މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ގެންދަވަނީ މި ސަރުކާރުން ކޮށްދީފައިވާ ކަންކަން އަލުން ކޮށްދެއްވާނެ ކަމަށް ވިދާޅުވެ، މެނިފެސްޓޯ ތައްޔާރުކުރައްވަމުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އެގޮތަށް ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯއަށް ފާޑު ވިދާޅުވެއެވެ. އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެފައިވަނީ ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ރަހުނާ ނުލައި ވިޔަފާރިތައް ފެށުމަށް ލޯނު ދޫކުރާނެ ކަމަށެވެ. ރަނގަޅު ވިޔަފާރި ޕްލޭނެއް ހިފައިގެން ބޭންކަށް އަންނަ ކޮންމެ ޒުވާނަކަށް ރަހުނު ނުހިމެނޭ ލޯނު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ށ. މާއުނގޫދުއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ރައީސް ވަނީ ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯއަށް ފާޑު ވިދާޅުވެފައެވެ.
"ބައެއްގެ މެނިފެސްޓޯ އިއުލާނު ކުރިއިރުގައި އެބަ ބުނޭ އެސްއެމްއީ ލޯނު މޯގޭޖެއް ނެތި ދޫކުރާނަމޯ ތިމަންނަމެންގެ ވެރިކަމުގައި. ބުނިއިރުގައި ބަލަ މި ސަރުކާރުން މިހާރު ވެސް އެބަ ދޫކުރެއޭ އެސްއެމްއީ ލޯނު" ރައީސް ވިދާޅުވިއެވެ.
އެމްޑީޕީ ނޫން ޕާޓީތަކުން ކެމްޕޭނަށް ރަށްރަށަށް ވަޑައިގެން ކޮށްދޭނެ ކަމަށް ބުނާ ކަންތައްތަކަކީ މި ސަރުކާރުން ކުރަމުންދާ ނުވަތަ ނުވަތަ ކޮށްދީ ނިންމައިފައިވާ ކަންކަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ބައެއް ކެންޑިޑޭޓުން އައިސް ވައުދުވާނެ. ބައެއް ކުރިމަތިލާން ނިންމައިފައި ތިބި ބައެއް ކެންޑިޑޭޓުން ވަޑައިގެން ވިދާޅުވާ ބައެއް ވާހަކަ އެބަހުރި. ކޮންމެ ވެސް އެއް ރަށަކަށް ގޮސް ވިދާޅުވި ތިމަންނަމެންގެ ވެރިކަމުގައި 1،200 މީޓަރުގެ އެއާޕޯޓެއް އަޅާނާމޭ. ބުނިި އިރުގައި މި ސަރުކާރުން އެ ރަށުގައި 1،500 މީޓަރުގެ އެއާޕޯޓެއްގެ މަސައްކަތް ކުރަމުން ދަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ އައުމުގެ ކުރިން މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ފަހިވެފައިވަނީ މަދު ބަޔަކަށް ކަމަށާއި ނަމަވެސް މިހާރު ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން 18،000 އަށްވުރެ ގިނަ ދަރިވަރުން ޑިގްރީއަށް ކިޔަވަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު