އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި މާދަމާ ރޭ އިންޑިއާއިން ނުކުންނާނީ ކުވައިތާ ދެކޮޅަށެވެ. އިންޑިއާއިން ޖެހިޖެހިގެން ނުވަ ވަނަ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ނުކުންނަނީ ރަނގަޅު ޑިފެންސިވް ރެކޯޑަކާ އެކުގައެވެ. އެންމެފަހުން އިންޑިއާއިން ކުޅުނު ބައިނަލްއަގުވާމީ 10 މެޗުގައި އެޓީމު ވަނީ ނުވަ މެޗުގައި ކްލީންޝީޓް ދަމަހައްޓައިފައެވެ. އެޓީމު ކޮޅަށް މުބާރާތުގައިވެސް ވަން ހަމައެކަނި ގޯލަކީ ކުވައިތު ކައިރިން 1-1 އިން އެއްވަރުވި މެޗުގައި ވަން ގޯލެވެ.

އިންޑިއާގެ ޑިފެންސް ލައިނަށް މެޗުން މެޗަށް ބަދަލުތަކެއްވެސް ގެންނަކަން ފާހަގަވެފައިވާ އިރު، އެޓީމުގެ ޑިފެންސް ލީޑު ކުރަމުންދަނީ އާންމުކޮށް ތަޖުރިބާކާރު ވަރުގަދަ ޑިފެންޑަރު ސަންދޭޝް ޖިންގަންއެވެ. ފައިނަލުގެ ކުރިން އިންޑިއާގެ ޕްރެސްއަށް ދިޔައީވެސް ސަންދޭޝްއެވެ.

"ކޮންމެ ކުޅުންތެރިއަކު ހުއްޓަސް މިހާރު އުނދަގުލެއް ނުވާނެ ޑިފެންސްކުރަން. އަހަރެން މި ބުނަނީ އެއީ ސިސްޓަމެއްގެ ފައިދާއޭ. އިޓަލީގެ މަޝްހޫރު ލެޖެންޑަރީ ޑިފެންޑަރު ޖޯޖިއޯ ކިއެލީނީ ބުނެފައި އިންނާނެ، ހަމަ އެއް ސްކްރިޕްޓެކޭ އިޓަލީގެ ޑިފެންސަކީ، ބަދަލުވަނީ އެކްޓަރުންނޭ. އެ ސިސްޓަމަށް މަސައްކަތް ކޮށްފިނަމަ، ނަތީޖާ ފެންނާނެ،" ސަންދޭޝް ބުންޏެވެ.

އިންޑިއާއިން ސެމީ ފައިނަލުގައި ލުބުނާނާ ދެކޮޅަށް ކުޅުނު މެޗު ސަސްޕެންޝަންގެ ސަބަބުން ސަންދޭޝްއަށް ގެއްލިފައިވާ އިރު، އޭނާ ބުނީ އެ މެޗު ގެއްލުމަކީ މާޔޫސް ކަމެއް ނަމަވެސް އޭނާ ނެތްތަން ޑިފެންސް ލައިނުން ނުދައްކާ ކަމަށެވެ. އިންޑިއާގެ ފަހަތުން އެރޭ ފުރަތަމަ 11 އަށް ނުކުތީ ސުބަހަސީޝް ބޯސްއާއި އަންވަރު އަލީގެ އިތުރުން ޕްރިތަމް ކޮޓާލް އަދި މެހެތާބު ސިންހެވެ.

