ދަ ޑިމޮކްރެޓްސްއިން ބުންޏަސް "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓާލަން ނުޖެހޭނެކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށްގެންދާ ކެމްޕޭނެކެވެ.
ޔާމީންގެ ރިޔާސީ ކެމްޕޭން ފެށުމުގެ ގޮތުން މިއަދު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ މާލޭގެ ގެތަކަށް ޒިޔާރަތްކުރުމުގެ ހަރަކާތެއް ފަށައިފައެވެ. އެ ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ކަންކަން ނިންމާނީ އެ ކޯލިޝަނުން ކަމަށާއި އިތުރު ބަޔަކަށް އެ ކޯލިޝަންގެ ކަންކަން ނުނިންމޭނެ ކަމަށެވެ.
"އަޅުގަނޑުމެން އެޖެންޑާ ސެޓްކުރާނީ ރައީސް ޔާމީންގެ ލަފާފުޅާއި އިރުޝާދާ އެކީގައި. އިންޑިއާ އައުޓް ކަމަށްވިޔަސް އަދި އެހެން ކަމެއް ވިޔަސް އެކަމެއް ހުއްޓާލާނީ އަޅުގަނޑުމެންގެ ރައީސްގެ މަޝްވަރާއާ އެކީގައި، ރައީސް ދެއްވާ ލަފާފުޅަކާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސެނެޓު މެމްބަރުންނަށް ވެސް އެ ކޯލިޝަންގެ ނިންމުންތަކުގެ މައުލޫމާތު ރަނގަޅަށް އެނގޭނެ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީއާއެކު ދަ ޑިމޮކްރެޓްސް ދަނީ ރިޔާސީ އިންތިހާބުގެ މަޝްވަރާތައް ކުރަމުންނެވެ. ނަމަވެސް ދަ ޑިމޮކްރެޓްސްގެ ފައުންޑަރު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެފައިވަނީ "އިންޑީއާ އައުޓް" ކެމްޕޭން ހުއްޓާނުލާނަމަ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއެކު މަސައްކަތް ނުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވެފައިވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއެކު މަސައްކަތް ކުރުމަށް އޮތް ހަމައެކަނި ހުރަހަކީ "އިންޑިއާ އައުޓް" ކެމްޕޭނު ކަމަށެވެ.
ދަ ޑިމޮކްރެޓްސްއަކީ، ނަޝީދަށް ތާއިދުކުރައްވާ މަޖިލީހުގެ ބައެއް މެމްބަރުންް އިސްވެ ތިބެ އުފެއްދެވި ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން އިއްޔެ ވަނީ އެ ޕާޓީ ރަޖިސްޓްރީކޮށްދީފައެވެ. އެ ޕާޓީ އުފެއްދުމުގެ ޖަލްސާ އަންނަ ބުދަ ދުވަހުގެ ރޭ ގިޔާސުއްދީން ސްކޫލުގައި ބާއްވާ އިރު، އެ ޖަލްސާގައި ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު