ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ވެސް މިހާރު ބޭނުންފުޅު ގޮތަކަށް މަޖިލިސް ހިންގެވޭ ކަމަށާއި ސިފައިން ވަދެ ނުހުއްޓުވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ފެށުމަށް ށ. ފޯކައިދޫގައި މިހާރު ކުރިއަށްގެންދާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރައްޔިތުން ކުރިމަތިލާން ޖެހުނީ އަނިޔާވެރިކަމާ ކަމަށެވެ. އަދި އެ ވެރިކަމުގައި ސިޔާސީ ވެރިންނާއި ނޫސްވެރިންނާއި ފަނޑިޔާރުން އަދި ރައްޔިތުންގެ މަޖިލިސް މެންބަރުން ވެސް އަނިޔާވެރިކަމާ ކުރިމަތިލާން ޖެހުނު ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ސިޔާސީ ލީޑަރުން މިނިވަންކަމާއެކު އެބަ ހަރަކާތްތެރިވޭ. ރައްޔިތުންގެ މަޖިލިސް ވެސް، އެ މަޖިލީހުގެ ރައީސް ބޭނުންފުޅު ގޮތަކަށް ހިންގަވަމުން އެބަ ގެންދަވާ. ސިފައިން ވަދެ ނުހުއްޓުވާ. ނޫސްވެރިންގެ ގަލަމުގައި ދޯރި ޖަހާކަށް ނުޖެހޭ. ޓީވީ ޗެނަލްތައް ޖޫރިމަނާއެއް ނުކުރޭ. ބަންދުކުރާކަށް ނާންގާ، އިންޒާރެއް ވެސް ނުދޭ. ރައްޔިތުން ބޭނުންވާ ހިދުމަތްތައް ވަކި ރަށެއް ތަފާތުނުކޮށް އެ ދަނީ ލިބެމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ ކުރިއެކޭ އެގޮތަށް މި ފަސް އަހަރުވެސް ރައްޔިތުން އިންތިހާބުކުރީ ކޯލިޝަން ސަރުކާރެއް ކަމަށާއި އެހެން ފަހަރުތަކާ ހިލާފަށް ރައްޔިތުން ނިންމި ގޮތަށް މިއަދުވެސް މި ކޯލިޝަން ދެމި އެބައޮތް ކަމަށެވެ. އަދި މިއަދު މި ލިބޭ ހަމަޖެހުމާއި އަމާންކަމުގެ އެންމެ ބޮޑު ސިއްރަކީ މި ކޯލިޝަން މިގޮތަށް ދެމެހެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ވަނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮމްޕަންޓް އެލަޔަންސް (އެމްޑީއޭ) އާއެކު ކޯލިޝަން ހެއްދެވުމަށް ނިންމަވައިފައެވެ. އޭގެ ތެރެއިން އަދާލަތަކީ މި ސަރުކާރުގެ ވެސް ކޯލިޝަން ޕާޓްނަރެކެވެ.