ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައި އަވަށްޓެރި އިންޑިއާގެ އަތްމައްޗަށް ރާއްޖެ ދީލާލައިފި ކަމަށާއި ރާއްޖެ އަލުން އަނބުރާ ހޯދޭނީ އިދިކޮޅު ޕްރިގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖޭގެ ވެރިކަމަަށް ގެނެސްގެން ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފިއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހާ ގުޅިގެން އިދިކޮޅު މައި ދެ ޕާޓީ، ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިނިވަންކަމުގެ ދުވަހާ ދިވެހިން ބައްދަލުވަނީ ކަޅު އަނދިރިކަމާއި ހިތްދަތިކަމާއި ބަނަކަމުގެ އިހުސާސްކުރުވަމުން ކަމަށެވެ.
އެގޮތުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލައި ދިވެހީންގެ މައްޗަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް ފޯރުވަމުން ގެންދާއިރު މިނިވަންކަމުގެ އިހުސާސްކުރެވޭތޯ އެ ކޯލިޝަނުން ވަނީ ސުވާލު އުފައްދައިފައެވެ.
"..، އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުރެ އިންޑިއާގެ އަތް މައްޗަށް ގައުމު ދީލާލައި، ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައިގެން ކުރަމުން މިގެންދާ ވެރިކަން ނިމުމަކަށް ގެނެސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނބުރާ ވެރިކަމަށް ގެނެސްގެން މެނުވީ ދިވެހީންގެ ގައުމު ދިވެހީންނަށް އަނބުރާ ހޯދޭނެ ގޮތެއް ނެތެވެ." އިދިކޮޅު ކޯލިޝަނުން ބުންޏެވެ.
އެ ބަޔާނުގައި އެ ކޯލިޝަނުން އިތުރަށް ބުނީ، ދިވެހި ގައުމު އަޅުވެތިކަމުގެ ވިލާތަކެއްގެ ދަށުގައިވާ މި ހައްސާސް ވަގުތުގައި ގައުމުގެ މަސްލަހަތު ދިފާއުކުރުމަށް އެންމެން އެކީ ބާރުލައި މަސައްކަތްކުރުމަށް އަތުގުޅާލުމަކީ ރައީސް ޔާމީންގެ އެދިވަޑަައިގަތުމެއް ކަމަށެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައި ގެންދަވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތެއް ހިންގަވަމުންނެވެ. އެ ހަރަކާތް ހިންގަމުންގެންދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ، އެ މީހުން ރާއްޖެއިން ބޭރުކުރުމަށް ގޮވާލައެވެ.
އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ޓިކެޓު ޔާމީނަށް އަރުވާފައިވާ އިރު، އެމަނިކުފާނު ގެންދަވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. ހައި ކޯޓުގައި ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފައިވާ މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނުނިމިއްޖެނަމަ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަ ނުކުރެއްވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު