ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު މެޗުގައި ފަހަތުން އަރައި ދިއްދޫ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
މިދިޔަ ފަސް އަހަރުވެސް ރާއްޖޭގެ ޗެމްޕިއަން މާޒިޔާއިން ދިއްދޫ ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. މިއަދުގެ ނަތީޖާއާއެކު މާޒިޔާއިން ވަނީ އެއްވަނައިގައި އޮތް ވިކްޓްރީ ސްޕޯޓްސް ކްލަބާ ގާތް ކޮށްފައެވެ.
ވިކްޓްރީން ރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކުރުމާއެކު އެޓީމު އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެއީ ހަތް މެޗުން 19 ޕޮއިންޓްގެ ލީޑަކާއެކުގައެވެ. އެހެން ނަމަވެސް މާޒިޔާއިން މިއަދު މޮޅުވުމާއެކު ވިކްޓްރީގެ ލީޑު ވަނީ ތިން ޕޮއިންޓަށް ކުޑަވެފައެވެ. އެއީ މާޒިޔާއިން ހަތް މެޗުން 16 ޕޮއިންޓް ހޯދާފައިވުމުންނެވެ.
ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ދިއްދޫންނެވެ. މިހާތަނަށް ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކުގައި ތަފާތު ހިތްވަރެއް ދައްކާފައިވާ ދިއްދޫން 34 ވަނަ މިނެޓުގައި ގޯލް ޖެހީ ހުސެއިން ޝިފާހު ތަނަވަސްކޮށްދިން ބޯޅައެއްގައި މުހައްމަަދު ތަޝްމީން (ތައްތި)އެވެ.
އެހެން ނަމަވެސް ހާފު ނިމުމުގެ ކުރިން މާޒިޔާއިން އެއްވަރުކުރިއެވެ. 43 ވަނަ މިނެޓުގައި ގޯލް ޖަހައިދިނީ ހުމައިދު ހުސެއިންއެވެ.
މާޒިޔާއިން ދެ ވަނަ ހާފު ފެށިގެން މިނިޓެއްވެސް ނުވަނީސް މެޗުގެ ލީޑު ނެގިއެވެ. އެ ގޯލަކީ އަނިޔާގެ ސަބަބުން ސާފް ޗެމްޕިއަންޝިޕް ގެއްލުނު ހައިޝަމް ހަސަން (ބިޑި) ނެގި ހުރަހަކުން ދިއްދޫގެ ކީޕަރު މުހައްމަދު ޝިފާން އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު ނާޝިއު އަހުމަދު ޝިހާމް ޖެހި ގޯލެކެވެ.
މާޒިޔާގެ ތިންވަނަ ގޯލް ޖެހީ އަނިޔާގެ ސަބަބުން ދެ މަހެއްހާ ދުވަސް ފަހުން މެޗެއް ކުޅުނު ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާނެވެ. އޭގެފަހުން އަބްދުﷲ ލޫތު އިބްރާހިމް މާޒިޔާގެ އިތުރު ގޯލެއް ޖަހައިދިން އިރު، މެޗުގެ 71 ވަނަ މިނިޓްގައި މާޒިޔާގެ ފަސް ވަނަ ގޯލް ޖެހީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.
ދިއްދޫން ދެ ވަނަ ގޯލް ޖެހީ މެޗުގެ 88 ވަނަ މިނިޓްގައެވެ. އެއީ މުހައްމަދު ޝަނާއު ނަސީރު ޖެހި ގޯލެކެވެ.
ކޮމެންޓް