ށ. ފޯކައިދޫއިން އަލީ ޔާމީން ( ވަން އޮންލައިން )
އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެ ދުށް އަނިޔާވެރިކަން ތަކުރާރުވާން ދިވެހިން ނޭދޭ ކަމަށް، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ފެއްޓުމަށް، މި ރަށުގައި މިހާރު ބާއްވަމުން އަންނަ ޖަލްސާގައި އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ވިދާޅުވީ، އިސްވެ ދިޔަ އަނދިރި ދުވަސްތަކަށް ދާން ދިވެހިން މިހާރު ނޭދޭ ކަމަށެވެ.
ޝައިހް އިމްރާން ވަނީ ޔާމީންގެ ސަރުކާރުގެ އަނިޔާވެރި ބައެއް އަމަލުތަކުން މިސާލު ނަންގަވައިފައެވެ. އެގޮތުން ސިޔާސީ ހައްޔަރީން ޖަލަށްލުމާއި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބައިވެރިން ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ފުރުވާލުން ފަދަ ކަންކަން ފާހަގަކުރެއްވިއެވެ.
"...،ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި ފަނޑިޔާރުން ގައިދުކޮށް، ބިކަކުރާ ކުރުން ތަކުރާރުވާކަށް ދިވެހި ރައްޔިތުން ޖާގަ ދޭކަށް ނުވާނެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިއްޒަތްތެރިކަން ކަނޑައި ވާޓަރު މައްޗަށް ކަންނެލި އުކާހެން ފާރުމަތިން އިއްޒަތްތެރި މެންބަރުން އުކޭ ދުވަސް އެއީ ރާއްޖޭގެ އިއްޒަތް ގެއްލޭ ދުވަސް. އެ ދުވަސް ދެކޭކަށް އެންމެ ރައްޔިތަކުވެސް ނޭދޭނެ،" ޝައިހް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ރައީސް ސޯލިހަކީ ކޯލިޝަނެއް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނު ފުރަތަމަ ރައީސް ކަމަށާއި ކޯލިޝަނެއްގެ އެންމެ މުހިންމު ސިފައަކީ ތަފާތުކުރުންތައް ނައްތާލައި އުފެއްދުންތެރިކަން އިސްކޮށްގެން މަސައްކަތްކުރުން ކަމަށެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އެމްއާރްއެމަށް ނިސްބަތްކޮށް ނުސީދާ ގޮތެއްގައި އިމްރާން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ބޭފުޅުން ރައީސް ސޯލިހާއެކު ކޯލިޝަން ނުހެދުމަކީ ލިބުނު ހިތާމައެއް ކަމަށެވެ.
"..، ހިތިފަތް ޖަހައިގެން ބައެއް ފަނިތައް ފަރުވާ ދީފައިވާކަން އެއީ ހިތާމައެއް. އެއްކޮށް ބޭސް ޖަހައިގެން ރަނގަޅުވާ އިރު، އެއްވެސް ލަކުނެއް ނުހުންނާނެ،" ނުސީދާ ގޮތެއްގައި ޖޭޕީއާއި އެމްއާރްއެމަށް ނިސްބަތްކުރައްވައި އިމްރާން ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ، އަރާމުކުރާނެ މާ ގިނަ ދުވަހެއް މިހާރު ނެތް ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއް ބުރުން ރައީސް ސޯލިހަށް ކާމިޔާބުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު