އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2023 ގެ ފައިނަލް މެޗަށް ނުކުންނަ އިރު، ޓީމަށް މާ ބޮޑު ޕްރެޝަރެއް ނޯންނާނެ ކަމަށާއި، ފައިނަލް މެޗަކީ އުފާކޮށްލެވޭނެ މެޗަކަށް ވާން ޖެހޭނެ ކަމަށް ކުވައިތުގެ ޕޯޗުގަލް ކޯޗު، ރުއި ބެންޓޯ ބުނެފިއެވެ.
މިއަހަރު ސާފް ޗެމްޕިއަންޝިޕްގައި މުޅިން އަލަށް ވާދަކުރާ ކުވައިތުން ފައިނަލާ ހަމައަށް ދިޔައީ އުނދަގޫ ސެމީ ފައިނަލެއްގައި ބަންގްލަދޭޝް ބަލިކޮށްފައެވެ. އަނެއްކޮޅުން އިންޑިއާއިން ޖެހިޖެހިގެން އެޓީމުގެ ނުވަ ވަނަ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދިޔައީ ޕެނަލްޓީގައި ލުބުނާން ބަލިކޮށްގެންނެވެ.
ގްރޫޕް ސްޓޭޖުގައި އިންޑިއާއާއި ކުވައިތު ވާދަކުރި މެޗު 1-1 އިން އެއްވަރުވެފައިވާ އިރު، އެ މެޗު ފެނުނީ ވަރަށް ވާދަވެރިކޮށެވެ.
"އަހަރެމެންނަށް އިންޑިއާއާ ދެކޮޅަށް ކުޅެވިއްޖެ. މިއީ އެއް ފައިނަލް. ރަނގަޅު މެޗެއް ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ނެރެވޭތޯ އަހަރެން މަސައްކަތް ކުރާނަން. ފައިނަލާ ހަމައަށް އައިމަ ދެން އޮންނާނީ ރަނގަޅު މެޗެއް ކުޅުން. ރަނގަޅަށް ފައިޓް ކުރުން. ރަނގަޅަށް ކުޅުމަށްފަހު ދެން ވާ އެއްޗެއް ބަލަން ޖެހޭނީ،" ބެންޓޯ މަޑު ރާގެއްގައި މިއަދުގެ ޕްރެސް ފަށަމުން ބުންޏެވެ.
ބެންޓޯ ބުނީ ފައިނަލަށް ދާން ބުރަކޮށް މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި، ދެން އޮންނާނީ ފައިނަލް މެޗަކީ އުފާވެރި މެޗަކަށް ހެދުމަށް މަސައްކަތް ކުރުން ކަމަށެވެ. ފައިނަލް މެޗަށް ނުކުންނަން ޖެހޭނީ ހިތްހަމަޖެހިގެން ތިބެ ކަމަށްވެސް ބެންޓޯ ބުންޏެވެ.
"މެޗަކީ ކުޅުންތެރިންނަށް ހިތްހަމަޖައްސާލެވޭނެ މެޗަކަށް ވާން ޖެހޭނެ. މާދަމާއަށް އެންމެ މުހިއްމު ކަމަކީ އުފާވެރި މެޗެއް ކުޅުން. ފައިނަލާ ހަމައަށް ދާން މިދިޔަ 14 ވަރަކަށް ދުވަހު ގިނަ މެޗުތަކެއް ކުޅެވިއްޖެ. އެހެންވީމަ ދެން އޮންނާނެ އެންމެ މުހިއްމު ކަމަކީ ހަމަޖެހިލައިގެން ފައިނަލް ކުޅުން. އެންމެ ފަހުން މެޗުގެ ކުޅުން ރަނގަޅު ނޫންވީމަ އަހަރެން އެ މެޗު ނިންމާފަ ކުޅުންތެރިން ކައިރީ އެވާހަކަ ބުނިން،" ބެންޓޯ ބުންޏެވެ.
ކޯޗު ބެންޓޯ ކުރެން އެންމެފަހުން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުވައިތު ކުޅުނީ ފިޒިކަލް ކުޅުމެއްތޯ އިންޑިއާ ނޫސްވެރިން އަހައި ސުވާލުކުރުމުން، އޭނާ ބުނީ އެކަން ހިނގީ ދިމާ އިދިކޮޅަށް ކަމަށް ވެދާނެ ކަމަށެވެ. އެއްވެސް ވަރަކަށް މެޗަށް ޓެކްޓިކްސް ބަދަލުކޮށް ކަންކަން ނުކުރާނެ ކަމަށްވެސް ކޯޗު ބުންޏެވެ.
ބެންޓޯ ބުނީ ކުވައިތުން މުބާރާތުގައި މިހާތަނަށް އައީ އެއްވެސް ޝަކުވާއެއް ނުކޮށް ކަމަށާއި، އެއްވެސް ކަމަކާ ޝަކުވާއެއް ނެތް ކަމަށެވެ.
"މިހާތަނަށް އެންމެ ގިނަ މެޗު ހަވީރު ކުޅުނީވެސް ކުވައިތުން. އެހެން ނަމަވެސް، އެކަމުގެ ވާހަކައެއްވެސް ނުދައްކަން. އިދިކޮޅު ޓީމެއްގެ، ނޫނީ ރެފްރީގެ ވާހަކައެއްވެސް ނުދައްކަން،" ބެންޓޯ ބުންޏެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލް އޮންނާނީ މާދަމާ ރޭ ރާއްޖެ ގަޑިން 7:00 ގައެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023