ޕީޕީއެމާ ވާހަކަދައްކައިގެން، ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް، އިދޮކޮޅު ހުރިހާ ފަރާތްތަކުން އެއް ކެންޑިޑޭޓެއް ނެރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ނަޝީދު މިއަދު އެއްބަސްވެފައިވެވަޑައިގެންފައިވާ އިރު، އެ ކެންޑިޑޭޓަކީ ޕީޕީއެމްގެ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް ކަމަށް ނިންމުމަށް ޕީޕީއެމާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.
އެކަމުގައި ޕީޕީއެމްއާ ވާހަކަދައްކަން އެ ތިން ޕާޓީން ނިންމުމާ ގުޅިގެން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، "ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމުމުގައި ރައީސް ޔާމީނަކީ، ޕާޓީތަކުން އެއްބަސްވެވަޑައިގަންނަވާ ކެންޑިޑޭޓެއް ކަމަށް ހަމަޖެއްސުމަކީ މި ޕާޓީން އެދޭ ގޮތް،" ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަން ނިންމުމުގައި ޕާޓީތަކުން ގުޅިގެން ކުރަމުންގެންދާ މަސައްކަތަށް މަރުހަބާ ކިޔައި ޝުކުރު ދަންނަވާ ކަމަށްވެސް ބުނެފައިވެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފައިވަނީ، އެ ފަރާތުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމުގައި ނިންމާފައިވަނީ 31 ޖުލައި 2022 ވަނަ ދުވަހު ޕީޕީއެމް އަދި ޕީއެންސީގެ ސެނެޓުގެ އިއްތިފާގުން ކަމަށެވެ.
"އެމަނިކުފާނަށް މި ކޯލިޝަންގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ 19 އޯގަސްޓް 2022 ވީ ހުކުރު ދުވަހުގެ ރޭ ކާނިވަލްގައި ބޭއްވި ޖަލްސާއެއްގައެވެ. މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މި ކޯލިޝަންގެ ފަރާތުން މާލެ އާއި އަތޮޅުތަކުގައި މިގެންދަނީ ކުރިއަށް،" ކަމަށްވެސް ބުނެފައިވެއެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީނަށް ކުރިމަތިލެއްވޭނެކަން އަދި ކަށަވަރެއް ނުވެއެވެ. ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިރު، އެ މައްސަލަ ވަނީ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅައިފައެވެ.
އިސްތިއުނާފު މައްސަލަ އަވަސްކުރުމަށް ޕީޕީއެމުން ގޮވާލަމުންދާ އިރު، އެ މައްސަލަ ނިމެންދެން ރިޔާސީ އިންތިހާބު ފަސްކުރަން ވެސް ދާދި ފަހުން ވަނީ ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު