އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕް 2023 ގައި އިންޑިއާއަށް އޮތް އެންމެ ބޮޑު ފައިދާއަކީ ކެޕްޓަން ސުނިލް ޗެތުރީގެ "ހޯމް" ދަނޑުގައި މުބާރާތް ކުޅުމެވެ. ބެންގަލޫރަކީ އުމުރުން 38 އަހަރުގެ ފޯވަޑްގެ އުފަން ސިޓީ ނޫން ނަމަވެސް، އެއީ އޭނާގެ ހޯމްއެވެ. ބެންގަލޫރު އެފްސީއަކީ ޗެތުރީގެ ކްލަބެވެ. ސްރީ ކަންތީރަވާ ސްޓޭޑިއަމަކީ ޗެތުރީގެ ފުޓުބޯޅަ "ހޯމް" އެވެ. އެކަން މިހާތަނަށް އިންޑިއާ އިން ކުޅުނު މެޗުތަކުގައި ފެނުނެވެ. ހާއްސަކޮށް އިންޑިއާ-ޕާކިސްތާންގެ ބޮޑު ކުރިމަތިލުމުންނާއި ރޭގެ ސެމީ ފައިނަލުން އެކަން ސާފުވިއެވެ. ރޭގެ ސެމީ ފައިނަލް މެޗަށް ގާތްގަނޑަކަށް 20،000 އިންޑިއާ ސަޕޯޓަރުން ދަނޑަށް ވަދެފައިވާ އިރު، މުޅިންހެން އޮތީ ޗެތުރީ ޖާޒީތަކެވެ. އިންޑިއާއަށް ސާބަސް ދެމުން އިރުއިރުކޮޅައި ސަޕޯޓަރުން ގޮވަމުން ދިޔައީ ހީރޯ 'ޗެތުރީ' އަށެވެ.

ބެންގަލޫރުގެ އެންމެ ޝަރަފުވެރި ސްޓޭޑިއަމްގައި ރޭ އިންޑިއާ އިން ސެމީ ފައިނަލުގައި ލުބުނާން ބަލިކުރީ ޕެނަލްޓީގައެވެ. މެދުއިރުމަތީގެ ވަރުގަދަ ލުބުނާން ބަލިކުރުމަށް އިންޑިއާ އިން ފެންވަރު ސާބިތުކޮށްދިނެވެ. ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ޓީމަކީ އިންޑިއާކަން އެ ޓީމުން ވަނީ ރޭވެސް ދައްކާލައިފައެވެ. މިއީ އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ޖެހިޖެހިގެން ދަތުރުކުރި ނުވަވަނަ ފަހަރެވެ. ދައުވަތު އެރުވިގެން ވަރުގަދަ ޓީމުތައް މުބާރާތަށް އައި ނަމަވެސް، ފައިނަލުން ޖާގަ ހޯދުމަކީ އިންޑިއާގެ ފެންވަރު މައްޗަށް ޖެހެމުންދާކަމުގެ މިސާލެކެވެ. އިންޑިއާގެ ވިސްނުން އޭޝިއަން ކަޕަށް މިހާރު ހުރި އިރު، މިއީ އެ ޓީމަށް ރަނގަޅު ބިންގަލެއް އެޅުނު ސާފް ޗެމްޕިއަންޝިޕެއްކަން ޔަގީނެވެ.

ރޭގެ މެޗަށްފަހު މުޅި ސްޓޭޑިއަމް ގުގުމަމުން އިންޑިއާ އިން އުފާފާޅު ކުރި އިރު، ޗެތުރީ ދޭން ބޭނުންވި މެސެޖު ދޭން، ބެންގަލޫރު އެފްސީގެ ސަޕޯޓަރުން ކުރިމަތީގައި އޭނާ ހުއްޓިލި ވަގުތު ކޮޅެއް ދިޔައެވެ. ބެންގަލޫރު ސަޕޯޓަރުން ހުޅަނގު ފަޅީގެ ގޮނޑިބަރީގައި ތިބި އިރު، އިރުމަތީ ފަޅީން މެޗަށްފަހު ވައްޓާލި ބެނާގައި ޖަހާފައި އޮތީ "އައި އޭމް ގޮއިން ނޯ ވެއާ،" އެވެ. މާނައަކީ އެއްވެސް އެހެން ތަނަކަށް ނުދާނެ ކަމެވެ. އެ މެސެޖަކީ ޗެތުރީ އިތުރަށް ބެންގަލޫރު އެފްސީގައި މަޑުކުރަން ނިންމާ، އެ ކްލަބާ އެކު އެއްބަސްވުން އާކުރި ކަމަށް ނިންމި ނިންމުން ރަސްމީކޮށް އިއުލާން ކުރި ކުރުމެވެ.

