ކޮސްޓަ ރީކާގެ ކޯޗުކަން ކުރީގެ ކެޕްޓަން ބަރައިން ރުއިޒްއާ ހަވާލުކުރަން ނިންމައިފިއެވެ.

އުމުރުން 41 އަހަރުގެ ރުއިޒް ދާއިމީކޮށް ކޯޗުކަމާ ހަވާލުވެފައި ވަނީ މިދިޔަ ދެމެޗުގައި އެގައުމުގެ ވަގުތީ ކޯޗުކަމުގައި ހުރުމަށްފަހުއެވެ. އޭނާ ވަގުތީ ގޮތުން ކޯޗުކަމާ ހަވާލުވެ ހުރި އިރު ކޮސްޓަަ ރީކާއިން ވަނީ ނިކަރާގުއާއާއި ހެއިޓީ ބަލިކޮށްފައެވެ. އެޓީމުން ނިކަރާގުއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި އެންމެފަހުން ވޯލްޑް ކަޕްގައި ކުޅުނު ހެއިޓީ ކައިރިން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އެއީ ކޮންކެކަފް ނޭޝަންސް ލީގުގައެވެ.

ކޮސްޓަ ރީކާގެ ކޯޗުކަމުގައި ހުރި އާޖެންޓީނާގެ ފާނަންޑޯ ބަޓިސްޓާ މަގާމުން ވަކިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. އެއީ އޭގެ ކުރިން ހުރި ކޯޗު މިގޭލް ހެރޭރާއަށް ކޮސްޓަ ރީކާ ވޯލްޑް ކަޕަށް ކޮލިފައިކޮށް ނުދެވުމުން އޭގެފަހުން ހަވާލުވި ކޯޗެކެވެ.

ރުއިޒް ކުޅުން ހުއްޓާލީ 2022 ވަނަ އަހަރުއެވެ. އޭނާއަކީ އެގައުމުގެ ފުޓުބޯޅައިގައި ކާމިޔާބު ކެޕްޓަނެކެވެ. އޭނާ ވަނީ ތިން ވޯލްޑް ކަޕެއްގައި ކޮސްޓަ ރީކާގެ ކެޕްޓަންކަން ކޮށްފައެވެ. އޭގެ ތެރޭގައި އެގައުމުން 2014 ވަނަ އަހަރު ކުއާޓާ ފައިނަލަށް ދަތުރުކުރި ފަހަރުވެސް ހިމެނެއެވެ.

ކޮސްޓަ ރީކާގެ ކޯޗުކަން ރުއިޒްއަށް ހަވާލުކޮށްފައިވާ އިރު، އޭނާގެ ކޯޗިން ޓީމުގައި ކުރިން ގައުމީ ޓީމަށް ކުޅުނު ވިލްމާ ލޮޕޭޒްއާއި ކްރިސްޓިއަން ބޮލާނޯސްއާއި ވާޑީ އަލްފާރޯވެސް ހިމެނެއެވެ. ރުއިޒްގެ ދާއިމީ ކޯޗުކަމުގައި ކޮސްޓަ ރީކާއިން ކުޅޭ ފުރަތަމަ މެޗަކަށް ވާނީ އެކުއެޑޯއާ ދެކޮޅަށް އަންނަ މަހު ކުޅޭ މެޗެވެ. އެ އިންޓަނޭޝަނަލް ބްރޭކްގައި ކޮސްޓަ ރީކާއިން އާޖެންޓީނާއާ ދެކޮޅަށްވެސް ކުޅޭނެއެވެ.