ހއ. ހޯރަފުށިން މުހައްމަދު ޖަމްޝަތު (ވަން އޮންލައިން)
މިރަށުގައި ބާކީ ހުރި ހުރިހާ މަގެއް ކުރިއަށް އޮތް ދައުރުގައި ހަދައި ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރަށަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން މިރަށަށް ގެނެސްފައިވާ ތަރައްގީގެ ހެޔޮ ބަދަލު މުޅި ބޮޑުތިލަދުންމަތިންވެސް ފެންނަމުންދާ ކަމަށެވެ. އަދި މިރަށަށް އެ މަނިކުފާނު ގެނެސްދެއްވި ތަރައްގީ ރައްޔިތުން ބަލައިގެންފި ކަމަށާއި މިރަށުގެ ރައްޔިތުންގެ މޫނުމަތީގައިވާ ހިނިތުންވުންތަކުންވެސް އެކަން ފެނިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ މިރަށުގެ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ކަންތައްތައް އަދިވެސް އެބަހުރި ކަމަށާއި ކުރިއަށް އޮތް ދައުރުގައި މިރަށުގައި ތާރު ނާޅައި ހުރި ހުރިހާ މަގެއްގައި ތާރު އަޅައިދެއްވާނެ ކަމަށެވެ.
"މިހާރު ފެންނަން މި އޮތީ ކޮވިޑުގެ ދަތި ހާލުގެ ތެރޭގައި އަޅުގަނޑުމެން ކުރަމުން އައި މަސައްކަތް. އިރާދަކުރެއްވިއްޔާ އޭރު ޕްލޭންކޮށްފައިވާ ގޮތަށް މަގުތައް ނިމެމުން އެދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުރިއަށް އޮތް ދައުރުގެ ތެރޭގައި މިރަށުގެ ބާކީ ހުރި މަގުތައް އިތުރަށް ހަދައި މުޅި ރަށް އެކީގައި ތާރުއަޅައި ނިންމަ ދޭނަން" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ހޯރަފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށާއި އެގޮތުން ކުރިއަށް އޮތް ދައުރުގައި މިރަށުގައި ރޯ ހައުސް ނުވަތަ ފްލެޓް އަޅުއްވައި ދެއްވާނެ ކަމަށެވެ.
އޭގެ އިތުރުން މި ރަށަށް އެންމެ ބޭނުންތެރި އެއްކަމަކީ ސިއްހީ ހިދުމަތް ރަނގަޅަށް ކައިރިން ލިބޭނެ ގޮތް ހެދުން ކަމަށާއި އެ ތަރައްގީ ގެނައުމަށްޓަކައި މިރަށުގައި ގާއިމުކުރާ ހޮސްޕިޓަލް މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު