އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ދައުވާ އުފުލި އަހުމަދު ކްރިކް ރިޒާގެ ބައި އުނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ފަށައިފި އެވެ.

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާކޮށްފައިވެއެވެ. ރިޝްވަތު ހިފުމުގައި މެދުވެރިޔަކަށްވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލައިފައިވާއިރު، ސަން ކޮންސްޓްރަކްޝަންއާއި ސަން އިންވެސްޓްމަންޓަށް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލައިފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކުރިން ގެންގޮސްފައިވަނީ އެކުއެކީގައެވެ.

ނަމަވެސް ކްރިކް ރިޒާ ބަލިވެ އުޅޭތީ މިދިޔަ މަހުން ފެށިގެން އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވިފައެއް ނުވެއެވެ. އެހެންވެ، އިއްޔެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ރިޒާގެ ބައި އަނބުރާ ނެގުމަށް ކޯޓުގައި އެދިފައެވެ.

ކްރިމިނަލް ކޯޓުގައި ކޯޓުގައި މިހާރު ކުރިއަށްދާ އަޑުއެހުމުގައި، މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ، ދައުލަތުން އެދިފައިވާ ގޮތަށް މި މައްސަލައިގެ އަޑުއެހުންތައް ދެން ކުރިއަށްގެންދާނީ ރިޒާގެ ބައި ނުހިމެނޭ ގޮތަށް ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ އަޑުއެހުމުގައިވެސް ކުރިއަށްދަނީ ހެކިބަސް ނެގުމެވެ. އެގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ ހެކިބަސް ނެގުން މިހާރު ކުރިއަށްއެބަދެއެވެ.

ފުއްގިރި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސް ލިމިޓެޑް ކުންފުންޏަށް ކުއްޔަށް ދޫކުރުމުގެ މަޝްވަރާތަކުގައި އެ ކުންފުނީގެ މަންދޫބެއްގެ ގޮތުން އިބްރާހިމް ރަޝީދު ބައިވެރިވެވަޑައިގެންނެވި ކަމަށް، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މީގެ ކުރިން ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވަމުން ވިދާޅުވެފައިވެ އެެވެ. ނަމަވެސް ބޮންޑޭ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.