ރައްޔިތުންގެ މަޖިލީހުގެ ދާއިމީ 16 ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ (241 ކޮމިޓީ) ގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލޭގޮތަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި އެއްވެސް އިސްލާހެއް މިއަދު ފާހެއް ނުވިއެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ އެ މަޖިލީހުގެ ދާއިމީ 16 ކޮމިޓީ އާއި ގާނޫނުއަސާސީން ކަނޑައަޅާފައިވާ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި އަމިއްލަ މެންބަރުން ހިމެނިފައިވާ ގޮތަށް 10 އިސްލާހެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ނުވަ އިސްލާހަކީ އިދިކޮޅު ޕީއެންސީ އާއި އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހެޅި އިސްލާހުތަކެވެ. ދެން މި މައްސަލައަށް އިސްލާހެއް ހުށަހެޅުއްވީ، އަމިއްލަ މެންބަރެއް ކަމަށްވާ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ އެވެ.
އޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނަނީ، މަޖިލިސް މެންބަރެއްގެ ގޮތުގައި ހޭދަކުރާ ފަސް އަހަރުގެ ދައުރުގެ ތެރޭގައި، އެއިން ކޮންމެ ކޮމިޓީއެއްގައިވެސް މަދުވެގެން އެއްފަހަރު ތަމްސީލު ކުރާނެ ފުރުސަތު ކޮންމެ މެންބަރަކަށްވެސް ދޭންޖެހޭނެ ކަމަށެވެ. އެ އިސްލާހަށް ތާއީދު ކުރެއްވީ އިދިކޮޅު ޕީޕީއެމްގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.
އެއިސްލާހު ފާސްކުރަން ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން، އެ އިސްލާހު ފާސްކުރަން ވޯޓު ދެއްވީ، 14 މެންބަރުންނެވެ. އިސްލާހު ފާސް ނުކުރަން 35 މެންބަރުން ވޯޓު ދެއްވިއެވެ.
އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފާއި، އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްގެ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިސްލާހު ހުށަހެޅުއްވީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ އިތުރުން ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އާއި ސްޓޭޓް އޯންޑް އެންޓާޕްރައިސަސް ކޮމިޓީ (އެސްއޯއީ) އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241) އާއި އާއްމު ކޮމިޓީ އެކުލެވިފައިވާ ގޮތަށެވެ.
- މަސްއޫލިއްޔަތު އަދާކުރާ ގޮތް ބަލާ ކޮމިޓީ: އެމްޑީޕީ 4 ޕީޕީއެމް 2 އަމިއްލަ 3 ޕީއެންސީ، އެމްއެންޕީ، ޖޭޕީ، އެމްޑީއޭ 1
- މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ: އެމްޑީޕީ4 ޕީޕީއެމް2 ޕީއެންސީ، އެމްއެންޕީ، ޖޭޕީ، އެމްޑީއޭ، އަމިއްލަ، 1
- ޖުޑިޝަރީ، ހިއުމަންރައިޓްސް، އެސްއޯއީ ކޮމިޓީ: އެމްޑީޕީ 4 ޕީޕީއެމް 2 މިނިވަން 3 ޕީއެންސީ، އެމްއެންޕީ، ޖޭޕީ، އެމްޑީއޭ، 1
- 241 ކޮމިޓީ: އެމްޑީޕީ، އަމިއްލަ، 3 ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ، 2 ޖޭޕީ، އެމްޑީއޭ، 1
- އާއްމު ކޮމިޓީ: އެމްޑީޕީ 3 ޕީޕިއެމް، އަމިއްލަ،2 ޕީއެންސީ، އެމްއެންޕީ، ޖޭޕީ، އެމްޑީއޭ، 1
- މަސްއޫލިއްޔަތު އަދާކުރާ ގޮތް ބަލާ ކޮމިޓީ: އެމްޑީޕީ 4 މިނިވަން 3 ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ، ޖޭޕީ، އެމްޑީއޭ، 1
- މާލިއްޔަތު ކޮމިޓީ: އެމްޑީޕީ 4 މިނިވަން 3 ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ، ޖޭޕީ، އެމްޑީއޭ، 1
- އާއްމު ކޮމިޓީ އާއި 241 ކޮމިޓީ: ކޮންމެ ޕާޓީއަކުން 2، އަމިއްލަ 2
މި ކޮމިޓީތަކުގެ މުގައްރިރުކަންވެސް އެމްޑީޕީއަށް ނުލިބޭގޮތަށް އިސްލާހުތަކުގައި ވަނީ ހިމަނައިފައެވެ. އެހެން ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ ބޭނުންކޮށްގެން މިއިން އެއްވެސް އިސްލާހެއް ފާސްވިޔަކަ ނުދިނެވެ.
އެހެންކަމުން ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާގޮތާބެހޭގޮތުން މަޖިލިސް ތަޅުމުގައި އޮތް ރިޕޯޓުގެ އޮޕްޝަން އެކަކަށް ރިޔާސަތުން ވޯޓަށް އެއްސެވިއެވެ.
އެއީ މަޖިލިސް ގަވާއިދުގައި ބުނާގޮތުން ނަމަ، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް ކޮމިޓީތަކުގެ ބޮޑު ޕަސެންޓެއް ލިބޭގޮތަށް އޮތް ނިންމުމެވެ. އެ ނިންމުން ފާސްކުރީ ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ނިންމުން ފާސްކުރަން ނުފެންނަކަމަށް 14 މެންބަރުން ވޯޓު ދެއްވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން އެމްޑީޕީ މެންބަރުން ހުށަހަޅައިގެން ދައުރުން ބޭރުން ބާއްވާ ޖަލްސާތަކުގެ ތެރެއިން ދެވަނަ ޖަލްސާއެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކާއި، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގައި ސީޔާސީޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއ،ި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭގޮތުން ގޮތެއް ނިންމުމެވެ.
މަޖިލިސް ކޮމިޓީތަކުގައި މެންބަރުން ހިމެނިފައިވާގޮތަށް ބަދަލު ގެންނަން ޖެހެނީ، އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް އެ ޕާޓީން ވަކިވުމާ ގުޅިގެން ކޮމިޓީތަކުގައި އެކި ޕާޓީތަކުންނާއި އަމިއްލަ މެންބަރުން ހިމެނިފައިވާ ގޮތަށް އައި ބަދަލާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު