ފުވައްމުލަކު ސިޓީން މުހައްމަދު ޖަމްޝަތު (ވަން އޮންލައިން)
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މި ސިޓީއަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރުހަބާ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މިއަދު ހަވީރު ރައީސް މިރަށަށް ވަޑައިގެންނެވުމުން އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ނައިބު ރައީސް ފައިސަލް ނަސީމާއި މި ސިޓީގެ މޭޔަރު އިސްމާއީލް ރަފީގެވެ. އޭގެ އިތުރުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެއާޕޯޓަށް ޖަމާވެފައި ތިބި އިރު، މުޅި އެއާޕޯޓް ސަރަހައްދު އޮތީ ފުރިފައެވެ.
ރައީސް މި ރަށަށް ކުރައްވާ ދަތުރުފުޅަކީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އާއެކު ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް ފައިސަލް މި ރަށަށް ވަޑައިގެންނެވީ މިއަދު ހަވީރެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދޫޑިގަން އަވަށު ފުޓުބޯޅަ ދަނޑާއި ފުވައްމުލަކު ސްކޫލުގައި އަލަށް އިމާރާތްކުރި މަލްޓިޕާޕަސް ހޯލާއި އެމްޑީއޭ ޕޮލިޓިކަލް ސެންޓަރު އަދި އަދާލަތު ޕާޓީގެ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވާނެއެވެ. އޭގެ އިތުރުން ހޯމް ސޯލާ ޕްރޮގްރާމު އިފުތިތާހު ކޮށްދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
މި ސިޓީގައި "އުފާވެރި އަމާން ރާއްޖެ" ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:00ގައި މި ސިޓީގެ ސްޓޭޑިއަމްގައެވެ.
ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވައި މި ސިޓީން ފުރާވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައެވެ. އެއަށްފަހު ވަޑައިގަންނަވާނީ ށ. އަތޮޅަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު