އެފްއޭއެމް ވިމެންސް ލީގު ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 10-0 އިން ދަ ގްރާންޑޭ ބަލިކުރި އިރު، ރޭ ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 3-0 އިން އެމްއެސް މޭޓްސް ބަލިކޮށްފިއެވެ.
މިދިޔަ އަހަރު އެފްއޭއެމް އަންހެން ލީގު ކާމިޔާބުކުރީ މާޒިޔާއިންނެވެ. އެއީ މެޗަކުން ބަލިނުވެއެވެ. މިއަހަރު ހަތަރު ޓީމުން ވާދަކުރަމުންދާ އިރު، ނިއު ރޭޑިއަންޓުން ވަނީ މާޒިޔާ ބަލިކޮށްފައެވެ. އެއާއެކު މިވަގުތު ހުރިހާ މެޗަކުން މޮޅުވެގެން އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. އެއީ ހަތަރު މެޗުން 12 ޓީމާއެކުގައެވެ. ދެވަނައިގައި މާޒިޔާ، ހަތަރު މެޗުން ނުވަ ޕޮއިންޓާއެކު އޮތް އިރު، އެމްއެސް މޭޓް އޮތީ ތިންވަނައިގައެވެ. އެއީ ހަތަރު މެޗުން ތިން ޕޮއިންޓާއެކުގައެވެ. ދަ ގްރާންޑޭއަށް އަދި ހަތަރު މެޗުންވެސް ޕޮއިންޓެއް ނުލިބެއެވެ.
މިފަހަރު ވިމެންސް ލީގު ކުޅެނީ ލީގު އުސޫލުން ދެ ފަހަރަށް ކޮންމެ ޓީމަކާވެސް ވާދަކުރަން ޖެހޭ ގޮތަަށެވެ.
ނިއު ރޭޑިއަންޓުން އިއްޔެ ކުޅުނު މެޗުގައި ސަބީނާ ހާތޫން ހެޓްރިކް ހެދި އިރު، އެޓީމުގެ ނީޝާ ސަމީރު، މަސޫރާ ޕާވިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހިއެވެ. އަދި އަނެއް ގޯލްތައް ޖެހީ މަރިޔަމް ނޫރާއާއި ސުމައްޔާ މަޓްސުޝީމާއާއި ފާތިމަތު އަފްޒާއެވެ.
މާޒިޔާއިން ރޭ ކުޅުނު މެޗުގައި އެޓީމުގެ ގޯލްތައް ޖެހީ ޗިނޮންޔެރެމް މަކްލީންސްއާއި ސަފީނާ ރުޝާނިޔާއެެވެ. ޗިނޮންޔެރެމް ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.
ކޮމެންޓް