ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވެއްޖެ އެވެ.

ފާތިމަތު ހަސަނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދޮން މަންމާފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަބްދުﷲ ޝަފީގުގެ ބޮޑުދައިތާފުޅެވެ.

ފާތިމަތު ހަސަން އަވަހާރަވީ ސިއްހީ ހާލުކޮޅު ދެރަވެގެން ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު ސްރީ ލަންކާގެ ލަންކާ ހޮސްޕިޓަލުގައެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 86 އަހަރެވެ.

ޔާމީން ހިމެނޭ ގޮތުން ފާތިމަތު ހަސަންގެ ފަސް ބޭފުޅުން ތިއްބަވައެވެ.

މަންމާފުޅު އަވަހާރަވި އިރު، ރައީސް ޔާމީން ގެންދަވަނީ ކޮރަޕްޝަނާއި މަނީ ލޯންޑާ ކުރިކަމުގެ ކުށް ސާބިތުވެގެން މާފުށީ ޖަލުގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.