ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދޮޅު، ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީން ވަކިން ކެންޑިޑޭޓަކު ނެރެން ނިންމައިފިއެވެ.

ރިޔާސީ ކެންޑިޑޭޓެއް ނެރުމާ ގުޅޭ ގޮތުން މިއަދު ބޭއްވި ސެނެޓް ބައްދަލުވުމުގައި 47 މެންބަރުން ބައިވެރިވިއެވެ. ޕީއެންސީން ރިޔާސީ ކެނޑިޑޭޓެއް ނެރެން ފާސްކުރީ އޭގެ ތެރެއިން 44 މެމްބަރުންގެ ތާއީދާއެކުގައެވެ. ނަމަވެސް ސެނެޓުން ފާސްކޮށްފައި ވަނީ ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަނުކުރެވޭ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށެވެ.

އެ ނިންމުމާއެކު ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު މިއަދު މެންދުރުފަހު 2:00އާ ހަމައަށް ހުޅުވާލަން ވަނީ ފާސްކޮށްފައެވެ. ކެންޑިޑޭޓަކު ކަނޑައަޅާނީ ހަވީރު 4:00 ގައި އަލުން ސެނެޓް އެއްވެ، ނަގާ ސިއްރު ވޯޓަކުންނެވެ.

ޕީއެންސީން ކެންޑިޑޭޓެއް ނެރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ޕީއެންސީގެ ސެނެޓާ ހަވާލުކުރި މަަސައްކަތުގެ ތެރެއިން، ރިޔާސީ ޕްރައިމަރީއަކަށް ނުގޮސް ސީދާ ސެނެޓުން ކެންޑިޑޭޓަކު ކަނޑައަޅަން ނިންމީ، ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، ރިޔާސީ ޕްރައިމަރީއަކަށް ހުޅުވާލައިގެން އެކަން ކުރުމުގެ މުއްދަތު ރިޔާސީ އިންތިހާބާ ދެމެދު ނެެތުމުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ހަތްވަނަ ދުވަހަށް ހަމަވާއިރު، ޔާމީނަށް އިންތިހާބުގައި ވާދަކުވެރިދާނެ ކަމާމެދު އުފެދިފައިވާ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުގައެވެ. އެއީ ވ. އާރަށުގެ މައްސަލައިގައި އެ މަނިކުފާނު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެންސީ ފޯމު ބާތިލުކުރުމާ ގުޅިގެންނެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެ، އެ މައްސަލައަށް ލިޔުމުން ޖަވާބުދާރީވުމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގައިފައެވެ.