ސަރުކާރާއެކު ކޯލިޝަން ހަދައި، ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ހުންނަވައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވުމުންވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއިން ބޭފުޅަކު ނިސްބަތްވާ ޕާޓީގެ މެމްބަރުން މަގާމުތަކުން ވަކިނުކުރައްވާ ކަމަށާއި، ރައީސް ސޯލިހު ނޫން ރައީސެއް ނަމަ، މިހާރު އެ ބޭފުޅުން ތިބޭނީ މަގާމުތަކުން ވަކިކޮށްފައި ކަމަށް އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ވ. ފުލިދޫގައި މިއަދު ބޭއްވި ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން "އުފާވެރި އަމާން ރާއްޖެ" ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރައީސް ސޯލިހު ގައުމު ކުރިއެރުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ހުރިހާ ބަޔަކާއި އަދި ހުރިހާ އުމުރުފުރާއެއްގެ މީހުންގެ ބައިވެރިވުމާއެކު ކަމަށެވެ. އަދި ރައީސް ސޯލިހު ހިދުމަތް ކޮށްދެއްވަމުން ގެންދަވަނީ ވަކި ކުލަޔަކަށް، ވަކި ފިކުރަކަށް ބަލައިގެން ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ފަށައިގަތް އިރު، އަޅުގަނޑުމެންނާއެކު އަދިވެސް ހަމަ ކޯލިޝަންގައި އެހެން ބޭފުޅުން ތިއްބެވީ. ރައީސްގެ، ހަގީގަތުގައި ވެސް އަޅުގަނޑު ހަމަ ޔަގީންކަމާއެކު ދަންނަވާނަން މިއަދު އެއީ ރައީސްކަމުގައި ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޫންނަމަ އެހެން ޕާޓީތަކުގެ އެންމެ ބޭފުޅަކުވެސް މަގާމުތަކުގައި ނުބަހައްޓާނެ،" އިމްރާން ވިދާޅުވިއެވެ.
އެ ބޭފުޅުން ވަކިނުކުރައްވައި މަގާމުތަކުން ބައިތިއްބާފައި އެވަނީ ރައީސް ސޯލިހުގެ އޯގާތެރިކަމުގެ ސަބަބުން ކަމަށް އިމްރާން ވިދާޅުވިއެވެ.
ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓަކު ނުނެރެން ޖެހޭ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށާއި މިހާރު ވެސް އެ ޕާޓީތަކަށް ނިސްބަތްވާ ގިނަ ބައެއްގެ ތާއިދު ވަނީ ރައީސް ސޯލިހުއާއެކު ކަމަށް އިމްރާން ވިދާޅުވިއެވެ.
ރިޔާސީ ރޭހުގައި ރައީސް ހުންނެވީ ވާދަވެރިންނަށް ވުރެ އެތައް ތަނެއް ކުރީގައި ކަމަށް އިމްރާން ވިދާޅުވިއެވެ. ވާދަވެރިން އަދިވެސް އުޅުއްވަނީ ރިޔާސީ ކެންޑިޑޭޓެއް ކަނޑަނޭޅިގެން ކަމަށާއި އެހެންކަމުން އެ ބޭފުޅުންނަށް ރައީސް ސޯލިހާ އަރައި ހަމަނުކުރެވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ކެމްޕޭން ކުރައްވަމުން ގެންދަވަނީ ހުރިހާ އެންމެން ބައިވެރިކޮށްގެން އެއްވެސް މީހަކު ބާކީނުކޮށް ކަމަށާއި އެމްޑީޕީން ވަކިވެގެން ދިޔަ 12 މެމްބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް އެދިވަޑައިގެންނަވާ ކަމަށެވެ. އަދި އެ 12 މެމްބަރުންނަށް އެ މެމްބަރުން ބޭނުންވާ މަންޒިލަށް ދެވޭނީ ރައީސް ސޯލިހާއެކު ކަމަށް އިމްރާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު