އެ މަނިކުފާނުގެ މި ދައުރު ނިމުމުގެ ކުރީން އިތުރު ފަސް އެއާޕޯޓުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. ހޯރަފުއްޓަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާ ރައީސް ވިދާޅުވީ، ހޯރަފުށީ އެއާޕޯޓަކީ މި ސަރުކާރުން ހުޅުވި ފުރަތަމަ އެއާޕޯޓް ކަމަށާއި އިތުރު ހަތަރު އެއާޕޯޓެއްގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށެވެ. އަދި މި ދައުރު ނިމުމުގެ ކުރިން އިތުރު ފަސް އެއާޕޯޓެއްގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ.

އާބާދީއަށް ބަލައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގުމުން ރާއްޖެ ތަރައްގީ ނުވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ވިސްނުންތެރިކަމާއެކީގައި ބޮޑު ޕްލޭނެއް އޮވެގެން ތަރައްގީގެ މަޝްރޫއުތައް ނުހިނގަނީ ނަމަ އެއްބަޔަކު ބާކީވާނެ ކަމަށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކާ ގުޅި، ރަށުގައި ނެތް ހިދުމަތް އަނެއް ރަށުން ލިބެންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެގޮތުން މި ސަރުކާރުން ގެނެސްދެމުން އަންނަ ތަރައްގީ ރައްޔިތުން ބަލައިގަންނަކަމުގެ އިހުސާސް ކުރެވޭ ކަމަށް ވިދާޅުވިއެވެ.