އާސަންދަ މެދުވެރިކޮށް އައިވީއެފް ހެދުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން އިއްޔެ ގެނެސްދިން "ނާޒިމަށް ސުވާލެއް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އޭނާ ހެލްތު މިނިސްޓަރުކަމުގެ މަގާމުގައި ކުޑަދުވަސްކޮޅަކަށް ހުންނެވިއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފާމަސީތައް ހުޅުވައި ރަށްރަށުގައި ވިހެއުމުގެ ދަތިކަން ދިމާވާތީ ކޮންމެ ރަށަކަށް އަންހެނުންގެ ހާއްސަ ޑޮކްޓަރަކު ހަމަޖައްސައިފައިވާނެ ކަމަށެވެ. އަދި ސީ އެމްބިއުލާންސްގެ ހިދުމަތް ވެސް ތައާރަފުކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކޮށް ސިއްހީ ހިދުމަތް ދިނުމަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ މަސައްކަތެއް ކުރައްވާފައިވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. ރަށްރަށުގެ ހޮސްޕިޓަލުގެ ލެބޯޓަރީއަށް ބޭނުންވާ ކެމިކަލާއި އެމްބިއުލާންސް ހަމަޖައްސައިދީފައިވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މަޖިލީހުގެ މެންބަރަކަށްހުރެ ވެސް މިހާރު ވެސް އަޅުގަނޑު މިކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ ހެލްތުކެއާ ސިސްޓަމުގެ ލޫޕްހޯލް ބައްދައި، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން. އޭގެ ތެރެއިން އަޅުގަނޑު ވަރަށް ފަހުން ވަކާލާތުކުރި ކަމެއް ރާއްޖޭގަ އެންމެ ބޮޑަށް ދިމާވެފައިވާ އެއް މައްސަލަ ދަރިމައި ނުވުމުގެ މައްސަލަ. އައިވީއެފްއަކީ އާސަންދަ ތެރެއިން ކުރެވެން ޖެހޭނެ ކަމެއްކަމަށް، ހަގީގަތަކީ ރާއްޖޭގެ ދަރިމައި ނުވުމުގެ މައްސަލަ ވަރަށް ބޮޑަށް އެބައޮތް. ކުދިން ނުލިބިގެން މީހުން އެ ޑިޕްރެޝަނަށް ގޮސް ހިތާމައިގަ އުޅޭ އެތައް ބަޔަކު އެބަތިބި" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އައިވީއެފް ހިދުމަތަކީ ރާއްޖެއިން ލިބެން ޖެހޭ އަދި އެ ހިދުމަތަށް އާސަންދަ ވެސް ލިބެންޖެހޭނެ ކަމެއް ކަމަށެވެ. އައިވީއެފް ހެދުމަށް ސަލާން ޖަހަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާގެ ސަރުކާރެއްގައި ސިއްހީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރައްވާނެ ކަމަށްވެސް ނާޒމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު