ލިވަޕޫލަށް ކުރިން ކުޅުނު ސެނެގާލްގެ ފޯވަޑް ސަޑިއޯ މާނޭ، ބަޔާން މިއުނިކް ދޫކޮށް ސައުދީ އަރަބިއާގެ އަލް-ނަސްރާ ގުޅިފައިވާކަން ޔަގީން ކޮށްދީފިއެވެ.
އުމުރުން 31 އަހަރުގެ މާނޭ ބަޔާންގައި ހޭދަކުރި މިދިޔަ ސީޒަން އުނދަގޫކޮށް ނިމިގެން ގޮސްފައިވާ އިރު، ކޯޗު ތޯމަސް ޓުޗެލް ބުނީ ސައުދީއަށް ދާން ނިންމި ނިންމުމަކީ އެފަރާތުންވެސް ވާހަކަ ދައްކައިގެން ނިންމި ރަނގަޅު ނިންމުމެއް ކަމަށެވެ. މީގެ އަހަރެއް ކުރިން ބަޔާނުން މާނޭ ގެންދިޔައީ ލިވަޕޫލަށް 35 މިލިއަން ޕައުންޑް ދައްކައިފައެވެ.
ބަޔާން ޖާޒީގައި ފުރަތަމަ ކޮޅު މާނޭ ރަނގަޅަށް ކުޅުނު ނަމަވެސް، ފަހުން ފުރަތަމަ 11 އިންވެސް ރަނގަޅަށް ޖާގަ ލިބިފައެއް ނުވެއެވެ. ހާއްސަކޮށް ޓީމު ތެރޭގައި ކޮންމެވެސް މައްސަލަތަކެއް ޖެހުނުކަންވެސް ވަނީ ފާހަގަވެފައެވެ.
ބަޔާން ޖާޒީގައި މާނޭ ކުޅުނު 38 މެޗުގައި 12 ގޯލު ޖަހައިދީފައިވާ އިރު، އެންމެފަހުން ޗެމްޕިއަންސް ލީގުގައި ބަޔާންއިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ ބަލިވި މެޗުގައި، މާނޭ އާއި ލެރޮއި ސާނޭ ޑްރެސިން ރޫމް ތެރޭގައި ރުޅިއައިސް އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިއެއްގެ ގަޔަށް އަތްލި މައްސަލަވެސް ވަނީ ބޮޑުވެފައެވެ.
"މާނޭއާ އަހަރެން ވަރަށް ގިނައިރު، ވަރަށް އަސަރު ގަދަކޮށް ވާހަކަ ދެއްކިން ހާލަތާ ގުޅޭގޮތުން. އަހަރެމެން ދެ މީހުންނަށްވެސް ވިސްނުނު މި ކްލަބުގައި މާނޭގެ ހާލަތު ރަނގަޅު ނޫން ކަމަށް. އެހެންވީމަ ޖެހިފައިވާ ގޮށް މޮހާލަން އެންމެ ރަނގަޅު ނިންމުން އެ ނިންމީ،" ޓުޗެލް ބުންޏެވެ.
އަލް-ނަސްރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދާފައިވާ އިރު، މި ޓްރާންސްފާ ސީޒަނުގައި ކްރޮއޭޝިއާގެ މިޑްފީލްޑަރު މާސެލޯ ބްރަޒޮވިޗްވެސް ވަނީ އެޓީމުން ގެންގޮސްފައެވެ. އޭގެ އިތުރުން ބްރެޒިލްގެ ޑިފެންޑަރު އެލެކް ޓެޔެސް އާއި އައިވޮރީ ކޯސްޓްގެ މިޑްފީލްޑަރު ސެކޯ ފޮފާނާވެސް އަލް-ނަސްރުން ވަނީ ގެންގޮސްފައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު