އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު މުސްކުޅިވެފައިވާ ކަމަށާއި ވެރިކަމަށް އުއްމީދުކުރުމަކީ ޒުވާންކަމުގެ ރޫހެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސް އިން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ދިވެހި ގައުމު އެދި ގޮވަނީ ޒުވާން ވެރިކަމަކަށް ކަމަށާއި އެކަން ވިސްނި، ވެރިކަމާ ހެދި ދަހިވެތިވެގެން ނޫޅުއްވާ ކަމަށެވެ. އެމަނިކުފާނުގެ އުމުރަކީ 57 އަހަރު ކަމަށާއި ރައީސް ސޯލިހުގެ އުމުރުފުޅު 60 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑަށް މުށެއް ފުރާ ބޭހެއް ހެނދުނު ކާކަށް ނުޖެހޭ. މާތްރަސްކަލާނގެ އަމުރާއި އިރާދަފުޅުން އަޅުގަނޑުގެ ހިތުގައި ހަތަރު ސްޓެންޓް ލައްވާފަކައެއް ނެތް. މާތްރަސްކަލާނގެ އަމުރާއި އިރާދަފުޅުން އަޅުގަނޑުމެންގެ ޖީލު އަދި އަޅުގަނޑުގެ ޖެނެރޭޝަން އެ އުޅޭ ބުރަ ދިރިއުޅުން، އެ އުޅޭ ތަކުލީފު، އެ އުޅޭ ޒުވާންކަން ގެއްލި ގޮސްގެން އެ ހުރި އުނދަގޫތައް އަޅުގަނޑަށް އެބަ ފެނޭ. ވެރިކަމަކީ ޒުވާންކަމުގެ ރޫހެއް. އެއީ ޒުވާންކަމާ އެކީގައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ މަސައްކަތެއް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ޓެކްސްގެ ނިޒާމާއި "ފުލެޓު ދޮންބެ" ފަދަ ކަންކަމަކީ 50 އަހަރުން މައްޗަށް ދިޔައީމާ އަލުން ވިސްނައިގެން ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.
"ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަޅުގަނޑު ދަންނަވަން އޮތީ މަނިކުފާނު ވެސް މުސްކުޅިވި ވާހަކައޭ އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑަށް ތިބޭފުޅާއަށް ވެސް އޮފީހަށް ގޮސް އިނދެ ކޮންމެ ދުވަހަކު ސެކްރެޓަރީ ލައްވައާއި ދެން ތިބި ބަޔަކު ލައްވައި އެ ވާކަމެއް ވޭވޭ ބެހެއްޓޭތޯ ބެލިދާނެ. އެވެސް ދިއްދޫ މީހުން ބުނީ ޑިލޭ ސްޕްރޭ ޖަހާފައޭ. ފާސްޓް ސްޕޭރޭ އަކީ ޒުވާންކަން،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީ ރައްޔިތުންނަށް ދަންނަވަން ބޭނުންވަނީ ރައީސް ސޯލިހަކީ ކޮންމެ ދުވަހަކު މުށެއް ފުރާ ބޭސް ކާން ޖެހޭ ބޭފުޅެއް ކަމަށާއި ރިޔާސީ ކެންޑިޑޭޓޫގެ ހިތުގެ އާލާސްކަންފުޅަށާއި ސިއްހަތަށް ވިސްނުމުގެ އާދަ އަށަގަންނަވަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޑިމޮކްރެޓްސް އުފެދިގެން އައީ ރާއްޖެ ޒުވާން ޖީލަކަށް ހަވާލުކުރަން ކަމަށާއި ރިޔާސީ އިންތިހާބުގެ ސީދާ ނަތީޖާ ދަންނަވަން އަދި އަވަސް ކަމަށެވެ. ނަމަވެސް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށްދާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އިލްޔާސް