އާސެނަލަށް މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2030 ވަނަ އަހަރާ ހަމައަށް އާކޮށްފިއެވެ.

އާޓެޓާއާއި އާސެނަލުން މި ސީޒަނުގެ ކުރިންވެސް މަޝްވަރާތައް ކުރަމުން އައިސްފައިވާ އިރު، ކުރިން ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ މިހާރު ކުރިއަށްދާ ސީޒަނުގެ ނިޔަލަށެވެ.

ހަބަރުތައް ބުނީ އާސެނަލާއެކު އާޓެޓާ ސޮއިކޮށްފައި ވަނީ ކުރިއަށްވުރެ ބޮޑު މުސާރައެއް ލިބޭ އެއްބަސްވުމެއްގައި ކަމަށެވެ. ކުރިން ވެފައިވާ އެއްވަސްވުމުގައި ވާގޮތުން އަހަރެއްގެ މައްޗަށް އާޓެޓާއަށް 10 މިލިއަން ޕައުންޑް ޖެހޭ އިރު، ހަބަރުތައް ބުނެފައި ވަނީ މިފަހަރު އޭނާ ސޮއިކުރީ އެންމެ މުސާރަ ބޮޑު ކޯޗުންގެ ރޭންޖްގެ އެއްބަސްވުމެއްގައި ކަމަށެވެ.

އިތުބާރު ނޫސްތަކުން ބުނީ އާޓެޓާ ޑިމާންޑް ކުރީ ކުރިން މެންޗެސްޓާ ސިޓީން ކޯޗު ޕެޕް ގާޑިއޯލާއަށް ދިން ވަރުގެ މުސާރައަކަށް ކަމަށެވެ. އެއީ ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް 20 މިލިއަން ޕައުންޑެވެ. އާޓެޓާ ސޮއިކުރުމުން ބޯނަސްގެ ގޮތުގައި އިތުރު ފަސް މިލިއަން ޕައުންޑް ދޭންވެސް އެއްބަސްވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

އާޓެޓާ 2019 ވަނަ އަހަރު ޑިސެމްބަރު މަހު އާސެނަލާ ހަވާލުވެފައިވާ އިރު، އޭނާއާއެކު އެ ކްލަބުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. އެެގޮތުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލަށް އާސެނަލަށް ދިޔުމުގެ އިތުރުން ޕްރިމިއާ ލީގު ކާމިޔާބުކުރުން ހިމެނެއެވެ. އެއީ މިދިޔަ 20 އަހަރު ދުވަހުގެ ތެރޭގައިވެސް އާސެނަލަށް ލިބުނު ފުރަތަމަ ލީގު ތަށްޓެވެ.

އާޓެޓާ ބުނީ ކްލަބާއި އޭނާއާ ދެމެދު ހާއްސަ ގުޅުމެއް ގާއިމުވެފައިވާ ކަމަށާއި، އެ ގުޅުން އިތުރަށް ދެމިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އަހަންނާ އާސެނަލާ ދެމެދު ހާއްސަ ގުޅުމެއް ވަނީ ގާއިމުވެފައި. އަހަންނާއި އާސެނަލާ ދެމެދު އޮތީ ހާއްސަ ކަމެއްކަން އަހަންނަށް އިހުސާސް ކުރެވޭ. އަހަރެން މިހާތަނަށް މި ކްލަބާއެކު ހޭދަކުރި ދުވަސްތަކުގެ ހަނދާން ނެތިގެން ނުވެސް ދާނެ. އަދި މިހާރު ހޯދުނު ކާމިޔާބީތަކަކީ ފެށުމެއް. ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް،" އާޓެޓާ ބުންޏެވެ.