ޗެލްސީގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ، ދާއިމީކޮށް އިންޓަ މިލާނަށް ގެންދަން ބޭނުންވާ ކަމަށް ހަބަރުތައް ބުނެފިއެވެ.
އުމުރުން 30 އަހަރުގެ ލޫކާކޫ މިދިޔަ ސީޒަނުގައި އިންޓަގައި ހޭދަކުރީ ލޯން އެއްބަސްވުމެއްގައެވެ. މިދިޔަ އަހަރު އިންޓައަށް ލުކާކޫ 14 ގޯލު ޖަހައިދީފައިވާ އިރު، އެ ކްލަބާއެކު ޗެމްޕިއަންސް ލީގު ފައިނަލަށް ދިޔައެވެ. އިންޓައިން މިދިޔަ ސީޒަން ނިންމާލީ ލީގުގެ ތިންވަނައިގައެވެ.
ޗެލްސީން 2021 ވަނަ އަހަރު ލުކާކޫ ގެންދިޔައީ 97.5 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭގެ ކުރިންވެސް ޗެލްސީއަށް ކުޅުނު ލުކާކޫ، އޭގެ ކުރިން އިންޓައަށް ގެންދިޔައީ މެންޗެސްޓާ ޔުނައިޓެޑްގައި ހުއްޓައެވެ. 2019 ވަނަ އަހަރު އިންޓައިން ލުކާކޫ ގެންދިޔައީ 80 މިލިއަން ޔޫރޯގެ އަގެއްގައެވެ. އޭގެ ފަހުން އިންޓައަށް ކުޅުނު 95 މެޗުން ލުކާކޫ ވަނީ 64 ގޯލު ޖަހައިފައެވެ.
ޗެލްސީގައި ފަހުން ހޭދަކުރި ދުވަސްތަކުގައި ލުކާކޫއަށް އެންމެ އެކަށީގެންވާ ގޮތެއްގައި ކުޅެވިފައިނުވާ އިރު، އޭނާ ލޯނަށް ދިޔައީ އަލުން އިންޓައަށެވެ. އިންޓައަށް ދިޔުމަށްފަހު ލުކާކޫ ވަނީ ކޮންމެވެސް ވަރަކަށް ޗެލްސީއަށް ފާޑު ކިޔައިފައެވެ. އިންޓަގެ ފައިސާގެ ހާލަތު ގޯސްކޮށް އޮތް އިރު، ބެލެވޭ ގޮތުގައި ލުކާކޫ ގެންދަން ފަންޑް ހޯދުމަށް އިންޓައިން ބަލާނީ ގޯލްކީޕަރު އަންދްރޭ އޮނާނާ ޔުނައިޓެޑަށް ވިއްކާލައިގެންނެވެ. އެ ޑީލް ނިމުމަކާ ގާތްވެފައިވާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުގައި ޗެލްސީން ލުކާކޫއަށް ކިޔާ އަގަކީ 40 ނޫނީ 50 މިލިއަން ޕައުންޑްގެ އަގެކެވެ.
ޗެލްސީން އަންނަ ހަފުތާގައި ޕްރި ސީޒަނަށް އެމެރިކާއަށް ދާއިރު، ޗެލްސީގެ އާ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯގެ ސްކޮޑުގައި ލުކާކޫ ހިމެނޭ ކަމެއް އަދި ނޭނގެއެވެ.
ރޮމެލޫ ލުކާކޫ
ރޮމެލޫ ލުކާކޫ