ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ މައްޗަށް އެމްޑީޕީ ބެހިގެންދިއުމުގެ ސަބަބުން އެންމެ ބޮޑު ލޮޅުމެއް އެރީ ރައްޔިތުންގެ މަޖިލީހަށެވެ. އެކަމުގެ ސަބަބުން މަޖިލީހުގެ މަަސައްކަތްތައް އެދެވޭގޮތަކަށް ކުރިއަކަށް ނުދެއެވެ. މަޖިލީހުގެ ކޮމިޓީތައް ވަނީ ހުއްޓުވައިފައެވެ. މަޖިލިސް ޑެޑްލޮކަށް ގެނެސްފައިވާކަމަށް ބުނެ އެއް ބަޔަކު އަނެއް ބަޔަކަށް އަންނަނީ ތުހުމަތު ކުރަމުންނެވެ.

ރައީސް ނަޝީދުގެ އިރުޝާދުގެދަށުން، ދަ ޑިމޮކްރެޓްސް އުފައްދާ މެންބަރުންނާއި އިދިކޮޅު މެންބަރުން ތުހުމަތުކުރަނީ މަޖިލިސް ޑެޑްލޮކަކަށް ގެނެސްފައިވަނީ ސަރުކާރުގެ ނުފޫޒުން ކަމަށެވެ. ސަބަބަކަށް އެބޭފުޅުން ދައްކަވަނީ، އެމްޑީޕީން ހުށަހަޅާފައިވާ، މަޖިލިސް ރައީސާއި ނާއިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެވެ.

އެބޭފުޅުން ވިދާޅުވާ ގޮތުގައި އިތުބާރުނެތްކަމުގެ ދެ މައްސަލަ މަޖިލީހުގައި ކުރިއަކަށްނުގެންދެވޭނެއެވެ. ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދަށް ހަވާލާދެއްވައި އެ ބޭފުޅުން ވިދާޅުވަނީ، ރައީސާއި ނައިބު ރައީސްގެ މައްސަލަ ހުށަހަޅާފައިވުމުން، މަޖިލީހުގެ ރިޔާސަތުގައި މަޖިލިސް ރައީސަށް ނީނދެވޭނެ ކަމަށެވެ. މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާ، އުޒުރެއްގެ ގޮތުގައި ދައްކަވައިފައެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އިތުބާރުނެތްކަމުގެ މައްސަލަ، މަޖިލީހަށް އެޖެންޑާ ކުރެވޭނީ، ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ އަނބުރާ ގެންދިއުމުން ކަމަށެވެ.

އެހެންވިދާޅުވެ، އެ މަނިކުފާނު ހަވާލާދެއްވި، ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ޅ) ގައި ބުނަނީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ، ޖަލްސާއެއްގެ ރިޔާސަތު މަޖިލިސް ރައީސް ބަލަހައްޓައިގެން ނުވާނެ ކަމަށެވެ. ހަމަ އެގޮތަށް މަޖިލީހުގެ ނާއިބު ރައީސް މަގާމުން ވަކި ކުރުމާބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނާއިބު ރައީސް ބަލަހައްޓައިގެންނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް މަޖިލީހުގެ ނާއިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ރައީސަށް ނުބެލެހެއްޓޭނެކަމަށް ގާނޫނުއަސާސީގެ އެއްވެސް މާއްދާއެއްގައި ބުނެފައެއް ނުވެއެވެ. އެއާއެކު، ގާނޫނުއަސާސީން ބާރު ލިބިގެން ހަދާފައިވާ މަޖިލީހުގެ ގަވާއިދުގައި، ވަނީ މަޖިލީހުގެ ނާއިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުން މަޖިލިސް ރައީސަށް މަތިކޮށްފައެވެ.

މަޖިލިސް ރައީސް ދެން ހަވާލާދެއްވި، މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނަނީ، މަޖިލިސް ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ޖެހިފައިވާ، ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސް ކަމަށެވެ. މި ގަވާއިދުގެ 206 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނާއިބު ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސްކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މަޖިލިސް ރައީސާއި ނާއިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްގެންދަން ހުރަހެއް އޮތްކަަމަށް ގާނޫނުއަސާސީންވެސް އަދި މަޖިސް ގަވާއިދަގައިވެސް ކަނޑައަޅައިފައެއް ނުވެއެވެ. މަޖިލީހު ގިނަ މެންބަރުންތަކެއް އެމްޑީޕީން ވަކިވުމާ ގުޅިގެން، މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ހިމެނޭގޮތް ފާސްކުރަން ޖެހޭތީ، މަޖިލިސް ރައީސް ކޮމިޓީތައް ހުއްޓުވާފައި އޮތަސް މަޖިލިސް ގަވައިދު އެކަމަށް ތަނެއް ނުދެއެވެ.

ގަވާއިދުގައި ބުނަނީ އެ ބަދަލު މަޖިލީހުން ފާސްކުރަންދެންވެސް ކޮމިޓީތަކުގައި ތިބި ބަޔަކާއެކު ކޮމިޓީތައް ކުރިއަށްދާން ޖެހޭނެ ކަމަށެވެ.

މަޖިލިސް ޑެޑްލޮކަށް ގެނައީ މަޖިލިސް ރައީސް އާއި އެ މަނިކުފާނަށް ތާއީދުކުރާ މެންބަރުން ކަމަށް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ މެންބަރުން ތުހުމަތު ކުރައްވާއިރު، އެބޭފުޅުންވެސް ސަބަބުތަކެއް ދައްކަވައެވެ.

އެބޭފުޅުން ވިދާޅުވަނީ، މަޖިލިސް ރައީސް ނަޝީދާއި ނާއިބު ރައީސް އީވާއަކީ ތިމާގެ ދެބޭފުޅުން ކަމަށްވާތީ، އެ ދެބޭފުޅުން އެކަކު އަނެކެއްގެ މައްޗަށް އިބާރުނެތްކަމަށް ފާސްކުރަން ޖެހޭތީ، އެ މައްސަލަ މަޖިލީހަށް އެޖެންޑާ ނުކުރަނީ ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅާފައިވާ މުހިއްމު ބިލުތަކުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް، ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން މަޖިލިސް ޑެޑްލޮކަށް ގެނައީ ކަމަށްވެސް ތުހުމަތު ކުރައްވައެވެ. މީގެ އިތުރުން މަޖިލިސް ރައީސްކަމުގެ މަގާމުގައި ދެމި ހުރުމަށްޓަކައި އެކި އުޒުރުތައް ދައްކަވައިގެން އެ މައްސަލަތައް މަޖިލީހުގެ ރައީސް އެޖެންޑާ ނުކުރައްވަނީ ކަމަށްވެސް އެ ބޭފުޅުން ތުހުމަތު ކުރައްވައެވެ.

މަޖިލިސް ނާއިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ 50 މެންބަރުންގެ ސޮޔާއެކު ހުށަހެޅީ، 23 މެއިގައެވެ. މަޖިލިސް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ 54 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައި ވަނީ، ޖޫން ހަތެއްގައެވެ.

މަޖިލިސް ގަވާއިދު ބުނާގޮތުން، އެއިން ކޮންމެ މައްސަލައެއްވެސް މަޖިލިސް ޖަލްސާއަށް އެޖެންޑާ ކުރަންޖެހޭނީ މައްސަަލަ ހުށަހެޅި ދުވަހުން ފެށިގެން މެންބަރުންނަށް 14 ދުވަހުގެ ނޯޓިހެއް ދިނުމަށްފަހުގައެވެ. އެހެންކަމުން މި ދެ މައްސަލަ އެކުއެކީގައި އެޖެންޑާކުރާކަށްވެސް ނުޖެހެއެވެ. އަނެއްކޮޅުން މަޖިލިސް ގަވާއިދު ބުނަނީ، އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ އެ މައްސަލައަށް އިސްކަން ދޭން ޖެހޭނެކަމަށެވެ.

ނަމަވެސް ހުސްވި ޖޫންމަހުގެ 22 ވަނަ ދުވަހު މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައީވެސް، އިބުރާރުނެތްކަމުގެ މައްސަލަތައް އެޖެންޑާ ކުރަން ޖެހޭނެކަމަށް މަޖިލިސް ގަވައިދުގައި ބުނާ މުއްދަތު ހަމަވެގެންދިޔައިރުވެސް އެކަަމަށް ގޮތެއް ކަނޑަނާޅައެވެ.

މައްސަލަތައް ބޮޑުވެ މަޖިލިސް އޮތީ ޑެޑްލޮކްގައިކަމަށް ދެފަރާތުން ކުރި ތުހުމަތުގެ ތެެރެއިން، މަޖިލީހުގެ ދެވަނަ ދައުރު ނިންމައިލިއިރު، މަޖިލިސް ރައީސް ބޭނުންފުޅުވި ކޮންމެ ދުވަހު ޖަލްސާ ބޭއްވިއެވެ. މަޖިލިސް ރައީސް ބޭނުންފުޅު ކޮންމެ މައްސަލައެއް އެޖެންޑާ ކުރެއްވިއެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމަކާ ނުލައި، އަމިއްލައަށް ވޯޓު ލެވޭގޮތް ހެދުމަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއި، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އޮތް މުއްދަތު އިތުރު ކުރަން، ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލު ފާސްކޮށްފައިވަނީވެސް އެގޮތުގެ މަތިންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލައަށް ގޮތެއް ނިމެންދެން، ހުންނެވީ ރިޔާސަތުން އެކަހެރިވެވަޑައިގެންކަމަށެވެ. ނަމަވެސް އެ މަނިކުފާނު ބޭނުންފުޅުވާ ޖަލްސާތަކުގެ ރިޔާސަތަށްވެސް ވަޑައިގަންނަވައެވެ. އަދި މަޖިލިސް ރައީސްގެ ހައިސިއްޔަތުން ދުވަހުން ދުވަހަށް ކުރިއަށްގެންދަން ޖެހޭ މަޖިލީހުގެ ހުރިހާ ކަމެއްގައި ހަރަކާތްތެރިވެވަޑައިގަންނަވައެވެ.

އެގޮތުން މަޖިލީހުގެ ދެވަނަ ދައުރު ނިންމުމަށް ޖޫން 25 ގައި ބޭއްވި މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވެސް މަޖިލިސް ރައީސެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، މަޖިލިސް އޮތީ ޑެޑްލޮކެއްގައިކަމަށް ގަބޫލު ކުރަން ދައްޗެވެ. މަޖިލިސް ކުރިއަށްދެއެވެ. ކުރިއަށް ނުދަނީ ކޮމިޓީތައެކެވެ. ޑެޑްލޮކްގައި އޮތީ ދާއިމީ ކޮމިޓީތަކެވެ. އެވެސް މަޖިލިސް ރައީސް ކުރެއްވި އަމުރާ ގުޅިގެންނެވެ.

ހުސްވި މަހުގެ 22 ވަނަ ދުވަހު ބޭއްވި ޖަލްސާގައި، މަޖިލީހުގެ ރައީސް މަޖިލީހުގެ ދެވަނަ ދައުރު ނިންމަވައިލައްލައި، މަޖިލިސް ޗުއްޓީއަށް ދިޔައީ، ދައުރު ދަންމާލުމަށް އެމްޑީޕީ މެންބަރުން ހުށަހަޅާފައި ވަނިކޮށެވެ. އެހެންކަމުން ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައިދިނުމަށް، އެމްޑީޕީން އެ އޮތީ ހުށަހަޅައިފައެވެ. އެއީ އެމްޑީޕީން މާނަކުރާ ޑެޑްލޮކްގައި، އެ ބޭފުޅުންނަށް މުހިއްމު މަސައްކަތްތަކެއް ނުނިމި ހުރުމުންނެވެ. އޭގެ ތެރޭގައި ކޮމިޓީތަކަށް މެންބަރުން ހަމަޖެއްސުމުގެ ކަންތަކާއި، މަޖިލިސް ރައީސް އާއި ނާއިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަވެސް ހިމެނެއެވެ. މަޖިލިސް މަސައްކަތްތައް އެދެވޭގޮތަށް ކުރިއަށްނުދާތީ، އޭގެ އިތުރުންވެސް މުހިއްމު ބިލުތަކެއް މަޖިލީގައި ތާށިވެފައި އެބަހުއްޓެވެ. ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، މިމަހު 25 ގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ދައުރު ވެސް ހަމަވެއެވެ. އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމުގެ މައްސަލަވެސް އޮތީ މަޖިލީހުގައި ތާށިވެފައެއެވެ..

ދައުރުން ބޭރުން މަޖިލީހުގެ ހާއްސަ ޖަލްސާތަކެއް ބާއްވައިދިނުމަށް އެދި 29 މެންބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހެޅީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ.

މަޖިލިސް ގަވާއިދުގެ 45 ވަނަ މާއްދާގައިވާ ގޮތުން، ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބޭއްވޭނީ އެކަމަށް އެދި މަދުވެގެން، މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސޮއިކޮށް، ސިޓީއަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވުމުންނެވެ. ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހޭނެ ކަމަށްވެސް ގަވައިދު ބުނެއެވެ.

އެމްޑީޕީގެ އެދުމުގެ މަތިން ދައުރުން ބޭރުގެ ހާއްސަ ޖަލްސާއެއް އިއްޔެ ވަނީ ބާއްވައިފައެވެ. އެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ، އެމްޑީޕީން ހުށަހެޅި ކަންތައްތަކުގެ ތެެރެއިން، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ތަމްސީލު ކުރަންޖެހޭ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައެވެ. ނަމަވެސް އިއްޔެގެ ޖަލްސާ ފެށިތާ މާގިނައިރެއް ނުވެ ނިންމައިލިއެވެ.

ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި، ވިލުފުށީ ދާއިރާގެ މަޖިލިސް މެންބަރު ހަސަން އަފީފް ވިދާޅުވީ، މަޖިލިސް ޖަލްސާ ބާއްވައިދިނުމަށް އެދި އެމްޑީޕީ މެންބަރުން ހުށަހެޅުއްވި އެންމެ ފުރަތަމަ ކަމަކަށް އެދިފައި އޮތީ ކޮމިޓީ ތަކުގެ މައްސަލަ އެޖެންޑާކޮށްދިނުމަށް ކަމަށެވެ. އެހެންކަމުން ޖަލްސާގައި މަސައްކަތެއްގެ ގޮތުގައި ހިމަނާފައިވަނީވެސް ހަމައެކަނި އެ މައްސަލައެވެ.

ނަމަވެސް މަޖިލިސް ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެން، ކޮމިޓީތަކަށް މެންބަރުން ކަނޑައަޅައި، މަޖިލީހުން ފާސްކުރަން، މިހާރު ފޮނުވާފައިވާ ރިޕޯޓުގައި، ކޮމިޓީ ތަކުގައި މެންބަރުން ތަމްސީލު ކުރަން ޖެހޭގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް އަފީފު ވިދާޅުވިއެވެ.

މަޖިލިސް ތަޅުމުގައި މިހާރު އޮތް ރިޕޯޓަކީ ނަޝީދާއި އަހުމަދު ރަޝީދުގެ ކުރިން 12 މަޖިލިސް މެންބަރަކު އެމްޑީޕީން ވަކިވެވަޑައިގެން، އެއީ އަމިއްލަ މެންބަރުންގެ ގޮތުގައި ހަމަޖެހުމާ ގުޅިގެން ކޮމިޓީތަކަށް މެންބަރުން ހަމަޖައްސާފައިވާ ގޮތުގެ ރިޕޯޓެކެވެ.

އަފީފު ވިދާޅުވީ، ރައީސް ނަޝީދާއި އަހުމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެން އެމްޑީޕީގެ މެންބަރުންގެ އަދަދު މަދުވެ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން މި ބަދަލާ ގުޅިގެން، ކޮމިޓީތަކަށް މިހާރު އައިސްފައިވާ ބަދަލު އަލުން ޖެހޭނީ މެންބަރުންނަށް ފޮނުވަން ކަމަށާއި އެއަށްފަހު އެ ލިސްޓަށް އިސްލާހު ހުށަހަޅަން އަލުން މެންބަރުންނަށް ހުޅުވާލަން ޖެހޭ ކަމަށްވެސް އަފީފު ވިދާޅުވިއެވެ.

މަޖިލިސް ޖަލްސާތައް ދެން ކުރިއަށްގެންދެވޭނީ، އެއައި ބަދަލަށް މެންބަރުން އިސްލާހު ހުށަހެޅުއްވުމުން ކަމަށް ވިދާޅުވެ އަފީފު އިއްޔެގެ ޖަލްސާ ވެސް ނިންމަވައިލެއްވިއެވެ. އަފީފް ޖަލްސާ ނިންމަވައިލެއްވީ، އެމްޑީޕީގެ ބައެއް މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި ފުރުސަތަށް އެދިވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ.

އެކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، ބޭއްވި ނިއުސްކޮންފަރެންސްގައި އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

އެ ނިއުސްކޮންފަރެންސްގައި، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލިސް ރައީސް މަޖިލީހުގެ ކަންތައްތައް ކުރިއަށް ގެންދަވަނީ މަޖިލިސް ގަވާއިދުގެ ބޭރުން ކަމަށެވެ.

އެގޮތުން މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންވާ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރައްވައި، މަޖިލީހުގެ ގަވާއިދުން ބޭރުން ކަންތައްތައް ކުރައްވާ ކަމަށް ތަކުރާރު ކުރެއްވިއެވެ. އަދި މަޖިލިސް ކުރިއަށް ގެންދަނީ އިދާރީ މުވައްޒަފުން ދޭ ލަފަޔާ އެއްގޮތަށް ނޫން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ހިމަނައިދިނުމަށް އެދި ތިންކަމެއް އެމްޑީޕީން ހުށަހެޅި ކަމަށެވެ. އޭގެ ތެރޭގައި، މަޖިލިސް ކޮމިޓީތައް ހިނގާނެގޮތް ހެދުމާއި، މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ގޮތެއް ނިންމައިދިނުމުގެ އިތުރުން މަޖިލީހުގެ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތައް ގެނައުން ހިމެނެއެވެ. އެއީ ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާތަކުގައި ރައީސާއި ނާއިބު ރައީސް ނޫން އެހެން މެންބަރަކަށް ރިޔާސަތުގައި އިނދެވޭ ގޮތަށް ހުށަހަޅާ އިސްލާހެކެވެ.

އާއްމުކޮށް ބާއްވާ ދައުރުން ބޭރުގެ ޖަލްސާތަކަށް، އެގޮތަށް ހުށަހަޅާ ހުރިހާކަމެއް އެޖެންޑާ ކުރަމުން ގެންދިޔަ ނަމަވެސް އިއްޔެގެ ޖަލްސާއަށް ހުށަހެޅީ އެންމެ ކަމެއްކަންވެސް އަސްލަމް ފާހަގަ ކުރެއްވިއެވެ.

މި މައްސަލަ އުފެދުނު ހިސާބުން ފެށިގެންވެސް ތަކުރާރު ކުރައްވަމުން އަންނަ ވާހަކަތަކެއް އިއްޔެގެ ނިއުސްކޮންފަރެންސްގައިވެސް އަސްލަމް ތަކުރާރު ކުރެއްވިއެވެ. ރިޔާސަތުން އެތައް ކަމަކަށް ގަވާއިދާ ހިލާފުވެފައިވާ ކަމަށެވެ. މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް، މަޖިލީހުގެ ގަވާއިދުގެ ތެރެއިން ހައްލު ހޯދުމެވެ. އަދި އެ މައްސަލައިގައި ސުޕްރީމް ކޯޓަށް ދިއުމުގެ ވާހަކައެވެ.

މަޖިލީހަށް ހުށަހަޅާފައިވާ، އެޓާނީ ޖެނެރަލްގެ އިތުބާރު ނެތްކަމުގެ މައްސަލައާއި، އެޓާނީ ޖެނެރަލް މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ މައްސަލައާއި، ފޮރިން މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި، މަޖިލީހުގެ ރައީސް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ މައްސަލައާއި، މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފައިވާއިރު، މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލީހުގައި އެއިން މަސައްކަތެއް ކުރިއަށް ގެންދެވޭނީ މި މަސަލަތައް ނިންނުމަށްފަހުގައެވެ.

ނަމަވެސް މި މައްސަލަތައް ޕާކު ކުރީވެސް، އަސްލަމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވަމުން ގެންދަވަނިކޮށެވެ. އެއިން އެއްވެސް މައްސަލައެއް އެޖެންޑާ ނުކޮށް މަޖިލިސް ޗުއްޓީއަށް ދިޔައީވެސް އަސްލަމް އެހެން ވިދާޅުވަމުން ގެންދަވަނިކޮށެވެ. ދައުރުން ބޭރުން ޖަލްސާ ބާއްވައި އެއިން އެއްވެސް ކަމެއް ނިންނުމަކާ ނުލައި ޖަލްސާ ނިންމާލުމުން އަސްލަމް އަނެއްކާވެސް މި ވިދާޅުވަނީ ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.

އަސްލަމް ތަކުރާރުކޮށް ވިދާޅުވަނީ، ގައުމުގެ އެއްބާރު ހުއްޓުވާފައި ބޭއްވިޔަ ނުދެއްވާނެ ކަމަށާއި، އެ ކަމުގައި އެންމެ ފަހު ކަމަކަށް ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް އެ ވިދަޅުވާ ފަހު ކަމަކީ ކޮބައިކަމެއް ވިދާޅެއްނުވެއެވެ. މިހާރު ކަންތައް މިދާ ގޮތުން އެއީ 19 ވަނަ މަޖިލީހުގެ ދައުރު ނިމުމުން ކަމަށްވެސް ވެދާނެއެވެ. މަޖިލީހުގައި އެޅުވިފައިވާ މަރުތަޅު ހުޅުވެން އޮތީ ސުޕްރީމް ކޯޓުން ނަމަ، އެކަން މާ ލަސް ވެސް ވެއްޖެ އެވެ.