"އެހެން ހުރިހާ ކުޅުންތެރިންނަށްވެސް ވާހެން، އަހަނަށްވެސް ބޮޑު މެޗެއް ނުކުޅެ ހުންނަން ޖެހުނީމަ އުނދަގޫތަކެއް ދިމާވި. އެހެން ނަމަވެސް އަހަންނަށް މާ ބޮޑަކަށް އިހުސާސެއް ނުކުރެވޭ އަހަރެން ނެތްތަން ދެއްކި ކަމަކަށް ސެމީ މެޗުގައި. އަހަރެން ނެތް ނަމަވެސް އިންޑިއާގެ ޑިފެންޑަރުން ވަރަށް ރަނގަޅަށް ކުޅެ، ތަފާތު ކުޅުމެއް ދެއްކި. އިންޑިއާގެ ޑިފެންސްއަކީ މިހާރު އެއް ގޮތަކަށް ސެޓްވެފައި އޮންނަ ޑިފެންސެއް. އެއީ ސިސްޓަމަކަށް ފިޓްވެފައި އޮންނަ ޑިފެންސެއް. އެގޮތަށް ތަމްރީނު ކުރެވިފައި އޮތީމަ ޓީމުގައި ކޮންމެ ކުޅުންތެރިންނެއް، ކޮންމެ ޑިފެންސް ލައިނެއް އޮތަސް، އެއް ކުޅުމެއް ފެންނާނެ،" ސަންދޭޝް އިތުރަށް ބުންޏެވެ.

ސަންދޭޝް ބުނީ ކުވައިތު ފަސޭހަ ނުވާނެ ކަމަށާއި، އެއީ ޓަފް މެޗަކަށް ވާނެ ކަމަށެވެ. ހާއްސަކޮށް ދެ ޓީމުންވެސް ފައިނަލަށް ނުކުންނާނީ ތަފާތު ރޫހެއްގައި މޮޅުވާން ކަމަށް ސަންދޭޝް ބުންޏެވެ. ދެ ޓީމުންވެސް ނުކުންނާނީ ކޯޗުންގެ ފިލޯސަފީ ދަނޑުމަތީގައި ސާބިތުކޮށްދޭން ކަމަށްވެސް ސަންދޭޝް ފާހަގަކުރިއެވެ.

އޭގެ އިތުރުން ސަންދޭޝް ބުނީ ގައުމީ ޓީމު ގިނަ ދުވަސްތަކެއް ވަންދެން ކޭމްޕްގައި ތިބުމުން އެކަމުގެ ފައިދާ ބޮޑު ކަމަށެވެ.

"ގިނަ ދުވަސްތަކެއް ވަންދެން ތަމްރީނުތައް ކުރުމުން މުޅި ޓީމު އެކުވެފައި މިހާރު މިއޮތީ. ޓީމު ގިނަ ދުވަސްތަކެއް ވަންދެން ތަމްރީނުކުރުމަކީ އަބަދުވެސް ފައިދާ ވާ ކަމެއް. ޓީމުގައި މިހާރު އޮތް ކުޅުންތެރިންގެ މެންޓާލިޓީވެސް ވަރަށް ބޮޑަށް ރަނގަޅުކޮށް ފެންނަނީ. ފިޓްނަސްވެސް. އެއީ ގިނަ ދުވަސްތަކަކުން ވާ ކަންކަން. ރަނގަޅު ޕާޓްނާޝިޕްތަކެއް ހުރިހާ ކުޅުންތެރިންގެ މެދުގައިވެސް އޮތީ. އެހެންވީމަ އެއީ ވަރަށް ބޮޑު ތަފާތެއް މި ޓީމުގެ. އަހަރެން ފަހުރުވެރިވޭ މި ޓީމާ ދޭތެރޭ،" މިއަދު ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި ބޭއްވި ޕްރެސްގައި ސަންދޭޝް ބުންޏެވެ.

ސަންދޭޝް ވަނީ ޑިފެންސިވްލީ ޓީމު ރަނގަޅު ކުރުމަށް އިންޑިއާގެ އެސިސްޓެންޓް ކޯޗު، މަހޭޝްގެ މަސައްކަތްވެސް މިއަދުގެ ޕްރެސްގައި ފާހަގަކޮށްފައެވެ. ސަންދޭޝް އިތުރަށް ބުނީ އިންޑިއާއިން އެންމެފަހުން ކުޅުނު 10 ވަރަކަށް މެޗުގައި އިދިކޮޅަށް ނުކުތް އެންމެ ވަރުގަދަ ޓީމަކީ ކުވައިތު ކަމަށް ގަބޫލުކުރާ ކަމަށެވެ.

އިންޑިއާއާއި ކުވައިތުން ވާދަކުރާ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ ރާއްޖެ ގަޑިން 7:00 ގައެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.