ވެސްޓް ހަމްއަށް ކުޅެމުންދިޔަ އިންގްލެންޑްގެ އިތުބާރު މިޑްފީލްޑަރު ޑެކްލަން ރައިސް، 105 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައި އާސެނަލަށް ބަދަލުވިކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
އާސެނަލުން ރައިސް ގެންދިޔަކަން ރަސްމީކޮށް އިއުލާނުކުރީ ރޭގައެވެ. އެ ކްލަބުން ރައިސް ގެންދިޔައީ 100 މިލިއަން ޕައުންޑްގެ އަގެއްގެ އިތުރުން ބޯނަސްގެ ގޮތުގައި ފަސް މިލިއަން ޕައުންޑް ދީފައެވެ. އެއީ އާސެނަލްގެ ތާރީހުގައިވެސް އެންމެ އަގުބޮޑު ޓްރާންސްފާއެވެ. މީގެ ކުރިން އާސެނަލަށް އެންމެ އަގުބޮޑުކޮށް ގެންދިޔަ ކުޅުންތެރިޔަކީ ނިކޮލަސް ޕެޕޭއެވެ. އޭނާ ލިލްއިން އާސެނަލަށް ދިޔައީ 72 މިލިއަން ޕައުންޑްގެ އަގެއްގައެވެ.
އުމުރުން 24 އަހަރުގެ ރައިސް އާސެނަލަށް ދިޔައީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުން ދެފަރާތުން ބޭނުންވާނަމަ، އިތުރު އަހަރަކަށް ދަންމާލުމަށްވެސް ފުރުސަތު އެބައޮތެވެ.
އާސެނަލުން ރައިސް ގެންދިޔަ އަގަކީ ޕްރިމިއާ ލީގުގެ ރެކޯޑު އަގާވެސް ދާދި އެއްވަރު އަގެކެވެ. މިދިޔަ އަހަރުގެ ޓްރާންސްފާ ސީޒަނުގައި ޗެލްސީން ޕްރިމިއާ ލީގުގެ ރެކޯޑު ޓްރާންސްފާއެއް ހެދީ 105.6 މިލިއަން ޕައުންޑްގެ އަގަކަށް އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އެ ކްލަބަށް ގެންގޮސްގެންނެވެ. އޭގެ ކުރިން ޕްރިމިއާ ލީގުގެ ރެކޯޑު ޓްރާންސްފާއަކީ މެންޗެސްޓާ ސިޓީން ޖެކް ގްރީލިޝް ގެންދިޔަ ޓްރާންސްފާއެވެ. ސިޓީން ވަނީ ގްރީލިޝްއަށް ވެސްޓް ހަމަށް 100 މިލިއަން ޕައުންޑް، 2021 ވަނަ އަހަރު ދީފައެވެ.
ވެސްޓް ހަމްގެ ޔޫތު ސިސްޓަމް ތެރެއިން ސީނިއާ ޓީމަށް ނުކުތް ރައިސްއަކީ މިވަގުތު އިނގިރޭސި ލީގުގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. މިހާތަނަށް ގައުމީ ޓީމަށްވެސް އޭނާ ވަނީ 41 މެޗު ކުޅެދީފައެވެ. މިދިޔަ ސީޒަނުގައި ރައިސް ވަނީ ކްލަބާއި ގައުމީ ޓީމަށް 62 މެޗު ކުޅެދީފައެވެ. މިދިޔަ ސީޒަނުގައި ވެސްޓް ހަމްއިން ޔޫއެފާ ކޮންފަރެންސް ލީގު ހޯދި އިރު، އެޓީމުގެ ތަރިއަކީވެސް ރައިސް އެވެ. އަދި އެޓީމުގެ ލީޑަރަކީވެސް ކެޕްޓަން ރައިސް އެވެ.
އާސެނަލަށް ރައިސް ހޯދުނު ތިން ބިޑަކަށްފަހުއެވެ. އާސެނަލްގެ އިތުރުން މެންޗެސްޓާ ސިޓީންވެސް ރައިސް ހޯދަން މަސައްކަތް ކުރި ނަމަވެސް، ވެސްޓް ހަމްއިން ޑިމާންޑް ކުރި 100 މިލިއަން ޕައުންޑް ބޮޑުވުމުން ސިޓީން ރައިސް ހޯދުމުގެ ހިޔާލު ދޫކޮށްލީއެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް