ސާފް ޗެމްޕިއަންޝިޕް 2023ގެ ފައިނަލަށް އިންޑިއާ އިން ނުކުންނާނީ ކޯޗު އީގޯ ސްޓިމަކަށްޓަކައި އަދި ގައުމަށްޓަކައި ތަށި ހޯދަން ކަމަށް އެސިސްޓެންޓް ކޯޗު އަދި ކުރީގެ ޑިފެންޑަރު މަހޭޝް ގޯލީ ބުނެފިއެވެ.

އިންޑިއާގެ ބެންގަލޫރުގައި ރޭ ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ދެވަނަ ސެމީ ފައިނަލް މެޗުގައި އިންޑިއާ އިން ލުބުނާން ބަލިކުރީ ޕެނަލްޓީގައެވެ. މެޗު ޕެނަލްޓީއަށް ދިޔައީ 0-0 އިން ނަތީޖާ އެއްވަރުވެގެންނެވެ. ޕެނަލްޓީގައި އިންޑިއާ މޮޅުވީ 4-2ގެ ނަތީޖާ އަކުންނެވެ.

މިހާތަނަށް މުބާރާތް އަށް ފަހަރު ކާމިޔާބު ކޮށްފައިވާ އިންޑިއާއަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. 13 ވަނަ ފަހަރަށް ފައިނަލް ކުޅެން އިންޑިއާ ތައްޔާރުވާ އިރު، އެ ޓީމުގެ ފުޓުބޯޅައިގެ ފެންވަރު ހަރުފަތެއް މައްޗަށް ޖައްސާލައިފިކަން ރޭގެ މެޗުން ފެނުނެވެ. ހާއްސަކޮށް ލުބުނާން ކަހަލަ ވަރުގަދަ ގައުމެއް ކައިރީ އިންޑިއާ އިން ޑޮމިނޭޓްކޮށް ކުޅުނު ކުޅުމަށް އެސިސްޓެންޓް ކޯޗު ގޯލީ ވަނީ ތައުރީފު ކޮށްފައެވެ.

"މެޗުގެ ފުރަތަމަ 15 ވަރަކަށް މިނެޓުގައި އިންޑިއާއަށް އުނދަގޫތަކެއް ދިމާވި. އަހަރެމެންގެ ފަރާތުން ގޯސްތަކެއްވެސް ފެނުނު. އެކަމަކު އޭގެ ފަހުން އަހަރެމެން މެޗު ޑޮމިނޭޓް ކުރިން. އަހަރެމެންނަށް ފެނުނު މެޗުގެ އިންޓެންސިޓީ. އެ ފެންވަރު. ހުރިހާ ކްރެޑިޓެއް ހައްގުވަނީ ކުޅުންތެރިންނަށް. ވަރަށް މޮޅަށް ކުޅެ ފުރުސަތުތައްވެސް އުފެއްދި. ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނު ނަމަ މެޗު 3-0، ނޫނީ 4-0 އިން މޮޅުވެގެން ނިންމާލެވުނީސް،" ގޯލީ ރޭގެ ޕޯސްޓް މެޗު ޕްރެސްގައި ބުންޏެވެ.

ގޯލީގެ ނަޒަރުގައި އިންޑިއާގެ ފިޓްނަސް ރޭ އެ ޓީމަށް އެހީވިއެވެ. ކައިރި ކައިރިން މެޗުތައް ކުޅެން ޖެހުމުންވެސް ކުޅުންތެރިންގެ ޖޯޝު މެޗުގައި ފެނިގެންދިޔަ ދިޔުން ގޯލީ ފާހަގަކޮށްފައިވެއެވެ.

"ފިޓްނަސް ރަނގަޅު ކުރުމަކީ ދުވަސްތަކަކުން ކުރެވޭނެ ކަންކަން. ހަފުތާއެއްހާ ދުވަހުން އެކަންކަން ނުވާނެ. އަހަރެމެންނަށް ޓީމާއެކު ގާތްގަނޑަކަށް 50 ވަރަކަށް ދުވަސް ލިބިއްޖެ. އެހެންވީމަ އަހަރެމެންގެ ފިޓްނަސް ކޯޗު، ލޫކާ ރަޑްމަންއަށް ޓީމުގެ ފިޓްނަސް ރަނގަޅުކުރަން މުހިންމު މަސައްކަތްތަކެއް ކުރެވުނު. އަކުނިވަޔަށް ނުދަމާ، މާ ބޮޑެތި އަނިޔާތަކާވެސް ކުރިމަތި ނުލައި ޓީމުން މި މުބާރާތުގެ މިހާ ހިސާބަށްވެސް އައީ،" ގޯލީ ބުންޏެވެ.

އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް މިހާތަނަށް މުބާރާތުގައި ދެ ރަތް ކާޑު ހޯދާފައިވާ އިރު، ސާފުން ވަނީ އޭނާއާ ދޭތެރޭ ފިޔަވަޅުވެސް އަޅައިފައެވެ. ސާފުން ވަނީ ދެ މެޗަށް ސްޓިމަކް ސަސްޕެންޑްކޮށް، 500 ޑޮލަރުން ޖޫރިމަނާވެސް ކޮށްފައެވެ. އެހެންކަމުން އިންޑިއާ އިން ކުޅޭ ފައިނަލުގައިވެސް ސްޓިމަކަށް ބެންޗުގައި ނުހުރެވޭނެއެވެ. ގޯލީ ބުނީ ކޯޗަށް ސާފުން ކަންކަން ކުރީ އިންސާފުން ނޫން ކަމަށެވެ.

"އަހަރެމެންގެ ކޯޗަށް ނުހައްގުން އަދަބު ދިނީ. އަހަންނަށް އެއްގޮތަކަށްވެސް ނޭނގެ ކޯޗު ދެ މެޗަށް ސަސްޕެންޑް ކުރަންޖެހޭ ސަބަބެއް. މީހެއްގައިގައި ޖެހި ނަމަ އެ ވަރުގެ ސަސްޕެންޝަނެއް ކުރަން ރަނގަޅު. ނަމަވެސް އެކަހަލަ ކަމަކާ ނުލައި ކޯޗު ދެ މެޗަށް ސަސްޕެންޑް ކުރީ. ޔަގީނުންވެސް ކުޅުންތެރިން ކުޅޭނީ ކޯޗާއި ގައުމަށްޓަކައި،" ރޭގެ މެޗަށްފަހު ގޯލީ އިތުރަށް ބުންޏެވެ.

އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ނުކުންނާނި ކުވައިތާ ދެކޮޅަށެވެ.