އެ ބެނާއަކީ ޗެތުރީގެ އަމިއްލަ ބެނާއެކެވެ. ބެނާގައި ލިޔެފައިވަނީވެސް އޭނާގެ އަމިއްލަ އިބާރާތެވެ. ތައްޔާރުކޮށް، ގެންދިޔައީވެސް އަމިއްލައަށެވެ. އެ މެސެޖަކީ އަހަރުތަކެއް ތެރެއިން ބެނާތަކުން އޭނާއަށް ލިބެމުންދިޔަ އުފާވެރިކަން، ސަޕޯޓަރުންނަށް ބެނާއަކުން އޭނާ ދިން މެސެޖެކެވެ.

"ކޮންމެ ބެނާއެއްވެސް ދަނޑަށް ނެރެވޭނީ ވަރަށް މަސައްކަތުންކަން އެނގޭ. އެ ބެނާތަކުން ކުޅުންތެރިންނަށް ކުރާ އަސަރު ސަޕޯޓަރުންނަށް އިހުސާސްވާނެހެން ހިއެއްނުވޭ. އެއީ ކޮފީ ތައްޓެއްގެ ފަހު ސިޕުން ކުރެވޭ ކަހަލަ އިހުސާސެއް، މެޗުގެ ކުރިން ކުރެވޭ ކަމެއް. އަހަންނަކަށް ނޭނގެ އަހަރެންގެ ސަޕޯޓަރުން ކޮންމެ ފަހަރަކު އަހަރެންގެ އިހުސާސްތަކާ އެއްގޮތަށް ބެނާ ތައްޔާރުކުރަނީ ކިހިނެތް ކަމެއް. އަހަރެންގެ ސަޕޯޓަރުން ދަމާ ކޮންމެ ބެނާއަކުން އަހަންނަށް ތަފާތު އިހުސާސެއް ގެނުވާ. އަހަރެންގެ ސަޕޯޓަރުން އެކަމަށް ހޭދަކުރާ ވަގުތާއި ކުރާ މަސައްކަތް އިހުސާސްކުރެވޭ. އަހަރެން ބޭނުންވީ އެ ބެނާތަކުން އަހަންނަށް ގެނުވާ އުފާވެރިކަން، އެ މީހުންނަށް އިހުސާސްވާން،" ބެންގަލޫރު އެފްސީއާއެކު އެއްބަސްވުން އާކޮށް، ޗެތުރީ ބުންޏެވެ.

އާ އެއްބަސްވުމާއެކު ބެންގަލޫރާ އެކު ޗެތުރީ ކުރަމުންދާ ދަތުރަށް ހާއްސަ ބޮޅެއް އިތުރުވިއެވެ. 2013 އިން 2015 އަށް ބެންގަލޫރު އެފްސީއަށް ކުޅެ، އެ ޓީމަށް 26 ގޯލް އެ ފަހަރު ޖަހައިދިން ޗެތުރީ އޭގެ ފަހުން 2016 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް އެ ހުރީ އެ ކްލަބުގެ ލޯބީގައެވެ. ވަރުގަދަ ބެންގަލޫރު އެފްސީއަށް ދެވަނަ ފަހަރަށް ބަދަލުވި ފަހުން ޗެތުރީ ވަނީ ކްލަބަށް 60 އަށްވުރެ ގިނަ ގޯލު ޖަހައިދީފައެވެ. އެ ދަތުރު އޮތީ ކުރިއަށެވެ. ގައުމީ ޓީމަށްވެސް، ފުޓުބޯޅަވެސް ހުއްޓާލާނެ ދުވަހެއް އަދި ނޭނގޭ ކަމަށް ޗެތުރީ ބުނެފައިވާ އިރު، އައިކަނިކް ފޯވަޑްގެ ކްލަބު ދަތުރުގައި ރޭ ދިނީ ހާއްސަ މެސެޖެކެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.