ރޭ ޗެމްޕިއަންސް ލީގުގައި ކޯމޯ ކައިރިންވި ބައްޔާއެކު މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް، ޓީމުގެ ކޯޗު މައިކަލް ކެރިކްގެ ޓެކްޓިސްއާ ދޭތެރޭ ސުވާލު އުފައްދައިފިއެވެ.

މުޅިން އަލަށް ޗެމްޕިއަންސް ލީގުގައި ވާދަކުރާ ސެސް ފެބްރިގަސްގެ ކޯމޯ އަތުން ޔުނައިޓެޑް ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ކުޅުނު ތިން މެޗުން ޔުނައިޓެޑަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ރޭގެ މެޗު ވެގެން ދިޔައީ ޔުނައިޓެޑަށް މި ސީޒަނުގައި ކުރިމަތިވި ހަތަރު ވަނަ ބައްޔަށެވެ. އެއީ 11 މެޗުންނެވެ. އެޓީމުން ޕްރިމިއާ ލީގުގައި ދެމެޗުން ބަލިވެ، ހަތަރު މެޗުން އެއްވަރުވެފައިވެއެވެ. ޔުނައިޓެޑް ވަނީ މިހާތަނަށް ލީގު ކަޕްގައި ކުޅުނު މެޗުންވެސް ބަލިވެ ކަޓައިފައެވެ.

"ކޯޗިން ޓީމުގެ ވިސްނުމެއް އެއީ ޕްރެސް ނުކުރަން. މޭން ޓު މޭން ނުޖައްސަން. އޭގެ ސަބަބުން އަހަރެމެންނަށް މާބޮޑަށް ޖާގަ ދެވުނު. އަދި އަހަރެމެން ކޯމޯއަށް ބޯޅަ ގެންގުޅެން ފުރުސަތު ދިނުމާއެކު އެޓީމުގެ ކޮންފިޑެންސް ފެނުނީ ވަރަށް ރަނގަޅަށް،" ފެނާންޑޭޒް ރޭގެ މެޗަށްފަހު ބުންޏެވެ.

ފެނާންޑޭޒް އެ ވާހަކަ ދެއްކުމާއެކު ނޫސްވެރިން ވަނީ ކެރިކްގެ ޓެކްޓިސް ނުބައިވިކަން ސީދާ ގަބޫލުކުރަންތޯ އޭނާއާ ސުވާލުކޮށްފައެވެ. ފެނާންޑޭޒް ސީދާ އެހެން ނުބުނި ނަމަވެސް، ފެއިލްވި މަންޒަރު ބަލަންތިބި އެންމެންނަށް ފެންނާނެ ކަމަށާއި، ބައެއް ފަހަރު ހިތްވަރުކޮށް ކުރިއަށް ޖެހެން ޖެހޭނެ ކަމަށެވެ.

ފެނާންޑޭޒްގެ އެ ވާހަކަތަކަށް ކެރިކްވެސް ވަނީ ރައްދު ދީފައެވެ. ކެރިކް ބުނީ ކޮންމެ ސިސްޓަމަކަށް ކުޅުނު ނަމަވެސް ބައެއް ގޯސް އަދި ރަނގަޅު ކަންކަން ހުންނާނެ ކަމަށެވެ. އަދި ދަނޑުމަތީގައި ނުދުވެ، މަސައްކަތް ނުކޮށް ނަތީޖާ ނުނެރެވޭނެ ކަމަށްވެސް ކެރިކް ބުންޏެވެ.