މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

ދެ ފަހަރަށް އޭއެފްސީ ކަޕް ކާމިޔާބުކޮށްފައިވާ އަންޓިކް މާޒިޔާއަށް

އޭޝިއާގެ ދެވަނައަށް އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް، އޭއެފްސީ ކަޕް ދެ ފަހަރަށް ކާމިޔާބު ކޮށްފައިވާ ކްރޮއޭޝިއާގެ ޑިފެންޑަރު ސެބެސްޓިޖާން އަންޓިޗް މި ސީޒަނުގެ ނިޔަލަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ގުޅިއްޖެއެވެ.

އުމުރުން 31 އަހަރުގެ އަންޓިޗް މާޒިޔާއާ ގުޅުނުކަން އެ ކްލަބުން މިއަދު ރަސްމީކޮށް އިއުލާނު ކޮށްފައިވާ އިރު، އަންޓިޗް ވަނީ އިރާގުގެ އެއާ ފޯސް ކްލަބު ކަމަށްވާ އަލް-ގުވާ އަލް-ޖާވިޔާއެކު ދެ ފަހަރަށް މީގެ ކުރިން އޭއެފްސީ ކަޕް ކާމިޔާބުކޮށްފައެވެ. އެއީ 2016-17 ވަނަ އަހަރުގެ ސީޒަންގެ އިތުރުން 2017-18 ވަނަ އަހަރުގެ ސީޒަންގައެވެ.

އަންޓިޗް ވަނީ ރޮމޭނިއާގެ އިތުރުން ކްރޮއޭޝިއާގެ ކްލަބުތަކަށްވެސް ކުޅެފައެވެ. އޭގެ އިތުރުން ޔޫއޭއީއާއި ގަތަރު، ޖޯޑަން، ސްލޮވޭނިއާއާއި އިރާގުގެ ފުރަތަމަ ޑިވިޝަންގެ އިތުރު ކްލަބުތަކާއި ކަޒަކިސްތާނުގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށްވެސް އަންޓިޗް ވަނީ ކުޅެފައެވެ.

މާޒިޔާއިން ރާއްޖޭގެ ޑޮމެސްޓިކް ފުޓްބޯޅަ ޑޮމިނޭޓް ކުރަމުންދާތާ އަހަރުތަކެއް ވެފައިވާއިރު، އެ ކްލަބަށް އަދިވެސް އެންމެ ރަނގަޅު ނަތީޖާއެއް ނުނެރެވި އޮތީ އޭއެފްސީ ކަޕުގައެވެ. އެ މުބާރާތުގައި ވާދަވެރި މެޗުތަކެއް މާޒިޔާގެ ފަރާތުން ފެނިގެން ގޮސް، ސަރަހައްދީ ބޮޑެތި ކްލަބުތައް ކައިރީ އެ ޓީމުން ވާދަކޮށްފައިވީ ނަމަވެސް، އަދިވެސް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވޭ ގޮތެއް ނުވެއެވެ.

އެކަމަށް މި ސީޒަނުގައިވެސް މަސައްކަތް ކުރަމުންދާ އިރު، މާޒިޔާއިން ވަނީ ޑޮމެސްޓިކް ވަރުގަދަ ސްކޮޑެއް ބިނާކުރުމުގެ އިތުރުން ބިދޭސީ އާ ކުޅުންތެރިންތަކެއްވެސް ގެނެސްފައެވެ. ސީޒަން ފެށި ބިދޭސީ ކުޅުންތެރިންގެ ބަދަލުގައި މިހާރު އާ ކުޅުންތެރިންތަކެއް މާޒިޔާއިން ޓީމަށް ގެނެސްފައިވާ އިރު، އަލުން ސާބިއާގެ ފޯވަޑެއް ކަމަށްވާ ވޮޖިސްލާވް ބަލަބަނޮވިޗްވެސް މިހާރު ވަނީ ޓީމަށް ގެނެސްފައެވެ. އޭގެ އިތުރުން ގާނާގެ މިޑްފީލްޑަރެއް ކަމަށްވާ ރެގާން އޮބެންގްވެސް މާޒިޔާއިން ވަނީ އިއުލާންކޮށްފިއެވެ.

އުމުރުން 28 އަހަރުގެ އޮބެންގް ވަނީ ކުރިން ކްރޮއޭޝިއާގެ އިތުރުން ސާބިއާގެ ފުރަތަމަ ޑިވިޝަން ކްލަބުތަކަށްވެސް ކުޅެފައެވެ.