އަމާޒަކީ 2028 ވަނަ އަހަރު އަންނަ އިރު ރާއްޖެއަށް ތިން މިލިއަން ފަތުރުވެރީން ގެނައުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. ހޯރަފުއްޓަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާ ރައީސް ވިދާޅުވީ، ކޮވިޑުގެ ދުވަސްވަރު ބަޔަކު ސަރުކާރަށް ވަރަށް އުނދަގޫކުރި ކަމަށާއި ޖެއްސުންވެސް ކުރި ކަމަށެވެ. އެގޮތުން ބައެއް ސިޔާސީ ލީޑަރުން ނުކުމެ ރާއްޖެއަށް އަންނާނެ ފަތުރުވެރިޔަކު ނުވާނެ ކަމަށާއި ރިސޯޓުތަކުގައި މަސްކައްކައި ދަނޑުވެރިކަން ކުރަން ގޮވާލި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއަދު ރާއްޖެ އޮތް ހިސާބަށް އާދެވިފައި މިވަނީ ކޮވިޑުގެ ދުވަސްވަރު އެޅި މުހިންމު ފިޔަވަޅުތަކުގެ ސަބަބުން ކަމަށާއި އެގޮތުން މި އަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ވިދާޅުވިއެވެ.

"މިއަދު މި ހިސާބަށް އާދެވުނީ އޭރު އެޅި ފިޔަވަޅުތަކުގެ ސަބަބުން. 2028އާ ހަމައަށް އަޅުގަނޑުމެން މި އަމާޒު ޖަހަނީ އިރާދަކުރެއްވިއްޔާ ރާއްޖެއަށް ތިން މިލިއަނަށްވުރެ ގިނަ ފަތުތުވެރިން ދައްޗެއް ނެތި އަންނާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދު ދެގުނަކުރާ ވާހަކަ ދައްކަމުން އަންނަނީ ފަތުރުވެރިކަމުގެ ނަންބަރާއެކީގައި ކަމަށެވެ. އަދި އެއާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓާއި އައްޑޫ އެއާޕޯޓް ތަރައްގީކުރަމުން އަންނައިރު، މިއީ ތަސައްވަރަކާއި އަމާޒެއް އޮވެގެން ކަންތައް ކުރުމުގެ ނަތީޖާ ކަމަށް ވިދާޅުވިއެވެ.