޑާރަ ނާއިބުގެ އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލައަށް ސުޕްރީމް ކޯޓުން ދައުލަތް ތަދައްހުލު ކުރުވާފައިވާތީ، އެ މައްސަލައިގައި ބަންޑާރަ ނައިބުގެ ފަރާތުން ކޯޓަށް ހާޒިރުވާނެ ކަމަށެވެ. އެ މައްސަލައަށް ޕީޕީއެމުންވެސް ވަނީ ތަދައްހުލުވެފައެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް މުހައްމަދު ތޮލާލު ވިދާޅުވީ، ރައީސް ޔާމީނާއި އެ މަނިކުފާނަށް ތާއީދުކުރާ އެންމެހާ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށްޓަކައި އެ މައްސަލައަށް ޕީޕީއެމުން ތަދައްހުލުވެފައިވާ ކަމަށެވެ.
ޔާމީންގެ ކެންޑިޑެސީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު އީސީއަށް ހުށަހެޅުމުން، ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އެ ދުވަހުގެ މެންދުރުފަހު އީސީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ޕީޕީއެމަށް އެކަން އަންގައިފައެވެ.
ސަބަބެއް ކަމަށް ބުނެފައިވަނީ، ޔާމީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށްވުމާއި އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން، ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ހަމަނުވާތީއެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ މީހަކު ނަމަ، އެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުންނެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނާއި މަނީލޯންޑާ ކުރިކަން ސާބިތުވުމުގެ ސަބަބުން ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ކެންޑިޑެންސީ ބަލައިނުގަތް މައްސަލައިގައި ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގަނެ، އެ މައްސަލައަށް ލިޔުމުން ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ އަންގައިފައެވެ. އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނީ، ރައީސް ޔާމީންގެ މައްސަލައަށް މިއަދު ޖަވާބު ހުށަހަޅާނެ ކަމަށެވެ،
ޚަބަރު
ޚަބަރު
ޚަބަރު