ލަބީބު ވަރަށް ބޮޑަށް ދަންނަ ކަމަށާއި މާލީ ނިޒާމާ ބެހޭގޮތުން އެހެން އެއްވެސް ސިޔާސީ ބޭފުޅަކަށް ނޭނގޭ މިންވަރަށް އިލްޔާސަށް އެނގިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާނީ މިހާރު ރާއްޖޭގައި މި އުޅޭ ސިޔާސީ ބޭފުޅުންގެ ތެރެއިން ބައުންސް އޮފް ޕޭމެންޓަކީ ކޮބައިކަން، ޑެފިސިޓަކީ ކޮބައިތޯ، އިންފްލޭޝަން މިއީ ކިހިނެއްވާ ކަމެއްތޯ، އިންޓްރެސްޓް ރޭޓު ބަދަލުކުރީމާ ދެން ސޭވިންސްއަށް ވާނީ ކިހިނެއްތޯ، ސޭވިންސްއަކީ ކޮބައިކަން އަދި ކުންފުންޏެއްގެ ޕްރޮފިޓް ލޮސް އެކައުންޓަކީ ކޮބައިކަން، ބެލެންސްޝީޓަކީ ކޮބައިތޯ، އަންއެންޕްލޯއިމެންޓަކީ ކޮބައިތޯ، ޑެޓް އަދި ދަރަންޏަކީ ކޮބައިތޯ، އަދި ޓެކްސް ޔީލްޑު ނުވާ ވާހަކަ ދެއްކޭނީ ހަމައެކަނީ އިލްޔާސް ލަބީބަށް. މިއީ އަޅުގަނޑު އަތްފުނާ އަޅާފައި އޮތް ކަމެއް. މިއަދު މި ރާއްޖެއަކު ނުހުންނާނެ ސިޔާސީ ބޭފުޅެއް މިކަންކަން އެނގި، އެ ވާހަކަތައް މައިކެއް މެދުވެރިކޮށް ކުރު ތިންމިނެޓުގެ ތެރޭގައި، ހަތަރު މިނިޓުގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ބޭފުޅެއް އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުހުންނާނެ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއި އިލްޔާސް ވާހަކަދައްކަވާ އިރު، އެކަން ވަރަށް ރަނގަޅަށް ސާފުވާ ކަމަށެވެ. ވެރިކަމަކީ ރައްޔިތުންނަށް ލިބިދޭ އުންމީދަކުން ލިބޭ އެއްޗެއް ކަމަށާއި ވެރިކަމަކީ ނިމިފައިވާ ކަންތައްތަކެއްގެ ވާހަކަ އަދި ކޮވިޑުގެ ވާހަކަ ދައްކަވައިގެން ލިބޭނެ އެއްޗެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ދައުލަތުގެ ޓެކްސް އާމްދަނީ ކުރިއަށްއޮތް ތަނުގައި 40 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި އެހެންކަމުން ހަރަދުތަކެއް ކުރެވިދާނެ ކަމަށެވެ. ނަމަވެސް އިލްޔާސްގެ ސިޔާސަތަކީ ރާއްޖެއަށް ރަނގަޅު ގޮތް ހޯދުން ކަމަށާއި އިލްޔާސްގެ ވާހަކަތަކުގެ ތެރޭގައި ހިމެނޭ ފައިސާ ހަރަދުކުރާނެ ގޮތާއި މުއައްސަސާތައް ބާރުވެރިކުރުމުގެ ސިޔާސަތަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން، އެމްޑީޕީގެ ގިނަ އަދަދެއްގެ ވޯޓު ހޯދާނެ ކަމަށެވެ. އެމްޑީޕީ މެމްބަރުން ދެކެ އަދިވެސް ލޯބިވާ ކަމަށާއި އެ ލޯބި އަބަދުވެސް އެގޮތުގައި އޮންނާނެކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ މެމްބަރުން ކިބައިން އެދެނީ ދަ ޑިމޮކްރެޓްސްއަށް ވަޑައިގެންނެވުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު