ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ކެމްޕެއިނަށް ޕީޕީއެމުން ހުރަސް އަޅާނަމަ، އެ ޕާޓީއަށް އެއްވެސް ރަށެއްގައި ކެމްޕެއިން ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ފައްޔާޒު ވިދާޅުވީ, ރައީސް ސޯލިހު ފުރިހަމައަށް ވައުދު ފުއްދަވައި ރާއްޖެ ބަދަލުކުރައްވާފައިވީ ނަމަވެސް ހިތުގައި އޮތް ނަފުރަތެއްގެ ސަބަބުން އެ ކަންކަމަށް އިދިކޮޅުން ޝުކުރު ނުކުރާ ކަމަށެވެ.

އިދިކޮޅުން ކެންޑިޑޭޓަކު ނުދައްކައި ރައީސް ސޯލިހުގެ ކެމްޕެއިނަށް ހުރަސް އަޅަމުން ގެންދަނީ އެ މަނިކުފާނާ ވާދަކުރަން ނުކެރިގެން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ, ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގެ ފަހު އަހަރު, 2018ގައި އެމްޑީޕީން އިންތިހާބީ ހަރަކާތްތަކަށް މަގުތަކަށް ނުކުތީ ވާނެ ގޮތެއް ނޭނގި ބިރުވެރިކަމެއްގެ ތެރޭގައި ތިބެގެން ކަމަށެވެ. ނަމަވެސް މިއަދު އިދިކޮޅުން މަގުތަކަށް އެ ނުކުންނަނީ އެކަހަލަ އެއްވެސް ބިރުވެރިކަމެއް ނެތި ކަމަށް ވިދާޅުވިއެވެ.

"ރައީސަކީ ވަރަށް ހިތްތިރި ބޭފުޅެއް. އަޅުގަނޑުމެންނަކީ އެހާ ހިތްތިރި ބައެއް ނޫން. އަޅުގަނޑުމެންގެ ކެމްޕެއިނަށް ތާއަބަދު އެގޮތަށް ހުރަސްއަޅާ ކަމަށް ވަންޏާމުން ދިވެހިރާއްޖޭގެ އެންމެ ރަށެއްގަވެސް އެބޭފުޅުންނަކަށް ކެމްޕެއިނެއް ނުކުރެވޭނެ. އެހެންވީމަ އެކަން ހުއްޓާލަން މިހާރުން މިހާރަށް އަޅުގަނޑު ދަންނަވަނީ ކެމްޕެއިން ކުރައްވާށޭ. އަޅުގަނޑުމެންގެ ކެމްޕެއިނަށް ހުރަސް ނާޅުއްވާށޭ," ފައްޔާޒު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ, އެމްޑީޕީގެ އަޒުމެއް ނުގުޑާނެ ކަމަށާއި އެ ޕާޓީ ރޫޅައިވެސް ނުލެވޭނެ ކަމަށެވެ.