ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފިނަމަ، ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތް ނިމޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވާ މެސެޖެއް ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގެއް ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްގެ ވަޓްސްއެފް ގްރޫޕަށް ނަޝީދު ފޮނުއްވިކަމަށް ބުނާ މެސެޖެއްގެ ސްކްރީން ޝޮޓު މިއަދު ވަނީ އާންމުވެފައެވެ. އެ މެސެޖުގައި ވަނީ ދަ ޑިމޮކްރެޓްސްގެ ބައިބައި ވެއްޖެނަމަ، ފެންނަނީ ރައީސް ސޯލިހު އިންތިހާބު ކާމިޔާބުކުރައްވާ މަންޒަރު ކަމަށެވެ. ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކުރައްވައިފިނަމަ، އެއީ ނަޝީދުގެ ސިޔާސީ ހަޔާތުގެ ނިމުން ކަމަށް އެ މެސެޖުގައި ވަނީ ބުނެފައެވެ.
އެކަން ދޮގު ކުރައްވައި ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަނިކުފާނު އެފަދަ އެއްވެސް މެސެޖެއް ކުރައްވާފައިނުވާނެ ކަމަށެވެ. އަދި އެ މެސެޖަކީ އެ މަނިކުފާނު ފޮނުއްވި މެސެޖެއް ނޫން ކަމަށެވެ.
"މީ ކަނޑައެޅިގެން ދޮގެއް. މި ބާވަތުގެ އެއްވެސް ވާހަކައެއް އަޅުގަނޑު ނުދައްކަން. ރައީސް ސޯލިހުއަށް މި އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ އަދި އަޅުގަނޑުގެ ސިޔާސީ ހަޔާތް ބިނާކުރަނީ ރައީސް ސޯލިހާ ގުޅިގެންނެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ސޯލިހާއި ނަޝީދާ ދެމެދު ސިޔާސީ ގޮތުން ހިޔާލު ތަފާތުވެ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ދެ ބޭފުޅުން ވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވަރަށް ގިނަ ތުހުމަތުތައްވެސް ކުރައްވައިފައެވެ.
ހިޔާލުތަފާތުވުންތައް ހައްލު ނުކުރެވިފައި ވަނިކޮށް ނަޝީދު ވަނީ އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެމްޑީޕީގެ ރައީސްގެ މަގާމުން އަދި އެ ޕާޓީން ނަޝީދު ވަކިވެވަޑައިގެންފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
އެމްޑީޕީން ވަކިވުމަށްފަހު ނަޝީދު ވަނީ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވައިފައެވެ. ދަ ޑިމޮކްރެޓްސްއަކީ ނަޝީދަށް ތާއިދުކުރައްވާ މަޖިލީހުގެ ބައެއް މެމްބަރުން އިސްވެ އުފެއްދެވި ޕާޓީއެކެވެ.
ދަ ޑިމޮކްރެޓެސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. ނަޝީދު ގެންދަވަނީ އިލްޔާސަށް ތާއިދު ހޯއްދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ކެމްޕޭނަށް އެކި ރަށްރަށަށްވެސް ނަޝީދު ވަޑައިގެން، އިލްޔާސަށް ތާއީދު ހޯއްދެއްވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު